ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ޖާބިރުގެ ކުންފުންޏަކާ ހަވާލުކޮށްފި

ވ.ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރަން ޖާބިރުގެ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު އެވެ.
މެރިން ޓެކްނޮލަޖީ އަކީ ޖާބިރާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުންޏަށް 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށެވެ.
ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް ބޮޑުމޮހޮރާ ދީފައިވަނީ 2012 ވަނަ އަހަރު ނަމަވެސް ކުރީ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން އަތުލާފައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި މެރިން ޓެކްނޮލަޖީ މޯލްޑިވްސް އާއި ބޮޑުމޮހޮރާ ހަވާލުކުރުމަށް ސިވިލް ކޯޓުން އެންގުމުން ވެސް ކުރީ ސަރުކާރުން ވަނީ އެއަށް އަމަލުކުރަން ދެކޮޅު ހަދާފައެވެ.
ޖާބިރު މިއަދު ވިދާޅުވީ ބޮޑުމޮހޮރާ މައްސަލައަށް ހަތް އަހަރުފަހުން އިންސާފު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރީގެ އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވީ އިންސާފަށް އުއްމީދުކޮށްގެން ކަމަށާއި ވެރިކަމުން ބޭލީ އިންސާފަށް ހުރަސް އެޅުމުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ އިންސާފު ހޯދައިދިނުމަށްކަން މިއަދު ސާބިތުކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ