ރާއްޖޭގެ ސިޔާސީ ވެރިންނަކީ މިސަރަހައްދަށް ނުކަތާ ވަރުގެ ބަޔަކަށް ވެގެން ނުވާނެ: ޔާމީން

ރާއްޖޭގެ ސިޔާސީ ވެރިންނަކީ މިސަރަހައްދަށް ވެސް ނުކަތާ ވަރުގެ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ޖަޒުބާތާއެކު ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ އިރު ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް އެންމެ ކުޑަ ނިކަމެތި ގައުމު ކަމަށާއި އަލުވިއާއި ފިޔާ ފަދަ ތަކެތި މާދަމާ ވެސް ލިބެން އޮތީ އިންޑިއާއިން ކަން ވިސްނަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔަގީން ޓީމުން ޣިޔާސުއްދީނުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ދިވެހިން އެންމެ ބޮޑަށް ކުރިމަތިލާން ޖެހެނީ ބައިނަލް އަގުވާމީ ފަރާތްތަކާއި ކަމަށާއި ކުރާ ކޮންމެ ކަމަކީ އަވައްޓެރި ގައުމުތަކާއި ބައިނަލް އަގުވާމީ މުޖުތަމައު ގަބޫލު ކުރާ މަސައްކަތްތަކަކަށް ވާން ޖެހޭ ކަމަށެވެ. ޔާމީން ވިދާޅުވީ ޕީޕީއެމުން ހާއްސަކޮށް ޔަގީން ޓީމުން މިހާރު ކުރަމުންދާ މަސައްކަތަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި އަވައްޓެރި ގައުމުތަކާއި އެކު އުފެދިފައިވާ ހިތްނުތަނަވަސްކަން ރަނގަޅު ކުރުން ކަމަށާއި އެކަން އެފެންވަރަށް ކުރާ އެހެން ބަޔަކު ނެތް ކަމަށެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ ޕީޕީއެމަކީ އެންމެ ޑިމޮކްރަޓިކް އެންމެ އުސޫލާއި ހަމަތަކަށް ބޯލަނބާ ޕާޓީ ކަމަށެވެ.
މިޖަލްސާގައި ޔާމީން ވިދާޅުވީ މީގެ ކުރިން ވެސް ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އެމަނިކުފާނު ކަމަށާއި މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި އެމަނިކުފާނަށް ތާއިދުކޮށްފި ނަމަ 30000 އިން 60000 ވުރެ ގިނަ މެމްބަރުން ރިޔާސީ އިންތިހާބުގެ ކުރިން ޕީޕީއެމަށް ހޯއްދަވާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ވޭތުވެ ދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި ދާހިލީ މިނިވަންކަން ގެއްލިފައިވާ ކަމަށާއި މުއައްސަސާތަކުގެ ބާރު ކެނޑިފައިވާ ކަމަށެވެ. އެހެން ކަމުން އެބާރުތައް ހޯއްދަވާ ދެއްވާ ހަމަޖެހުން ގާއިމުކޮށްދީ، ރާއްޖެއިން ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ހާއްސަ ސަމާލުކަމެއް ދެއްވައިގެން ޒުވާނުންގެ ކަންތައްތަކާއި ސިއްހީ ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ވެރިންނަކީ މުޅި މިސަރަހައްދަށް ނުތަކާ ވަރުގެ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ޖަޒުބާތުގައި ވާހަކަ ދައްކާ އިރު ވިސްނަވަން ޖެހޭ ކަމަށް ޔާމީން ވިދާޅުވެފައިވާ އިރު ބައެއް ސިޔާސީ ފަރާތްތަކުން ބައެއް އެއްވުންތަކުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އިންޑިއާ ފަދަ ބައެއް ގައުމުތަކައި އެކު އޮތް ގުޅުން ހީނަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ