ދިގައްޔަށް އެއާޕޯޓަށް ފައިސާ ނުދެއްކުމުން އެ ރަށް އަމިއްލަ މީހަކަށް އެވޯޑްކޮށްފި

ހައުސިން މަޝްރޫ އަށް ފައިސާ ހޯދަން ބީލަމަށްލި ރ. ދިގަލީގެ ބީލަން ކާމިޔާބު ކުރި ދެވަނަ ފަރާތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވެސް ފައިސާ ނުދެއްކުމުން ދިގަލީގެ ބީލަން ބާތިލުކޮށް އަމިއްލަ މީހަކަށް އެ ރަށް އެ ވޯޑްކޮށްފި އެވެ.
އެއާޕޯޓްސް ކޮމްޕެނީގެ ބީލަން ބާތިލްކޮށް ދިގަލި އަމިއްލަ މީހަކާ މިއަދު ހަވާލުކުރުމުގެ ކުރިން އެ ރަށް ފުރަތަމަ އެވޯޑް ކުރީ ލީޒް އިކްއިޒިޝަން ކޮސްޓްގެ ގޮތުގައި 4.7 މިލިން ޑޮލަރު ހުށަހެޅި ސީ ލިންކް ޕްރައިވެޓް ލިމިޓެޑަށެވެ. ނަމަވެސް އެއާޕޯޓްސް ކޮމެޕެނީއެކޭ އެއްގޮތަށް ސީލިންކް އިންވެސް ކަނޑައެޅިފައިވާ 15 ދުވަހުގެ ތެރޭގައި ފައިސާ ދައްކައިފައެއްނުވެ އެވެ. ދިގަލީގައި 200 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން މިއަދު އަލުން އެ ރަށް އެވޯޑް ކުރީ، ބީލަމުގައި ބައިވެރިވި ތިން ފަރާތުގެ ތެރެ އިން އެންމެ ކުޑައަގެއް ހުށަހަޅައިގެން ބީލަމުގެ ފުލުގައި އޮތް މއ. ރައުފަތުގޭ ފާތިމަތު ވިޝާ މާހިރުއަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ވިޝާ ނުދައްކައިފި ނަމަ ދިގަލީގެ ބީލަން ބާތިލް ކުރާނެ ކަމަށެވެ. އަދި އެ ފަރާތުން ހުށަހަޅާފައިވާ 50000 ޑޮލަރުގެ ބޭންކް ގެރެންޓީ ވެސް ސަރުކާރަށް ނަގާނެ ކަމަށެވެ.
މީގެ ކުރިން ދިގަލި އެވޯޑް ކުރި ސީލިން ކުން ނާއި އަދި އެއާޕޯޓްސް ކޮމްޕެނީން ވެސް ފައިސާ ނުދެއްކުމުން ބޭންކް ގެރެންޓީގެ ގޮތުގައި އެފަރާތުން ބެހެއްޓި 50000 ޑޮލަރު ސަރުކާރަށް ވަނީ ނަގައިފަ އެވެ.
ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ނ. ހުއިވަނި ވެސް ވަނީ ބީލަމަށް ލައިފަ އެވެ. އެ ރަށް ތަރައްގީ ކުރުމަށް އެވޯޑް ކުރީ އެއާ ޕޯޓް ކޮމްޕެނީ ލިމިޓެޑާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ