ޕީޕީއެމާއެކު ކޯލިޝަން ނަހަދާ އެއްވެސް ބަޔަކަށް ކާމިޔާބެއް ނުވާނެ: ޔާމީން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއާ ވާދަކުރާއިރު ޕީޕީއެމާއެކު ކޯލިޝަން ނަހަދާ އެއްވެސް ބަޔަކަށް ކާމިޔާބު ނުވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ކޮންމެ ބޭފުޅަކު ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ޕީޕީއެމާއެކު ކޯލިޝަން ހަދައިގެން ނޫން ގޮތަކަށް އެމްޑީޕީ ބަލިކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމާއެކު ކޯލިޝަން ހަދައިފިނަމަ ފުރަތަމަ ބުރުން އެމްޑީޕީ ބަލިކުރެވޭނެ ކަމަށެވެ.
ޔާމީންގެ ވާދަވެރިޔާ އުމަރު ނަސީރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ސަރުކާރުގައި ހޭދަކުރެއްވި އިރު ލިބިވަޑައިގެންނެވި ތަޖުރިބާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ސަރުކާރު ހިންގެވި ގޮތަށް ބަލާއިރު ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ސަރުކާރު ހިންގުމުގެ ދާއިރާ އިން ތަޖުރިބާ ހުރި ބޭފުޅަކަށްވުން މުހިއްމު ކަމަށެވެ. ޔާމީން ވިދާޅުވީ ޕީޕީއެމުން ނުކުންނަ ރިޔާސީ ކެންޑިޑޭޓަކީ ތައުލީމީ މީހުންނާއި ތަންދޮރު ދަންނަ މީހުން އަދި ސިޔާސީ ޕާޓީތަކުގައި ތިބި މީހުން ވެސް ތާއީދުކުރާ ބޭފުޅަކަށް ވާންޖެހޭ ކަމަށެވެ.
"އެހެންވީމާ ޕާޓީތަކަށް ނުވަދެ ތިބި މީހުންނާއި ޕާޓީތަކުގައި ތިބި މީހުން ވެސް ވޯޓުލާނީ އެ މީހެއްގެ އެޖެންޑާ އާއި އެ މީހަކީ ކިހާވަރަކަށް ކަންތައް ކުރެވޭ މީހެއްކަން ތަޖުރިބާއާ އެކު ސާބިތުކޮށްދީފައިވާ މީހަކަށް،" ޔާމީން ވިދާޅުވި އެވެ.
އެހެން ފަހަރުތަކާ ހިލާފަށް ޔާމީން މިރޭ ވަނީ އުމަރަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތުގައި ޔާމީން އިންނެވީ ފިނިކޮޓަރީގައި ކަމަށް އުމަރު ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ ޕީޕީއެމާއި އެހެން ޕާޓީތަކުން ނުކުތީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނޫން ކަމަށެވެ. އިހުތިޖާޖަށް މަގުމައްޗަށް ނުކުތީ ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށްފައި ހުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުމާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިހުތިޖާޖްކުރިން 12 ރޭ 12 ދުވަސް ވަންދެން. ކޮބައިތޯ އުމަރު ނަސީރު؟ ކޮންތާކުތޯ ހުންނެވީ؟ އުމަރު ނަސީރު ރާއްޖޭގައި ވެސް ނުހުންނަވާނެ. އުމަރު ނަސީރު ހުންނެވީ ސިންގަޕޫރުގައި. އަޅުގަނޑުމެން ނުކުމެ އިހުތިޖާޖްކުރީ. އަދި އިހުތިޖާޖުގައި އަޅުގަނޑު ވެސް އެ މުޒާހަރާ އަށް ގޮސް ދެ ރޭ ނޫނީ ތިން ރޭ ވާހަކަ ދެއްކިން. އޭރު އަޅުގަނޑުތޯ އޭސީ ކޮޓަރީގައި އިނީ؟ އުމަރަށް ބަހުގެ ހަމަލާ ދެއްވަމުން ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުން އަދުލު އިންސާފުގެ ދާއިރާ ހަމަ މަގަށް އެޅުވުމަށް މުޒާހަރާގެ އިސް ސަފަށް ނުކުންނެވީ އުމަރު ނޫން ކަމަށާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކަމަށެވެ.
މިހާތަނަށް ބޭއްވި 19 އިންތިހާބުގައި އެމްޑީޕީއާ ވާދަކޮށް ޕީޕީއެމުން ކުރި ހޯދާފައިވަނީ އޭނާ ފިނިކޮޓަރީގައި އިންނެވީމަތޯ ޔާމީން ސުވާލު ކުރެއްވި އެވެ. ޕާޓީން ރަށްރަށަށް ދަތުރުކޮށްގެން މެމްބަރުން އިތުރުކުރުމާއ އިންތިހާބުތައް ކާމިޔާބުކުރުމުގައި އުމަރުގެ ހިއްސާއެއް ނޯންނާނެ ކަމަށް ދޭހަވާ ގޮތަށް ޔާމީން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"އަޅުގަނޑު 19 ދާއިރާ އަށް 60 އެތައް ރަށަކަށް ދާއިރު ކީއްވެގެންތޯ ރައްޔިތުންގެ އަޑު ނީވެންވީ؟ އަޅުގަނޑު ކްލާސްއީ ކަމަށް ވަންޏާ ވެދާނެ އެއީ އަޅުގަނޑުގެ ސްޓައިލް ކަމަށް. އެ ސްޓައިލް އެހެން ބޭފުޅެއްގެ ނެތިއްޔާ އެއީ އަޅުގަނޑުގެ ފޯލްޓެއް ނޫން ދެއްތޯ؟،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ އެކި މަގާމްތަކުގައި ބުރަކޮށް އުޅުއްވިއިރު އެކި މީހުން ގޮވައިގެން ސައިކޮޓަރި އަށް ވަޑައިގަތުމުގެ ފުރުސަތެއް ނުލިބޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އެތައް ވުޒާރާއެއް ހިންގެވިއިރު ވެސް ޔާމީނަށް ލީޑަޝިޕެއް ދެއްކިފައި ނުވާ ކަމަށް އުމަރު ވިދާޅުވެފައިވާތީ ރައްދު ދެއްވައި ޔާމީން ވިދާޅުވީ "އެއީ އުމަރަށް ހީފުޅުވާ ގޮތް" ކަމަށެވެ. އުމަރުގެ ވާހަކަތައް ދޮގުކުރައްވަމުން ޔާމީން ވިދާޅުވީ ސްޓެލްކޯ އާއި އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ކުރިއަރާފައިވާ މިންވަރު ބެލުމުން އޭނާގެ ލީޑަޝިޕް ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން ބާޒާރުމަތީގެ ފިހާރަތަކަށް ބަލާލިއަސް ސަރުކާރުގައި އޭނާ ކުރެއްވި މަސައްކަތް ފެންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފަހު ރާއްޖޭގެ އެންމެ ތަޖުރިބާ ހުރި ޓީމު އޮތީ އުމަރުގެ ފަހަތުގައި ކަމަށް އުމަރު ވިދާޅުވެފައިވާތީ "އެ ޓީމުގެ ކެޕްޓަންގެ ތަޖުރިބާ ނެތީ ކީއްވެތޯ" ޔާމީން ސުވާލު އުފެއްދެވި އެވެ.
"އެކްސްޕީރިއަސް ޓީމެއް ގޮވައިގެން އުޅޭ ކަމަށްވަންޏާ އެ ޓީމުގައި ހުންނަ ކެޕްޓަނަކީ މީހުން ދައްކާ ވާހަކައިގެ ތެރޭގައި ކޮބައިތޯ ރަނގަޅު ނުބައި އެނގޭ މީހަކަށް ވާންވާނެ،" އުމަރަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.
ޔާމީނަކީ ކޯލިޝަން ހެދުމަށް ޝައުގުވެރިވާ ބޭފުޅެއް ނޫން ކަމަށް ދައްކާ ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. ޔާމީން ވިދާޅުވީ ޕީޕީއެމުން ސިޔާސީ ޕާޓީތަކާ ކޯލިޝަން ހެދުމުގައި ރިޔާސީ ޕްރައިމަރީ އަށް ފަހު ކޯލިޝަން ހަދަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އިންތިހާބެއްގައި ރަނގަޅު އުސޫލްތަކާ އެކު ވާދަކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ވާދަކުރަނީ އެ އުސޫލްތަކަކާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޕްރައިމަރީގެ އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓެއްގެ ޒާތާ ބެހުން މަނާކޮށްފައިވާ އިރު ވެސް އެކަން ފެންނަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ޕާޓީ ބައިބައިކޮށް ފިތުނަ އުފެދޭ ގޮތަށް ވެސް ކެންޑިޑޭޓަކު އަމަލުކޮށްގެން ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވީ ނަމަވެސް އެކަން ވެސް ދަނީ އެގޮތަކަށް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު އުމަރު ނަސީރަށް ވެސް މި ދަންނަވަނީ، އަޅުގަނޑާ ދޭތެރޭ ޒާތީ ގޮތުން ހަމަލާދޭ އެހެން ބޭފުޅުންނަށް ވެސް މި ދަންނަވަނީ ތިކަން ނުކުރައްވާށޭ، އެނބުރި ކައިރި ނުވެވޭވަރަށް. ޕާޓީ ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭ މިންވަރަށް ނޫނިއްޔާ އަޅުގަނޑުމެންނާ ގުޅުން ނޯންނަ މިންވަރަށް ނުކުރައްވާށޭ،" ޔާމީން ވިދާޅުވި އެވެ.
ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތަސް، ޔާމީން ވިދާޅުވީ، ޕީޕީއެމް ދޫކޮށްނުލައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީ އަށް 65،000 މެމްބަރުން ހޯދުމަކީ ޓާގެޓެއް ކަމަށާއި އެކަން ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޕާޓީއެއް އުފެއްދުމުގެ ބޭނުމަކީ މެމްބަރުން އިތުރުކޮށް ކާމިޔާބު މަސައްކަތްތަކެއް ކުރުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ