ބަނދަރުގެ ސޭފްޓީ ކަންކަން ހުރީ ޓްރާންސްޕޯޓްގެ މިންގަނޑުތަކާ އެއްގޮތަށް: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކުން ބާލަން އުޅެނިކޮށް ރޭ ކޮންޓޭނަރެއް ވެއްޓި ދެ މީހަކު މަރުވި ހާދިސާ ހިނގި އިރު އެ ބަނދަރުގެ ސެކިއުރިޓީ އާއި ސޭފްޓީ ކަންތައްތައް ހުރީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ. މޯނިން ވިޝިޕްގެ ކެރޭނުގެ ރޯޒާ ނައްޓައިގެން ގޮސް ޖެހުމުގެ ސަބަބުން މަރުވީ މ. ޕެރިސް ވިލާ، އިބްރާހިމް ޝަރީފް، 36 އާއި ނ. ކުޑަފަރީ، ޗާނދަނީގޭ މުހައްމަދު ނާޝިދު، 32، އެވެ. އަދި ކެރޭނު އޮޕަރޭޓްކުރަން އިން މީހާ ހޭނެތުމާ ގުޅިގެން އޭނާ އަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. ހާދިސާ ހިނގި އިރު އެ ތިން މީހުންގެ އިތުރުން އެމްޕީއެލްގެ ދިވެހި ފަސް މުވައްޒަފުން ފަލްކާގައި ތިއްބެވެ. އެމްޕީއެލްގެ ކާގޯ ޑިޕާޓްމެންޓްގެ މެނޭޖަރު ހާޝިމް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ: އެތަނުގެ މުވައްޒަފުންނަށް އައިއެލްއޯގެ ސޭފްޓީ ތަމްރީނު ދޭ ކަމަށް ވިދާޅުވި.-- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު އެތަނުގައި މަސައްކަތްކުރާ ބައެއް މީހުން މިއަދު "ހަވީރަ"ށް ބުނި ގޮތުގައި ބަނދަރުގެ ސޭފްޓީ ކަންތައް ހުރީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ މިންގަނޑުތަކާ އެއްގޮތަކަށް ނޫނެވެ. އެގޮތުން، ކޮންޓޭނަރު ބޭލުމުގެ މަސައްކަތްކުރާ އިރު، އެތަނުގައި ތިބެންޖެހޭ ސޭފްޓީ އޮފިސަރުން ރޭ ނެތް ކަމަށާއި ބޯޓުގެ ފަލްކާ ތެރެ ވެސް އޮތީ ވަރަށް އަނދިރިކޮށް ކަމަށެވެ. އަދި ފަސްޓް އެއިޑް ދެވޭނެ ގޮތެއް ވެސް ނެތް ކަމަށް އެމްޕީއެލްގެ ބައެއް މުވައްޒަފުން ބުންޏެވެ. "ސޭފްޓީ އޮފިސަރުން ހާދިސާ ހިނގި ތަނަށް އައީ ބައި ގަޑިއިރަށް ވުރެ ގިނައިރު ވީ ފަހުން. އަނެއްކާ އައިއެލްއޯ މިންގަނޑުގައި އެބަ ބުނޭ މިފަދަ ބޮޑު ހާދިސާއެއް ހިނގައިފި ނަމަ އެތަނުގައި ތިބޭ ހުރިހާ އެންމެންނަށް ކައުންސެލިން ދޭން ޖެހޭނެ ކަމަށް ވެސް. އެކަމަކު އެކަހަލަ އެއްވެސް ކަމެއް ވެސް ނުކުރޭ،" ނަން ހާމަނުކުރާ ގޮތަށް ވާހަކަދެއްވި މީހަކު ބުންޏެވެ. އެހެން ނަމަވެސް، އެމްޕީއެލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ މަހުދީ އިމާދު ވިދާޅުވީ ބަނދަރުގެ ސެކިއުރިޓީ އާއި ސޭފްޓީ މިންގަނޑުތައް ބަލަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަމަށާއި އެކަން ބެލުމަށް ފަހު އަހަރަކު އެއްފަހަރު އެ ހުއްދަ އާކުރާ ކަމަށެވެ. އަދި އެތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ އައިއެލްއޯގެ ސޭފްޓީ މިންގަނޑުތަކާ ބެހޭ ތަމްރީނު ލިބިފައިވާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. "މެރިޓައިމްގައި ސްޓޭންޑާޑް ހުންނަން ޖެހޭނީ އެތަނެއްގައި ކޮމްޕިޓެންޓް އޮތޯރިޓީއަކުން ކަނޑައަޅާ ސްޓޭންޑާޑްތަކަކަށް. އެއީ އައިއެލްއޯ ސްޓޭންޑާޑަށް ވުރެ މަތިވިޔަސް ކުރާނެ ކަމެއް ނެތް، އެ ގައުމެއްގައި ފަންކްޝަން ކުރަންޏާ އެ ސްޓޭންޑާޑަށް ގެންނަން ޖެހޭނެ. ރާއްޖޭގައި ކޮމްޕިޓެންޓް އޮތޯރިޓީއަކީ ޓްރާންސްޕޯޓް އޮތޯރިޓީ،" މަހުދީ ވިދާޅުވި އެވެ. ރޭގެ ހާދިސާ ހިނގި ބޯޓު: ތަހުގީގު ނިމުމުގެ ކުރިން އެ ބޯޓަށް ނުފުރޭނެ.-- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު އެމްޕީއެލްގެ ކާގޯ ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާޝިމް ވިދާޅުވި ގޮތުގައި ބޯޓުގެ އިކުއިޕްމެންޓާއި ޝިޕިން ގިއަރަކީ ބޭނުންކުރަން އެކަށޭނަ ތަކެތި ކަމަށް ކަނޑައަޅަނީ އެކަން ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ލިޔެކިއުންތަކަށް ބަލައިގެން ކަމަށެވެ. އެކަން ފުރިހަމަ ނުވާ ނަމަ އެ ބޯޓަކަށް ބަނދަރަކަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޯޓުން ކޮންޓޭނަރު ބާލާނީ ރޭގަނޑު ކަމަށާއި އެކަން ކުރާއިރު އެ ތަނަށް އެއްވެސް މީހަކަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ބަނދަރަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގާ ތަނެއް. އެގޮތުން، މާލޭ ވިޔަފާރި ބަނދަރުގައި ނިސްބަތުން އަޅުގަނޑަށް ދެންނެވޭނީ މިގޮތަށް ހިނގާ ހާދިސާތައް މަދޭ. އެކްސިޑެންޓް އަބަދުވެސް ބަނދަރުތަކުގައި ހިނގާނެ. އެކަމަކު މިކަހަލަ ނުރައްކާތެރި ހާދިސާތައް އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑުމެންގެ މިއުޅެނީ ހަތަރު ހާދިސާއެކޭ،" ހާޝިމް ވިދާޅުވި އެވެ. ބޯޓާ ގުޅޭ ގޮތުން އެމްޕީއެލްގެ މުވައްޒަފުން މީގެ ކުރިން ވެސް ޝަކުވާކޮށްފައިވޭ ނޫންތޯ "ހަވީރު"ން ސުވާލު ދެންނެވުމުން ހާޝިމް ވިދާޅުވީ ބޯޓުގެ ޝިޕިން ގިއާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ. ހަމައެކަނި ލިބިފައިވާ ޝަކުވާތަކަކީ ބޯޓުގެ ފަލްކާ ތެރެ އަނދިރިވުމާއި ތެޔޮ ހުރުން ފަދަ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ އަށް އައުމުގެ ކުރިން އެ ބޯޓު ސްރީ ލަންކާގެ ޑޮކްޔާޑުގައި މަރާމާތު ކޮށްފައިވާ ކަމަށެވެ. މި ހާދިސާ ޓްރާންސްޕޯޓް އޮތޯރިޓީ އާއި މެރިން ޕޮލިސް ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށާއި މިވަގުތު ބަނދަރުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި ބޯޓު އޮތް ސަރަހައްދު އޮތީ ބަންދުކޮށްފައި ކަމަށާއި ތަހުގީގު ނިމުމުގެ ކުރިން ބޯޓަށް ނުފުރޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. ބަނދަރުގައި އަލުން މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 7:30 އެވެ. އޭގެ ކުރިން އެމްޕީއެލްގެ މެނޭޖަރުންނާ މަޝްވަރާކޮށް، މިހާރުން މިހާރަށް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ