ހުކުރު މިސްކިތް އަލުން ހުޅުވާލައިފި

އާބާތުރަ ފިލުވުމަށް ވަގުތީ ގޮތުން ބަންދުކުރުމަށްފަހު މާލޭ ހުކުރު މިސްކިތް އަލުން ހުޅުވައިފިއެވެ. ހުކުރު މިސްކިތް އަލުން ހުޅުވީ މިއަދުގެ އަސުރު ނަމާދަށްފަހުއެވެ. އެއާއެކު މާލޭ ހުކުރު މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރަން އަލުން ވަނީ ފަށައިފައެވެ. މިސްކިތުގައި އަލުން ނަމާދުކުރަން ފަށާއިރު، ކޮވިޑް19 އާއި ގުޅިގެން އެޗްޕީއޭ އާއި ކަމާއިބެހޭ އިދާރާތަކުން ދެމުންދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ވަނީ އިލްތިމާސްކޮށްފައެވެ. މަރާމަތުކޮށް އާބާތުރަ ފިލުވުމަށް ހުކުރު މިސްކިތް ބަންދު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭރު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުމުގެ މަސައްކަތަށް ދެ އަހަރު ނަގާނެ ކަމަށެވެ. ކޮވިޑާ ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހުމުން މަސައްކަތްތައް އަލުން ފެށެންދެން މިސްކިތް ހުޅުވަން ނިންމާފައިވާ ކަމަށް މިދިޔަ މެއި މަހު މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ. ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ މިސްކިތް އަލުން ހުޅުވާލަނީ އާބާތުރަ ފިލުވުމާއި މަރާމާތުގެ މަސައްކަތް ކޮވިޑާ ގުޅިގެން ލަސްވެގެން ދާތީ، ހާލަތު ހަމަޔަކަށް އެޅި، މަސައްކަތް އަލުން ފަށައިގަނެވުމާ ހަމައަށް، މިވަގުތަށް މުހިންމު މަރާމާތާ އާބާތުރަ ފިލުވުމުގެ މަސައްކަތަށްފަހު ކަމަށެވެ. ކުއްލިގޮތަކަށް މިދިޔަ އަހަރު ހުކުރު މިސްކިތް ބަންދު ކުރީ ވަރަށް ގަދައަށް ކަތުރުފަނި އަޅައި މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަންކަން ރަނގަޅު ނުކޮށް މިސްކިތް ބޭނުން ކުރުން ރައްކާތެރި ނުވާނެތީ ކަމަށް ބުނެ އެވެ. ހުކުރު މިސްކިތް މަރަމާތުކުރުމަށާއި އެތަނުގެ އާބާތުރަ ފިލުވުމަށް އިންޑިއާއިން އެހީތެރިވުމަށް ވަނީ ނިންމާފަ އެވެ. މިކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ