ބޮޑުފިނޮޅުގެ ބިދޭސީންނަށް ތަރުޖަމާނެއް ހަމަޖައްސައި ނުދިން ކަމަށް ބުނެ ޖޭއެސްސީއަށް

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި 19 ބިދޭސީންނަށް މުއްދަތު މަޖިލީހުގައި ތަރުޖަމާނެއް ހަަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމައިފިއެވެ.
އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. އެމީހުން ހައްޔަރު ކުރީ އެ ރަށުގައި ހުރި ތަކެއްޗަށާއި މުދަލަށް ގެއްލުންދީ 13 ދިވެހިން ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި އާއި ފުލުހުންނާ ކުރިމަތިލި ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީއެއްގެ ގާނޫނީ ވަކީލު، އާމިނަތު ނަޝްއާ އާދިލް ނެރުއްވި ބަޔާނުގައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް އެދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މައްސަލާގައި ހުރި ކަންބޮޑުވުންތައް ބިދޭސީންގެ ފަރާތުން ޝަރީއަތުގައި ކިޔައި ދިން ކަމަށެވެ. އެކަމަކު، އެމީހުންނަށް ތަރުޖަމާނެއް ހަމަޖައްސާފައި ނުވާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މި މައްސަލަ ބ. އަތޮޅު ޖުޑީޝަލް ދާއިރާ އިން އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ބަޔާނުގައިވެއެވެ.
އޭގެ ސަަބަބެއްގެ ގޮތުގައި ނަޝްއާ ދެއްކެވީ ސީލް މޯލްޑިވްސްގެ ހިއްސާދާރުންނަކީ ބ. އަތޮޅަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމުގައި ވެފައި ބިރުދައްކާ ހަމަނުޖެހުން ހިންގާނެ ކަމަށް މީގެ ކުރިން ވެސް ރިޕޯޓްކުރެވިފައިވާއިރު، ބ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމެވެ.
ބޮޑުފިނޮޅު މައްސަލާގެ މުއްދަތު މަޖިލިސް ބޭއްވިއިރު ތަރުޖަމާނަކު ހަމަޖައްސާދީފައި ނުވާ ކަމަށް ވަކީލުން ބުނި ނަމަވެސް އެ އަޑުއެހުން ކުރިޔަށް ދިޔައިރު ތަރުޖަމާނަކާއެކު ކަމަށްވެއެވެ.
އެކަމަކު، ބަޔާނުގައި ވަނީ މުޅިން އާ ވާހަކަތަކެއް ހިއްސާކޮށްފައެވެ.
ބަޔާނުގައި ވަނީ ބޮޑުފިނޮޅުގެ ހަމަނުޖެހުން ހިނގީ ސީ މޯލްޑިވްސްގެ މުހައްމަދު އިދުރީސް ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރު ދެއްކުމުން ކަމަށް ބުނެފައެވެ. ނާ ބިދޭސީންނާ ދިމާލަށް، "ކަލޭމެންގެ ބޮޑު މީހާ (ރިޒް ކުންފުނީގެ ނައްޓު) ރަށުން ގޮސްފިއޭ، މިހާރު ރަށުގައި ކަލޭމެންގެ އެއްވެސް ބާރެއް ނެތޭ، ކަލޭމެން މުސާރަނުދީ ޑީޕޯޓްކޮށް ރަށަށް ފޮނުވާލާނަމޭ" ބުނި ކަމަށް ބަޔާނުގައިވެއެވެ.
މި އިންޒާރާ އެކު ގޭންގް ބަޔަކު ރަށަށް އަރަން މަސައްކަތް ކުރުމުން އަމިއްލަ ސަލާމަތަށް އެ މީހުން ހުއްޓުވި ކަމަށް ބިދޭސީންނާ ހަވާލާދީ ބަޔާނުގައިވެއެވެ. ބަޔާނުގައި ބުނީ ފުލުހުންނާ ކުރިމަތިލީ އެ މީހުން ކަމަށް ހީކޮށް ކަމަށެވެ.
ބިދޭސީއަކާ ހާވާލާދީ އެގޮތަށް ބުނި އިރު، ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވި ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް (ރިޒް) ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއްކޮށް ފުލުހުން މައްސަލަ ދަނީ ބަލަމުންނެވެ.
ފުލުހުން ވިދާޅުވީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ