ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ލިބޭ ފައިސާ ދައުރުވާ ގޮތެއް ބަލަނީ

ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ލިބޭ ފައިސާ ދައުރުވާ ގޮތެއް ބެލުމަށް ދިރާސާއެއް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނިންމައިފި އެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ "ކްލައިމެޓް ގަވަނަންސް އިންޓެގްރިޓީ" ނަމުގައި ކުރިއަށް ގެންދާ މި ދިރާސާއަށް މައުލޫމާތު ހޯދުމަށް ކްލައިމެޓް ގަވަނަންސް ނެޓްވޯކެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިމާވެއްޓާ ގުޅުން ހުރި ޖަމިއްޔާތަކާއި ސަރުކާރުގެ ފަރާތްތަކުގެ އިތުރުން މީޑީޔާ ހިމަނައިގެން މިއަދު ވަނީ މާލޭގައި ވޯކްޝޮޕެއް ބާއްވާފަ އެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މި ނެޓްވޯކް ގާއިމު ކުރުމުގެ ބޭނުމަކީ ކަމާ ގުޅޭ މައުލޫމާތު ރަސްމީގޮތުންނާއި ނުސީދާ ގޮތުން ވެސް ހޯދުމަށް މަގު ފަހި ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ޖަމިއްޔާ އިން ކުރާ ދިރާސާތަކުގައި ވެސް މި ނެޓްވޯކްގެ އެހީ ހޯދިދާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. "މިއީ އަޅުގަނޑުމެންނަށް ވަރަށް އާ ކަމެއް. މި ނެޓްވޯކްގައި ހިމެނޭނީ މިފަދަ ދިރާސާތައް ކުރުމަށް އެހީވުމަށް ޝައުގުވެރިވާ ސަރުކާރާއި އަމިއްލަ ޖަމިއްޔާގެ ބޭފުޅުން. އެއީ އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ކަމާ ބެހޭ މައުލޫމާތު އިނގޭނީ އެމީހުންނަށް ވާތީ،" އެ ޖަމިއްޔާ އިން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ. ދެ އަހަރު ދުވަހަށް ކުރުމަށް ނިންމާފައިވާ މި ދިރާސާގައި، އެކި ގައުމުތަކުން ތިމާވެށީގެ ޕްރޮޖެކްޓް ހިންގުމަށް ރާއްޖެ އަށް ދޭ ފައިސާ ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތަކަށްތޯ ބަލާނެ އެވެ. އަދި މި ފައިސާ ބޭނުންކުރުމުގައި އެއްވެސް ކޮރަޕްޝަނެއް ހިނގާތޯ ބެލުން ވެސް ހިމެނޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ. މި ދިރާސާއަކީ ޖަރުމަނުގެ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ކްލައިމެޓް އިނީޝިއޭޓިވްގެ އެހީގެ ދަށުން ޓްރާންޕޭރެންސީ އިންޓަނޭޝަނަލް އިން ހަ ގައުމެއްގައި ކުރިޔަށް ގެންދާ ދިރާސާ އެކެވެ. މިދިރާސާ ކުރުމަށް ނިންމާފައި ވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ޕެރޫ، މެކްސިކޯ، ޑޮމިނިކަން ރިޕަބްލިކް އަދި ކެންޔާގަ އެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ މި ފަހަރު ހަ ގައުމެއްގައި މި ދިރާސާކުރި ނަމަވެސް ކުރިމަގުގައި އެހެން ގައުމުތަކުގައި ވެސް މިފަދަ ދިރާސާތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ