މާޒިޔާ އަށް ބޮޑު ލީޑެއް، ލީގު ބޮޑު ބްރޭކަކަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ހޯދި މޮޅާ އެކު، ލީގު ބޮޑު ބްރޭކަކަށް ދާއިރު މާޒިޔާ އިން އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.
މިރޭގެ މެޗަށް ފަހު ލީގު މި ވަނީ ހަތަރު ވަނަ ފަހަރަށް ބްރޭކެއް ނަގައިފަ އެވެ. ލީގު 45 ދުވަހުގެ ބްރޭކަކަށްދާނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 14 ވަނަ ދުވަހު ގައުމީ ޓީމުން ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށާއި އަންނަ މަހު 19 ވަނަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޑިސެމްބަރު މަހު ކުރީކޮޅުގައި ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށެވެ. މިރޭގެ މޮޅާ އެކު މާޒިޔާ އިން ބްރޭކަށް ދާނީ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑަކާ އެކު 12 މެޗުން 29 ޕޮއިންޓް ހަމަކޮށްގެންނެވެ.
ލީގުގެ ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ދަ ގްރާންޑޭ އޮތީ 15 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
މެޗަށް މާޒިޔާ އިން ނުކުތީ އެންމެ ފަހުން މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ނާއިޒު ހަސަން (ދާދު) ބެންޗުގައި ބައިންދައިގެންނެވެ. އަނެއްކޮޅުން ދަ ގްރާންޑޭ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނުނު އަޔާޒު އަހުމަދު (އަޔާ) ވަނީ ދެ ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފަ އެވެ.
މާޒިޔާ އިން މެޗުގެ ހަތަރު ވަނަ މިނިޓްގައި ވަނީ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލައިފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ދަ ގްރާންޑޭ ގޯލުގައި ހުރި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ނުވަ ވަަނަ މިނިޓްގައި ދަ ގްރާންޑޭ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެރެއިން ޒުވާން ފޯވާޑް އަހުމަދު ހުސާމް ޖެހި ބޯޅަ ބޭރުވީ މާޒިޔާގެ ގޯލްކީޕަރު އަފްގާނިސްތާންގެ އޮވޭސް އަޒީޒީ އަތުގައި ޖެހިފައި ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ.
މި ދެ ފުރުސަތަށް ފަހު ފުރަތަމަ ހާފުގެ ގިނަ ވަގުތުގައި ދަ ގްރާންޑޭ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން މާޒިޔާ އިން ކުޅުނު ނަމަވެސް ރަނގަޅު ފުރުސަތެއް ތަނަވަސްނުކުރެވުނެވެ. އަނެއްކޮޅުން ދަ ގްރާންޑޭ އިން ކައުންޓަ އެޓޭކުގައި މާޒިޔާ އަށް ނުރައްކާ ކުރަން ކުރި މަސައްކަތްތައް ވެސް ދިޔައީ ކާމިޔާބުނުވެ އެވެ.
ދަ ގްރާންޑޭގެ ކްރިސްޓިއަން (ކ) ކައިރިން މާޒިޔާގެ ފޭދޫ އިއްބެ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ހާފުގައި މާޒިޔާގެ ބެންޗުން ވަނީ މެޗުގެ ރެފްރީ ޒައީމްގެ ނިންމުންތަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މާޒިޔާ އިން ހިތްހަމަނުޖެހުނީ އެ ޓީމުގެ ކުޅުންތެރިންނަށް ފައުލުކުރި ނަމަވެސް ރެފްރީ ކާޑެއް ނުދައްކައި ދޫކޮށްލުމުންނާއި ދަ ގްރާންޑޭ އޭރިއާ ތެރެއިން މާޒިޔާ ކުޅުންތެރިންނަށް ފައުލުކުރި ނަމަވެސް ޕެނަލްޓީ ނުދޭތީ އެވެ.
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކޮށްފަ އެވެ. ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ހުސްކޮށްލާފައި ދިން ބޯޅަ އަސަދުﷲ ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ. ލީޑުފުޅާކުރަން މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކޮށް ދަ ގްރާންޑޭ އިން މެޗުގެ 79 ވަަނަ މިނިޓްގައި އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. ދަ ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ޖެހި ބޯޅަ ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ދަ ގްރާންޑޭގެ އަހުމަދު އިމާޒް (އާއްކޮ) އަށް މެޗުގެ ފަހު ވަގުތު މާޒިޔާ އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް ބޭނުމެއް ނުހިފުނެވެ.
މެޗުގެ ފަހު ކަށިގަނޑާ އެކު މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އޭނާ ބުނީ މާޒިޔާއާ ދެކޮޅަށް ދަ ގްރާންޑޭ ކުޅުނީ ވަރަށް ރަނގަޅު ރޫހެއްގައި އޮވެ ކަމަށާއި އީގަލްސް ކަހަލަ ޓީމު ތަކާ ދެކޮޅަށް ކުޅޭ މެޗުތަކަށްވުރެ މާ ވަރުގަދަ އަށް ކުޅުނު ކަމަށެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުޅުމާ ދޭތެރޭ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހޭ ކަމަށާއި މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭ މެޗަކުން ލިބޭ ކިތަންމެ ކުޑަ ފުރުސަތެއްގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.
"މި މެޗުން ބަލިވިޔަސް ބްރޭކަށް ފަހު އެނބުރި އަންނާނީ ވަރުގަދަކޮށް،" ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުންޏެވެ.
ބްރޭކަށް ފަހު ލީގު އަލުން ފަށާނީ އަންނަ ޑިސެމްބަރު މަހު 12 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ