ރައްޔިތުންގެ މަޖިލީސް: 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ގަރާރެއް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު، އަބުދުﷲ ޔާމީނު ގުޅިވަޑައިގެން ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ހިޔާނާތުގެ މައްސަލައެއް ތަހްގީގު ކުރުމަށް ސަރުކާރަށް ގޮވާލައި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެ ގަރާރު ހުށަހަޅުއްވަމުން މުސްތަފާ ވިދާޅުވީ، އިންޑިޔާގެ ލިއުންތެރިއެއް ކަމަށްވާ، އައިބީއެމްގެ ޗީފް ކޮރެސްޕޮންޑެންޓް މރ. ސުމަން ޗަކްރަބޮތީ އިންޑިޔާގެ މަޖައްލާއެއް ކަމަށްވާ ދަވީކްގައި އެ މައްސަލައާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓްގައި އެކަން ސާބިތު ކުރުމަށް ބޭނުންވާ ކިތާބީ ހެކި ހިމެނޭ ކަމަށެވެ. އަދި ދުނިޔޭގެ މަޝްހޫރު އޯޑިޓް ފާމެއް ކަމުގައިވާ ގްރޭންތޯންޓަންގެ ރިޕޯޓުން ވެސް އެކަން ސާބިތު ކުރެވޭ ކިތާބީހެކި ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، އެ "ވަގު" ވިޔަފާރި ކުރިއަށް ގެންދިއުމަށް އުފެއްދި މޯކަމް ކުންފުންޏާއި އެސްޓީއޯ ގުޅިގެން އެފަދަ ބޮޑު ހިޔާނާތެއް ހިންގޭނީ ކުރީގެ ރައީސް މައުމޫނުގެ ސީދާ ބައިވެރިވެ ވަޑައިގެންނެވުމެއް އޮވެގެން ކަމަށް އެ މައްސަލައާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓްގައި ހިމެނޭތީ އެ މައްސަލަ ބަލައި ތަހްގީގުކޮށް ކުށްވެރިވާ ފަރާތްތައް ހާމަ ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
މި ގަރާރުގެ ބަހުސްގައި ވާހަކަ ދެއްކެވުމަށް މިއަދުގެ ޖަލްސާގައި ފުރުސަތު ލިބިވަޑައިގެންނެވި ހަމައެކަނި މެންބަރަކީ ވިލި މާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކަށެވެ.
ނިހާން ވިދާޅުވީ މުސްތަފާ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވުމަށް ފަހު ކުރައްވަމުން ގެންދަވާ ކަމަކީ އެފަދަ ބޭކާރު ގަރާރުތައް ހުށަހަޅުއްވައިގެން މަޖިލީހުގެ ފައިސާ އާއި ވަގުތު ބޭކާރު ކުރެއްވުން ކަމަށެވެ. އަދި ސަރުކާރުގެ އެންގުމަކަށް ދުނިޔާގެ މަޝްހޫރު އޮޑިޓް ކުންފުނި "ގްރޭންތޯންޓަން"ގެ ފަރާތުން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މައްސަލަ އޭސީސީ އަށް ހުށަހެޅުމެއްނެތި، ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުން އުފައްދާފައިވާ ރިޔާސީ ކޮމިޝަން މެދުވެރިކޮށް ހާމަކުރުމެއްނެތި އިންޑިޔާގެ ނޫސްވެރިއެއްލައްވައި އެކަން ހާމަކޮށްފައިވާ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޑިޔާގެ ދަ ވީކްގައި އެ ރިޕޯޓް ލިޔުނު ޗަކްރަބަތީ އަކީ 10 ނޮވެމްބަރު 2007 ވީ ދުވަހު މިހާރުގެ ރައީސް މުހައްމަދު ނަޝީދު ސޯސަންމަގަށް އެއްވެ އެމްޑީޕީގެ އިހްތިޖާޖެއް ކުރަމުން ދަނިކޮށް އެތަނަށް އައި ޖާނަލިސްޓެއް. އަޅުގަނޑު އޭނާއާ ބަސްދަލުކުރިން އަޅުގަނޑަށް އެނގޭ އޭނާ އަކީ ނަފްސު ކޮންގޮތަކަށް ވިއްކާލާނެ މީހެއްކަން،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ އަވައްޓެރި އިންޑިޔާގެ ބައެއް މީހުންނަކީ ކުޑަ ފައިސާކޮޅަކަށް ޖެހިލުމެއްނެތި މީހަކު މަރާލުމަށް ފަސްނުޖެހޭ މީހުން އުޅޭ ގައުމެއް ކަމަށާއި ލިބިފައިވާ މައުލޫމާތަކާ ގުޅިގެން މީހަކު ލިޔެފައިވާ ރިޕޯޓެއްގެ މައްސަލަ ތަހްގީގު ކުރުމަށް މަޖިލީހުގެ ތަޅުމަށް ގެނައުމަކީ، ސަރުކާރު ގުއިރޯނެއްގައި ޖެހުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ މަރުހަލާގައި ހުރި ކަންތައްތަކުން އިސްކަންދީގެން ސަރުކާރުން އެކަން ރަނގަޅަށް ބަލައި ތަހްގީގު ކުރުމަށް ނިހާނު ވަނީ ގޮވައިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ