ކޮވިޑް-19: އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެޗްޑީސީ އިން ހަމަޖައްސައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އޮންލައިންކޮށް އެޗްޑީސީން ދޫކޮށްފައިވާ ފުލެޓް، ގޯތި އަދި ރޯހައުސްތަކުގެ ކުއްޔަށްވާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެގޮތުން ފައިސާ ދައްކާ ފްލެޓު، ގޯތި ނުވަތަ ރޯ ހައުސްގެ ތަފްޞީލާއެކު ބީއެމްއެލްގެ އެކައުންޓް ނަންބަރު 003-134831-7701 އަށް ޓްރާންސްފަރކުރުމަށްފަހު، ރިސިޕްޓްކޮޅު 7290448 އަށް ވައިބަރ ކުރެއްވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބާރު އެޅުމުގެ ގޮތުންކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ ރައްޔިތުން އެ އިދާރާއަށް ނުގޮސް ގޭގައި ތިބުމުގެ ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
އެޗްޑީސީން މި އިންތިޒާމު ހަމަޖައްސާފައިވާއިރު ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ "ކޯވިޑް-19" ވައިރަސްއާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ލުޔެއް ދިނުމަށް އެޗްޑީސީން ނިންމާފައިވެއެވެ.
ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ދޫކޮށްފައިވާ ފުލެޓު، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާޢީ ބިންތަކަށް އެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރުގެ އޭޕްރީލް އަދި މޭ މަހު ދައްކަންޖެހޭ އިންސްޓޯލްމަންޓް/ކުލީގެ %30 (ތިރީސް އިންސައްތަ) އަށްވާ ފައިސާ ދެއްކުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ.
އެޗްޑީސީން ބުނީ އެ ދެ މަހުގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ %30 (ތިރީސް އިންސައްތަ) ދެއްކުން ފަސްކޮށްދެވޭނީ، އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަވަމުންދާ ފަރާތްތަކުގެ ތެރެއިން، މިކަމަށް އެދި ފޯމު ހުށަހަޅުއްވާ ފަރާތްތަކަށްކަމަށެވެ. އަދި، ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލްގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް، އެއްބަސްވުމާ އެއްގޮތަށް 2020 ވަނަ އަހަރުގެ އޭޕްރީލު އަދި މޭ މަހުގެ ޖުމްލަ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާ ޖަމާވެފައިވާނަމަ، ކޮންމެ މަހެއްގެ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30% (ތިރީސް އިންސައްތަ) އަނބުރާ ރައްދުކޮށްދޭނެކަމަށެވެ. އަދި އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ %70(ހަތްދިހަ އިންސައްތަ) ޤަވާޢިދުން ދެއްކެވުމަށް ވަނީ އެދިފައެވެ.
ފަސްކުރުމަށް ހަމަޖެހިފައިވާ 2 މަހަށް ވާ ފައިސާގެ %30 (ތިރީސް އިންސައްތަ) ދެއްކެވުމަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް (ކަސްޓަމަރުން އެދިލައްވާ ގޮތެއްގެ މަތީން) އެކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ޤަވާޢިދުން ފައިސާނުދެއްކެވިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމުން، ޢަމަލު ކުރަމުންދާ ޑޭޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ފުރުޞަތު ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ