ކޫމަންގެ ފުރަތަމަ މެޗުން ބާސާއަށް ފަސޭހަ މޮޅެއް

ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުން ވިޔަރެއާލް އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސާއިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
ބާސާގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑުވެސް ބާސާއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މި މެޗުގައި ބާސާއިން ލީޑު ނަގާފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ދިން ޕާހަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ އަރަމުން އަންނަ ޒުވާން ތަރި އަންސޫ ފަޓީއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ފިލިއްޕޭ ކުޓީނިއޯ ދިން ޕާހަކުން ފަޓީ ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.
ބާސާއިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން ފަޓީއަށް ވިޔަރެއާލުގެ މާރިއޯ ގަސްޕާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މި މެޗުގައި ބާސާއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. މި ލަނޑަކީ ވިޔަރެއާލް ޕައުލް ޓޮރޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ގްރަނާޑާ އަތުން ބޮޑު މޮޅެއް ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެތުލެޓިކޯ މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ބާސާ ދޫކޮށް ދާދި ފަހުން އެތުލެޓިކޯއާ ގުޅުނު ސުއަރޭޒް ކުޅެން އެރިއިރު، އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާ އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. ދެން މި މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ޑީއޭގޯ ކޮސްޓާ އާއި، އެންހެލް ކޮރެއާ އާއި، ޔާއޯ ފެލިކްސް އަދި މާކޮސް ލޮރެންޓޭއެވެ. މި މެޗުގައި ގްރަނާޑާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖް މޮލީނާއެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބާސާ އާއި އެތުލެޓިކޯވެސް މޮޅުވިއިރު، ލީގުގައި ދެން ބާސާއިން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. އެރޭ ބާސާ ނުކުންނާނީ ރަށުން ބޭރުގައި ސެލްޓާ ވީގޯއާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު އެތުލެޓިކޯ ނުކުންނާނީ އަމިއްލަ ދަނޑުގައި ވިޔަރެއާލާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ