ލީބިއާގައި އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ ފޯރިގަދަވެފައި

ޓްރިޕޮލީ (ޖުލައި 7) - ޒަމާންވީ ހުދުމުހުތާރު ވެރިކަމަށް ފަހު ލީބިއާގައި ވެސް މިއަދު ވޯޓްލުން ކުރިއަށްދާއިރު އެގައުމުގެ ދީނީ ޕާޓީތަކުން އާންމު އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް ފަރާތްތަކުން ލަފާކުރާއިރު އެއް ބަޔަކު ބުނަނީ ހުރިހާ ފާރްރަތަކަށް ވެސް އޮތީ ހަމަހަމަ ފުރުސަތުތަކެއް ކަމަށެވެ. ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމަށް ފަހު ލީބިއާގައި ބާއްވާ ފުރަތަމަ އާންމު އިންތިހާބުގައި 100 އަށް ވުރެ ގިނަ ޕާޓީތައް ރޭހަށް ނުކުމެފައިވާއިރު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވަނީ މިފަދަ އިންތިހާބަކަށް ލީބިއާ އާ ވުމުންނެވެ. އެ ގައުމުގައި ޑިމޮކްރަސީގެ ތާރީޚެއް ނެތްއިރު ވޯޓްލުމުގެ މާ ރަނގަޅު އިންތިޒާމްތަކެއް ވެސް ނެތެވެ. އަނެއްކޮޅުން ހިޔާލު ހޯދުމުގެ ވޯޓްތައް ކުރިއަށް ގެންދިއުމުގެ ފޯރިއެއް ވެސް އެ ގައުމަކު ނެތެވެ. އެހެންކަމުން އިންތިހާބު ކާމިޔާބުކުރާނެ ބަޔަކު ލަފާކުރަން ނެގޭއިރު ސަރުކާރު މިހާރު ކޮންޓްރޯލްކުރަމުން އަންނަ އެލަޔަންސް އޮފް ނެޝެނަލް ފޯސަސް އަށް ގައުމުގައި އޮތީ ކިހާ ވަރެއްގެ ތާއީދެއް ކަމެއް ވެސް ނޭނގެ އެވެ. ގައްޒާފީގެ ވެރިކަން ވައްޓާލި މި އިއްތިހާދުގެ މައި ޕާޓީގެ ލީޑަރު އަލީ ތަރްހޫނީ ވިދާޅުވެފައި ވަނީ ގައުމުގައި އެމީހުންގެ ނުފޫޒު އޮތް ގޮތް ލަފާކުރަން ހަގީގަތުގައި ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ތިބީ ކާމިޔާބު ލިބޭނެ ކަމަށް އުއްމީދުކޮށްގެންނެވެ. ހާއްސަކޮށް ދީނީ ޕާޓީތަކުގެ އުއްމީދުތައް ވަނީ ބޮޑުވެފަ އެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. އަރަބި ދުނިޔެ އަށް މިދިޔަ އަހަރު ބިންދާލި ސިޔާސީ ރާޅުތަކާ އެކު ވެރިކަން ވެއްޓިގެން ދިޔަ ގައުމުތަކުގައި މިހާރު ވެރިކަން ކުރަމުން ދަނީ ދީނީ ޕާޓީތަކެވެ. ޓިއުނީޝިއާ އާއި މިސްރުގައި ނެގި ހުރިހާ ވޯޓެއްގައި ކުރި ހޯދީ އެ ދެ ގައުމުގެ ދީނީ ޕާޓީތަކުންނެވެ. ލީބިއާގެ ދީނީ ޕާޓީތަކަށް ބަލާއިރު އެގައުމުގެ ރައްޔިތުންގެ މެދުގައި ވެސް އެންމެ ތާއީދުބޮޑު ބަޔަކީ މުސްލިމް ބްރަދަހުޑެވެ. މުސްލިމް ބްރަދަހުޑްގެ ލީބިއާ ގޮފީގެ ސިޔާސީ ޕާޓީ އަކީ ޖަސްޓިސް އެންޑް ކޮންސްޓްރަކްޝަން އެވެ. މުސްލިމް ބްރަދަހުޑަކީ މުޅި އަރަބި ދުނިޔެ އަށް ފެތުރިފައިވާ ސިޔާސީ އަދި އިޖުތިމާއީ ޖަމާއަތެކެވެ. މިސްރުގައި ވެސް އިންތިހާބު ކާމިޔާބުކޮށްފައި ވަނީ އެމީހުންގެ ސިޔާސީ ގޮފިންނެވެ. އެހެންކަމުން ލީބިއާގެ ގޮފިން ބުނަނީ އެމީހުންނަށް އޮތް ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށެވެ. ޖަސްޓިސް އެންޑް ކޮންސްޓްރަކްޝަންގެ ވިސްނުން ހުރީ ދީނީ ހުރިހާ ޕާޓީތަކެއް އެއްކޮށްލައިގެން މަޖިލީހުގެ އަޣުލަބިއްޔަތު ނެގުމަށެވެ. ލީބިއާގެ ގާނޫނު ހަދާ މަޖިލީހުގައި 200 ގޮނޑި ސިޔާސީ ޕާޓީތަކަށް ހާއްސަކޮށްފައިވާއިރު ކުދި ޕާޓީތަކަށާއި މިނިވަން ކެންޑިޑޭޓުންނަށް 120 ގޮނޑި ހާއްސަކޮށްފައިވެ އެވެ. މުސްލިމް ބްރަދަހުޑްގެ ގޮފިން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ އަސްލު ތާއީދު އޮތީ އެމީހުންނަށެވެ. އެއީ މިހާރު ވެރިކަމުގައި އޮތް އިއްތިހާދު އެމީހުންހާ ދީނީ ބަޔަކަށް ނުވާތީ ދައްކާ ވާހަކައަކަށް ވެސް ވެދާނެ އެވެ. ނަމަވެސް ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމުގައި މުހިންމު ރޯލެއް އަދާކުރި އިއްތިހާދުން ބުނަނީ ދީނީ ފިކުރުތަކާ އެކު އިންތިހާބުގެ ނަތީޖާ ބައިބައިވެގެން ހިނގައިދާނެ ކަމަށް އެމީހުން ގަބޫލުނުކުރާ ކަމަށެވެ. ބޮޑުވަޒީރު މަހްމޫދު ޖިބްރީލް ފަދަ ލީޑަރުން ނިސްބަތްވެ ވަޑައިގަންނަވާ އިއްތިހާދުން ބުނަނީ ލީބިއާގެ އެންމެންނަކީ ވެސް މުސްލިމުން ކަމަށާއި ހުރިހާ ޕާޓީތަކަކުން ވެސް އިސްލާމް ދީން ގަބޫލުކުރާއިރު ގާނޫނު އަސާސީގެ އަސްލު ވެސް ގުޅިފައި ވަނީ އެ ދީނާ ކަމަށެވެ. އިއްތިހާދުން ބުނަނީ އެމީހުންނަށް ގަބޫލުކުރެވޭ ގޮތުން ވޯޓްތައް ބެހިގެންދާނީ ތަޖުރިބާގެ މައްޗަށެވެ. ގައުމު އާރާސްތުކުރުމުގައި އިއްތިހާދު މިހާރު ވެސް ފެއިލްވެފައިވާ ކަމަށް އެމީހުން ގަބޫލުކުރެ އެވެ. އަދި މިއީ އާ ބަޔަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ވަގުތު ކަމަށް ވެސް އެމީހުން ގަބޫލުކުރެ އެވެ. ބައެއް ފަރާތްތަކުން ބުނަނީ ލީބިއާގެ ވެރިކަމަށް ކޮންމެ ބަޔަކު އައި ނަމަވެސް މާ ބޮޑު ބަދަލުތަކެއް ފެނިގެން ނުދާނެ ކަމަށެވެ. އެންމެ ވެސް އެއް ސިޔާސަތުތަކެއް ވިއްކަމުންދާއިރު އިސްލާމީ ޝަރީއަތް ގާއިމުކުރަން ވެސް ހުރިހާ ޕާޓީތަކުން ތާއީދުކުރެ އެވެ. ލީބިއާގައި ވޯޓްނަގާ އިރު ފާހަގަކޮށްލަން ޖެހެނީ އެގައުމުގެ ގިނަ ރައްޔިތުންނަށް ވެރިކަމުގެ ތަފާތު ނިޒާމުތަކާ ބެހޭ ފުރިހަމަ މައުލޫމާތު ވެސް ނޭނގޭ ކަމެވެ. ޕާޓީ ސިސްޓަމް ރަނގަޅަށް މަސައްކަތްކުރާ ގޮތް ވެސް ނޭނގޭ ކަމެވެ. ގައްޒާފީގެ 42 އަހަރުވީ ވެރިކަމުގައި އޭނާ އޮތީ ސިޔާސީ ޕާޓީތައް މަނާކޮށްފަ އެވެ. އޭނާގެ ވެރިކަމަށް ފަހު ނަގާ ފުރަތަމަ ވޯޓްގައި 142 ޕާޓީ ވާދަކުރާއިރު 1،206 ކެނޑިޑޭޓުން ވަނީ ރޭހަށް ނުކުމެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ