އުތުރަށް ވަރަށް ވިއްސާރަ، ބައެއް ރަށްރަށުގައި ފެން ބޮޑުވެފައި

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ.
އެންމެ އުތުރުން ހއ. އަތޮޅުގެ ބައެއް ރަށްރަށުން ވާހަކަ ދެއްކި މީހުން ބުނީ ފަތިހު ވާރޭ ވެހެން ފެށި ގޮތަށް ހުއްޓާލީ މެންދުރުވާން އުޅެނިކޮށް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރަށް ށ. އަތޮޅުގެ ރަށްތަކަށް ވެސް ބޯކޮށް ވާރޭވެހި އެކި ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުންވެފައިވެ އެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފް "މިހާރު" އަށް ވިދާޅުވީ މުޅި އަތޮޅަށް ވެސް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ. ބައެއް ރަށްރަށަށް އަދިވެސް ވާރޭ ހުއްޓާނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެންބޮޑުވެގެން އެ އަތޮޅުން މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ ފުނަދޫ އިން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
ހއ. އުލިގަމު ހުކުރު މިސްކިތް ކައިރީ މިއަދު ފެން ހެދިފައި: މުޅި އުތުރަށް ވެސް މިއަދު ވިއްސާރަ.
ފުނަދޫ ކައުންސިލުން ބުނީ ރަށުގެ ހުޅަނގު ސަރަހައްދުން ތިން ދިމާލެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް ވިއްސަކަށް ގެއަކަށް ފެންވަދެ ގެއްލުންވެފައިވާ ކަމަށް ބުންޏެވެ.
"ރޭ 12 އިން ފެށިގެން އަދިވެސް ހުއްޓާނުލާ ވެހެނީ، މިހާރު ވެސް ފެން ހިންދުމުގެ މަސައްކަތް މިކުރަނީ،" ކައުންސިލް ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެއްލުންވެފައިވަނީ ކިހާ ވަރަކަށްކަން އަދި ނޭނގޭ ކަމަށެވެ. ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަނީ ފުލުހުންނާއި އާންމުން އަދި ކައުންސިލުން ގުޅިގެން ކަމަށް ވިދާޅުވި އެވެ.
އުތުރަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ ޅ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ވެފައިވެ އެވެ.
މެޓް އޮފީހުން މިހާރު އޮތީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.
ޔެލޯ އެލާޓް އެންމެ ފުރަތަމަ ނެރުނީ 7:35 އިން ފެށިގެން 11:45 އަށެވެ. އަނެއްކާ ވެސް ވަގުތު އިތުރުކޮށްފައި ވަނީ 11:45 އިން މެންދުރު ފަހު 3:00 އާ ހަމައަށެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މި ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ