ކޮންމެހެން ބާއްވަން ލާޒިމު ޖަލްސާތައް އޮންނާނެ: ނަޝީދު

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް މާދަމާއިން ފެށިގެން ކުރިއަށް އޮތް 10 ދުވަސް ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވީ ނަމަވެސް ކޮންމެހެން ބާއްވަން ލާޒިމު ޖަލްސާތައް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ބަންދު ކުރި ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭތީ އެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ހަމަ އެ ގޮތަށް ސަރުކާރު ބަންދުވިޔަސް މަޖިލީހުގެ މަސައްކަތްތައް ބަންދު ކުރެވެން ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާނީ ކޮންމެހެން ބާއްވަން ލާޒިމު ޖަލްސާއެއް ބޭއްވޭ ގޮތަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ލާޒިމު ވަގުތެއް ޖެހިއްޖެނަމަ އެ ޖަލްސާއެއް ބާއްވާނެ ކަން މެންބަރުންނަށް އަންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދާނީ ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް އައިސްފިނަމަ އެ އަންގާ ގޮތެއްގެ މަތިން އެ ޖަލްސާއެއް. މަޖިލީހަށް ކޮންމެ ގަޑިއެއްގައި ވެސް ދަންނަަވަން ޖެހިދާނެ، އެހެންވީމާ މަޖިލިސް އަށް ތިޔަ ބޭފުޅުންނަށް ދެންނެވީމާ، އިއްޒަތްތެރި މެމްބަރުންނަަށް ދެންނެވީމާ، އެ ދަންނަވާ ގަޑިއެއްގައި، ދަންނަވާ ދުވަހެއްގައި، މަޖިލީހަށް އެއްވެވޭ ގޮތަކަށް ތިއްބެވުމަކީ ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެއަށް ފަހުގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ އެޖެންޑާގައި ހުރި ކަންކަން ބޭއްވުމަށް ފަހުގައި، އެ ކަމުގައި މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ހާމަ ކުރެއްވުމުގެ ގޮތުން ބަހުސްގެ ފުރުސަތެއް ހުޅުވާލައްވައިފަ އެވެ.
އެ ބަހުސް ކުރެއްވި ބައެއް އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ދެކޮޅު ހައްދަވައިފަ އެވެ. ބައެއް އެމްޑީޕީގެ މެންބަރުން ވަނީ ޓެލެކޮންފެރެންސް މެދުވެރިކޮށް ޖަލްސާތައް ކުރިއަށް ގެންދާ ގޮތަށް ނަމަވެސް ކަންކަން ހަމަޖައްސައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ. އެކަމަކު މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ މެންބަރުން ތާއީދު ކުރެއްވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާ ބަންދު ކުރުމަށެވެ.
ބައެއް މެންބަރުންގެ ވާހަކަތަކަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަގާއި ބަހުސް ކުރައްވަން ބޭނުންވާ ކޮންމެ މެންބަރަކަށް ފުރުސަތު ދެއްވަން އެމަނިކުފާނު ގަސްދު ކުރައްވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 247 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރު މަޖިލީހުގެ ރައީސް އަށް ލިބިދެ އެވެ. އެކަމަކު އެ ކަމުގައި ރައީސް ނަޝީދު ގޮތެއް ނިންމަވާނީ މަޖިލީހުގެ މެންބަރުންގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ