ބިދޭސީން ފޮނުވާލާނީ ރުހުމުގައި، 20،000 ބިދޭސީން މިއަހަރު ފޮނުވާލެވޭނެ - ފައްޔާޒް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމަށް ކުރާ މަސައްކަތުގެ ދަށުން 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވުމަށް މަޖިލީހަށް މިނިސްޓަރ ވަޑައިގަތުމުން، މިއަދު ވަގުތު ބިދޭސީންނާ ގުޅުންހުރި ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުން ދާތީ އެކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވުމަށް މިނިސްޓަރަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވާފައެވެ. އެއީ މިއަދުގެ އެޖެންޑާގެ ބޭރުން ނިންމި ނިންމުމެކެވެ.
ފައްޔާޒް ވިދާޅުވީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް ދުވަހެއް ވަންދެން ހައްލު ނުކުރެވިވާ ސީރިއަސް މައްސަލައެއް ކަމަށާ، ބިދޭސީންނާއި މެދު ކަންތައް ވެފައިވާ ގޮތުން ދިވެއްސެއްގެ ހައިސިއްޔަތުން ލަދު ގަންނަކަމަށެވެ.
އަދި މި ސަރުކާރުން ގަވައިދާ ހިލާފަށް އުޅޭ 4000 އެއްހާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސައްހަ ލިޔެކިޔުން ހުރި ބިދޭސީނންނާއި ލިޔެކިޔުން ނެތް ބިދޭސީން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެ މައްސަލަ ހައްލު ކުރަން އަޅަމުންދާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށާ މިވަގުތު މި ކަންކަމުގައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކާ ބިދޭސީން ބޭނުން ކުރކަމަށް ފައްޔާޒް ވިދާޅުވިއެވެ.
" މިކަން ހައްލުވާތަން ހަމަގައިމުވެސް ބުއްދި އާއި ވިސްނުމުން ކޮންމެ މީހަކަށް އެނގޭނެ ފިޔަވަޅުތަކެއް ރަނގަޅު ފިޔަވަޅުތަކެއް އެޅޭކަން. ބޭނުންވާ ސްޕީޑުގައި ބައެއްކަންކަން ނުކުރެވޭ. އަޅުގަނޑުމެންގެ ފެންވަރު ހުރި ވަރަކުން އަޅުގަނޑުމެންގެ ރިސޯސެސް ހުރި ވަރަކުން ކަންކަން މިކުރެވެނީ. އަދި މި ގޮންޖެހުންތަކާއި އެއްކޮށް. މިކަން އަޅުގަނޑު އުންމީދު ކުރަނީ މިއަހަރުގެ ނިޔަލަށް 20000، 22000 ވެއްޖެއްޔާ ވަރަށް ރަނގަޅު. އަޅުގަނޑުގެ ވިސްނުމަކީ 20000 އަންޑޮކިއުމެންޓެޑް ވޯރކަރސް އެ މީހުންގެ ރުހުމުގައި ފޮނުވުން." ފައްޔާޒް ވިދާޅުވިއެވެ.
ބިދޭސީން ފޮނުވާލުމަށް ސަރުކާރުން ކުރާ މަސައްކަތަށް، ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން އުޅެނީ ބަންގްލަދޭޝް މީހުން ކަމަށްވާއިރު، އެގައުމުން ރާއްޖެއަށް ބިދޭސީ މަސައްކަތް ތެރިން ގެނައުން ވަގުތީގޮތުން މަޑު ޖައްސާލުމަކީ އެޅި މުހިންމު ފިޔަވަޅެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ބިދޭސީންގެ ތެރޭގައި އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީންވެސް ތިބި ކަމަށާ، އެ ބިދޭސީންނަށް އަނބުރާ ދާން ކަން ކުރަންވީ ގޮތްވެސް ނޭނގޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ހިނގި އެންމެ ހަޑި މުޑުދާރު އަމަލުކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ