ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ ވަޒީފާއިން ސަސްޕެންޑްކޮށްފި

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީ އިން ވިދާޅުވީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުލްޙާ ޢަލީ ސަސްޕެންޑް ކުރުމަށް އެކޮމިޝަނުން ނިންމާފައިވަނީ، މެޖިސްޓްރޭޓާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެން ކަމަށެވެ.
އެގޮތުން އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކަކާއި އެ މައްސަލަތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، އެ މައްސަލަތައް ތަޙުޤީޤުކުރާއިރު މެޖިސްޓްރޭޓް މުލްޙާ ޢަލީ މެޖިސްޓްރޭޓްކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަތައް ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށް ޖޭއެސްސީއިން ވިދާޅުވިއެވެ.
އެހެންވެ މުލްޙާ ޢަލީ، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ކޮމިޝަނުންވަނީ ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން މީގެ ކުރިންވެސް ވަނީ ބައެއް މެޖިސްޓްރޭޓުންނާއި މެދު ފިޔަވަޅު އަޅާފައެވެ. އަދި ބައެއް މެޖިސްޓްރޭޓުން މަގާމުންވެސް ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ