ޖެނިކް މާކެޓިން؛ މަހުގެ ބާޒާރުގައި ޖަޕާނުގެ އިތުބާރު ހޯދާފައި!

މަރަދޫ ބޮޑު މަގު ނިމޭ ހިސާބުކޮޅުގައި ހުރި މަސް ފެކްޓްރީ އަށް ވަން އިރު އެއް ބަޔަކު ޓްރޭތަކުން ހިކި މަސް ނަގައި ބަންދުކުރަން ތައްޔާރުވަނީ އެވެ. އަނެއް ބަޔަކު މަސް ބަންދުކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލައި މޮނިޓާ ކުރަނީ އެވެ. ފެކްޓްރީގެ އެއް ދިމާލުގައި މަސް ކައްކަނީ އެވެ. އަނެއް ފަޅީގައި މަސް ކެނޑުމުގެ މަސައްކަތެވެ. މުޅި ތަނުގައި މަހުގެ މަސައްކަތް ކުރިޔަސް ތަނުގެ ސާފުތާހިރުކަން ބޮޑެވެ. ކެއްކުމުގެ އިންތިޒާމް ހުރީ ވެސް އެހާ ރަނގަޅަށެވެ. ފެކްޓްރީގެ ތެރޭގައި މަސް ހިއްކުމަށް ބޭނުން ކުރާ އުސް ޗެމްބަރުތަކަށް ޓްރޭތައް ލައިފައި ހުއްޓެވެ. މަސް ހިއްކުމަށް ދަރު ގެންނަނީ، އެތަނުން އުފައްދާ މަސް ބޭރު ކުރާ ޖަޕާނުންނެވެ. ފެކްޓްރީ ހުރި ސަރަހައްދާ ވަރަށް ކައިރީގައި މޫދު އޮތުމުން ސާފު ތާހިރުކަމާ އެކު މަސައްކަތް ކުރިއަށް ގެންދަން އިތުރު ބާރަކަށްވެ އެވެ. މަރަދޫ ވިނަމާ އަބްދުﷲ އާރިފާއި އޭނާގެ ބޭބެ ގުޅިގެން 2008 ގައި ޖެނިކް މާކެޓިންގެ ނަމުގައި ފެށި މަސް އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަކީ މިހާރު އާއިލީ މަސައްކަތެކެވެ. އާއިލާގެ ގިނަ ބަޔަކު މި މަސައްކަތުގައި ހިއްސާވާ ކަމަށް އާރިފް ވިދާޅުވި އެވެ. ޖަޕާނުގެ މާކެޓުގައި ގަބޫލްކުރާ ފެންވަރަށް އެތަނުގައި މަސް ކައްކައި ހިއްކައި، އެ ގައުމަށް ބޭރު ކުރަމުންދާ އިރު މިއީ ވަރަށް ބޮޑަށް ހުރިހާ ކަމަކަށް ވެސް ބެލެވިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އާރިފް ވިދާޅުވި އެވެ. "މިތަނުގައި މަސައްކަތްތައް ކުރެވެމުން ދާނީ ސީދާ ޖަޕާނުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް. މަސް ގެނެސް ކައްކައި ހިއްކައި، ފޮށިގަނޑުތަކުގައި ބަންދުކުރެވޭނީ ވަރަށް ގިނަ މަރުހަލާތަކަކަށް ބެލުމަށް ފަހު. ބަންދުކުރެވޭ ކޮންމެ މަސް ފޮށްޓަކާ ބެހޭ ރިޕޯޓް ވަގުތުން ނެގޭނެ. އަދި މަހުގެ ކޮލިޓީ އާއި މަހުގެ ހުރިހާ ކަމެއް ބެލެވި ފާސްކުރެވިގެން ކޮންޓެއިނާ އަށް ލާނީ ވެސް،" އާރިފް ވިދާޅުވި އެ. "އަނެއްކާ އަޅުގަނޑުމެންނާ ގުޅިގެން ޖަޕާނަށް މަސް ގެންދާ ފަރާތްތަކުން ދޭތެރެ ދޭތެރެ އިން އައްޑު އަށް އައިސް ފެކްޓްރީގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް އަބަދުވެސް ބަލަމުން ގެންދޭ. އެހެންވެ މިތަނަކީ އެމީހުންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައި އޮތް ތަނެއް." އެތަނުން ތައްޔާރުކުރާ މަސް އާންމުކޮށް ބޭރު ކުރަނީ ކަނޑު މަގުންނެވެ. އެހެން ނަމަވެސް މަދު ފަހަރެއްގައި ވައިގެ މަގުން ވެސް ޖަޕާނަށް މަސް ފޮނުވާ ކަމަށް އާރިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ބޭރުގެ ފުލައިޓްތައް އޮޕަރޭޓް ކުރާ ނަމަ ވަރަށް ބޮޑަށް މި މަސައްކަތް ކުރިއަރައިގެން ދިޔައީސް ކަމަށެވެ. އަދި އެފަދަ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިތުރު މާކެޓްތަކަށް ދޮރު ހުޅުވޭނީ ވެސް އެފަދަ ފުރުސަތެއް ތަނަވަސްވެގެން ކަމަށް އާރިފް ގަބޫލުކުރައްވަ އެވެ. މަސް ފެކްޓްރީ ހަދާފައި ހުރީ އާރިފާއި އޭނާގެ ބޭބެގެ ދެ ގޯތީގަ އެވެ. އެތަނުގައި ވަރަށް ފުޅާކޮށް، ޖަޕާނުގެ މާކެޓް ގަބޫލްކުރާ ފެންވަރަށް ހިކި މަސް ތައްޔާރުކޮށް އެކްސްޕޯޓް ކުރެ އެވެ. އައްޑޫ ސިޓީ ކައުންސިލުން ދާދި ފަހުން މަސްވެރިކަމުގެ މަސައްކަތަށް އާރްއޭއެފް ސަރަހައްދުން ބިން ދޫކުރަން އިއުލާން ކުރުމާ ގުޅިގެން، ޖެނިކް މާކެޓުން ވަނީ އެ ސަރަހައްދުން ވެސް ކުއްޔަށް ބިމެއް ނަގަން ހުށަހަޅައިފަ އެވެ. "މި މަސައްކަތް އިތުރަށް ފުޅާކުރަން ވަރަށް ބޮޑަށް ބޭނުން. އެގޮތުން އާރްއޭއެފުން ބިމެއް ނަގައިގެން މަސް ކައްކައި އެކްސްޕޯޓް ކުރެވޭ ވަރުގެ ފެކްޓްރީއެއް ހަދަން އަޅުގަނޑުމެން ވަނީ ނިންމާފައި،" މި ވަގުތު 16 މުވައްޒަފުންނާ އެކު ކުރާ މަސައްކަތާ ބެހޭ ގޮތުން އާރިފް ވިދާޅުވި އެވެ. ޖެނިކް މާކެޓިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ގިނައީ ބިދޭސީން ނަމަވެސް ކަމާ ގުޅޭ ތަމްރީނުތައް އެމީހުންނަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން އެތަނުގައި މަސައްކަތް ކުރާ ހަތަރު ދިވެހިންގެ ތެރެއިން، މަސައްކަތުގައި އިސްކޮށް އުޅޭ ކ. ގުޅި އަބްދުﷲ ޖަލީލަކީ މަހުގެ މަސައްކަތުގައި ތަޖުރިބާ އާއި ހުނަރާއި ގާބިލްކަން ހުރި މީހެކެވެ. އޭނާ ވަނީ ޖަޕާނުގެ މަސައްކަތާ ގުޅޭ ގޮތުން ތަފާތު އެކި ފަހަރުމަތިން ތަމްރީނު ހޯދައިފަ އެވެ. ޖަލީލު ބުނީ އައްޑޫގައި މަސައްކަތް ކުރަނީ އޭނާ އެންމެ ފުރަތަމަ މި މަސައްކަތުގެ ތެރެއަށް ވަންނަން ދިމާވި ޖަޕާނުގެ މަސްވެރިކަމުގެ ވިޔަފާރިވެރިޔާގެ ސަބަބުން ކަމަށެވެ. ޖަލީލު ބުނި ގޮތުގައި އޭނާ އައްޑު އަށް ބަދަލުވީ އޭނާއާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ފަރާތުން އައްޑޫގައި އެކަން ފެށުމުންނެވެ. އަދި އައްޑޫގައި މަސައްކަތް ކުރަމުން ދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. އާރިފް ވިދާޅުވީ ޖަލީލުގެ ބެލުމުގެ ދަށުން މަސް ފެކްޓްރީގެ މަސައްކަތް ކުރިއަށް ގެންދާ އިރު މާ ބޮޑު ގޮންޖެހުމެއް ނެތް ކަމަށެވެ. އެކަމަކު މަސްވެރިކަމަކީ ދޭތެރެ ދޭތެރެ އިން ބަދަލުވަމުންދާ ކަމަކަށް ވާތީ މަސް ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. "އެނޫން މާ ބޮޑު ގޮންޖެހުމެއް ނެތް. މަސްވެރިކަމަކީ މޫސުމީ ކަމަކަށް ވާތީ މަސް ނުލިބޭ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވާނެ. އެއީ އެކަން ވާނެ ގޮތް ވެސް މެ. އެކަމަކު އަޅުގަނޑުމެން މަސް ގަންނަނީ މަސްވެރިން ބޯޓްފަހަރަށް މަސް ކިރާ އަގަށް ވުރެ ބޮޑު އަގު ދީފައި ކަމަށް ވާތީ ވަރަށް ގިނަ މަސްވެރިންނާ އަޅުގަނޑުމެންނާ އަބަދުވެސް ގުޅިފައި އޮންނާނީ،" ގާތްގަނޑަކަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްގެން ފެށި މަސައްކަތާ ބެހޭ ގޮތުން އާރިފް ވިދާޅުވި އެވެ. "އަޅުގަނޑުމެން އަބަދުވެސް ބަލަނީ ސަޕްލައި ނުހުއްޓި މިކަން ކުރިއަށް ގެންދެވޭތޯ. ސަޕްލައި އަށް ލޮޅުން އަރައިފި ނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ. މަހަކީ ޖަޕާނުގައި ވަރަށް ބޮޑު ޑިމާންޑެއް އޮންނަ އެއްޗެއް. އެހެންވެ މެދުނުކެނޑި ސަޕްލައި ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދޭ އެއް ކަންތައް." ޖަޕާނަށް މަސް ބޭރުކުރުމުގެ އިތުރަށް މަސް ފެކްޓްރީ ކައިރީގައި މަހުގެ ވިޔަފާރި އަށް ހާއްސަ ފިހާރައެއް ވެސް ޖެނިކް މާކެޓިން އިން ވަނީ ހުޅުވައިފަ އެވެ. "މީ މަސް" ގެ ނަމުގައި ހިންގާ އެ ފިހާރައިން މަހުގެ އެކި ބާވަތްތައް އަބަދުވެސް ލިބެން ހުރެ އެވެ. މިއީ ޖެނިކް މާކެޓިންގެ އުފެއްދުންތައް ދިވެހިންނަށް ވެސް ލިބޭނެ މަގެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ