ފަލަސްތީނު ރައްޔިތުންނަށްދޭ އަނިޔާތައް ހުއްޓާލަން ގޮވާލައި މަޖިލިހެއް ގަރާރެއް

އިސްރާއީލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވައި ފަލަސްތީން ރައްޔިތުންނަށް ދެމުން އަންނަ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ 1967 ވަނަ އަހަރު ފަލަސްތީންގެ ސަރަހައްދީ އިމުގެ ތެރޭގައި އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމުކޮށް އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ރާއްޖެ އިން އަބަދުވެސް ގަބޫލު ކުރާ ކަމަށެވެ.
އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެ ބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލްގެ ސުލްހަ ވެ ދެ ދައުލަތެއް ގާއިމު ކުރަން ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އިސްރާއީލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމާއި ފަލަސްތީން ރައްޔިތުންނާ މެދުގައި ހުއްޓުމެއް ނެތި އަނިޔާ ކުރަމުން ދިއުމަކީ އިންސާނީ ކަރާމާތާއި އިންސާނީ ޝަރަފް ނަގާލުން ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމުން އެ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލުމަކީ އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ހުއްޓުވަން ކުރެވޭނެ މަސައްކަތެއް ކަމަށް ބަޔާނުގައިވެއެވެ.
ރާއްޖެ ބައިވެރިވެފައިވާ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ މައްސަލައިގައި އެ ގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވާލުމަކީވެސް މުހިއްމު ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީންގެ އަޚުންނާއި އުޚްތުންނަށް ލޯބިކުރާ އަދި އަޚްވަންތަކަމާއި އުޚުތްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް ކުރާ ބަޔެއް ކަމަށާއި މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި ރައްޔިތުން ތިބީ ފަލަސްތީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ