އެކޮމޮޑޭޝަން ބްލޮކުގައި ރޭ ވެސް ބަޔަކު ރޯކޮށްލީ: ޕޮލިސް

ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި ހިތަދޫގައި ފުލުހުން ބޭނުން ކުރަމުން ދިޔަ އެކޮމޮޑޭޝަން ބްލޮކުގައި ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފައި ވަނިކޮށް، ރޭ ވެސް އެތަނުގައި ރޯކޮށްލާފައި ވަނީ ބަޔަކު ގަސްދުގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހިތަދޫގައި ކުރިން އޮޑިޓް އޮފީސް ހިންގި އަދި ފަހުން ފުލުހުން އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ދެވަނަ ފަހަރަށް ރޯކޮށްލުމުން، އެ އިމާރާތުގެ މަތީ ބުރި ވަނީ ވަރަށް ބޮޑަށް އަނދާފައި ކަމަށެވެ. އެ ތަނުގައި ހުރި ތަކެތި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިމާރާތުގެ ގްރައުންޑް ފްލޯ ފެބްރުއަރީ 8 ގައި ރޯކޮށްލުމުން މަތީ ބުރި ބޭނުން ކުރަމުން ދިޔައީ ގުދަނެއްގެ ގޮތުގައި ކަމަށެވެ. އަދި ރޭ އެތަނުގައި ރޯކޮށްލި އިރު، މަތީ ބައިގައި ހުރީ ބައެއް ފަރުނީޗަރުތަކާއި ފުލުހުން ބޭނުންކުރާ ބައެއް ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން އެނގިފައި ވަނީ އެތަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް. މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަނީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. "އަދި މިހާތަނަކަށް މިކަމާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ވެސް ހައްޔަރެއް ނުކުރޭ."
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7 ގައި މަގާމުން އިސްތިއުފާ ދެއްވުމާ އެކު، ޖެހިގެން އައި ދުވަހު އައްޑޫގައި ބަޔަކު ނިކުމެ ހިންގި ހަމަނުޖެހުންތަކުގައި އައްޑޫގެ ހަތަރު ކޯޓަކާއި ފުލުހުންގެ ހަތަރު މަރުކަޒަކާއި ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތަކެއް އަންދާލާފައިވެ އެވެ. މީގެ އިތުރުން ހިތަދޫގައި ހުންނަ ޕީޖީ އޮފީހަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. މި މައްސަލަތަކާ ގުޅިގެން ދައުލަތުން ވަނީ އެތައް ބައެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި ބައެއް މީހުންގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ