ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މުލަކު މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އިއްޔެ ކުޅުނު ގްރޫޕްގެ ފަހު މެޗުގައި މުލީ ސްޕޯޓްސް ކްލަބު އަތުން މޮޅުވީ 2-0 ލަނޑުންނެވެ.
މުލީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި މުލަކު ޓީމުގެ ފުރަތަމަ ލަނޑު އާދަމް ޝަހީމް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަބްދުލް ރަހްމާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ސައުދުﷲ ކަމާލްއެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނާލާފުށި ޔޫތު ޑެވެލޮޕްމަންޓް އެސޯސިއޭޝަނާއި ރަތްމަންދޫ ޒުވާނުންގެ ޖަމްއިއްޔާއެވެ. ގްރޫޕް ބީގައި ކުޅޭ މިމެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގައެއް ލިބޭއިރު، މިމެޗު އެއްވަރުވެގެން ނިމިއްޖެނަމަ ސެމީގެ ޖާގައެއް ލިބޭނީ ނާލާފުށި ޔޫތު ޑެވެލޮޕްމަންޓް އެސޯސިއޭޝަނަށެވެ.
މިމުބާރާތުގެ ގްރޫޕް އޭއިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާ ދެ ޓީމަކީ މުލަކު އެކުވެރި ކްލަބާއި ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާއެވެ. ގްރޫޕް އޭގެ އެއްވަނައިގައި ލިބުނު ހަ ޕޮއިންޓާއެކު މުލަކު އެކުވެރި ކްލަބު އޮތްއިރު، ދެވަނައިގައި އޮތް ކޮޅުފުއްޓަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ