30 އަހަރަށް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ޖެހޭ: ޝަހީމް

ރާއްޖޭގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން 30 އަހަރު ބަހައްޓަން ޖެހޭ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް އެހެން ވިދާޅުވީ ޕީޕީއެމްގެ ރުމާލު 2 ޖަގަހާގައި ރޭ ހުވަދު އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝަހީމް ވިދާޅުވީ ރަނިންމޭޓުކަން ގަބޫލު ކުރެއްވީ އެއްވެސް ޝަރުތެއް ނެތި އިސްލާމް ދީނުގެ ކަންކަން ރާއްޖޭގައި ގާއިމު ކުރަން އައުމަށް ރައީސް ޔާމީން ދައުވަތު ދެއްވުމުން ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ތަރައްގީ ގެނެސްދީފައިވާ ކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އެފަދަ ވެރިން ކަމަށާއި ރައީސް ޔާމީން 30 އަހަރު ބަހައްޓަންވީ ކަމަށެވެ.
"މިއެން ދައުރައު ނޫން ރައީސް ޔާމީން ވެރިކަމު ބާންނަވޫ. އަދި 30 އަހަރު ރައީސް ޔާމީން ބާންނަވޫ. މަ ދުނިޔޭ ހުއްޓީފަހޭ އެކަމާ ކެރަންނެން. މަ ދުނިޔޭ ހުއްޓީފަހޭ މިއެނެ ދައުރަކަސް ނުން، އައި އެޔާ ދެފައު ހިފައި އާދޭސް ކެރަންނެ އެޔާ އަދިޔަސް އެކެ ދައުރެ ހުންނަންގައު، އެޔާ އިސްލާމް ދީނަން ނަސްރު ދެންހައި ހިނދަކު ރައީސް ޔާމީން ފަހަތުގައި އަަރި ތިބެންނާ،" ޝަހީމް ވިދާޅުވިއެވެ.
(މިއަންނަ ދައުރަކު އެކަންޏެއް ނޫން ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަންވީ. އަދި 30 އަހަރު ބަހައްޓަންވީ. އަހަރެން ދުނިޔޭގައި ހުރިއްޔާ އެކަން ކުރާނަން. އަހަރެން ދުނިޔޭގައި ހުރިއްޔާ އަންނަ ދައުރަކަށް އެކަންޏެއް ނޫން. ރައީސް ޔާމީންގެ ދެފައިގައި ހިފައި އާދޭސް ކުރާނަން އަދި އިތުރު ދައުރަކު މަޑުކޮށް ދިނުމަށް. އިސްލާމް ދީނަށް ނަސްރު ދެއްވާހާ ހިނދަކު ރައީސް ޔާމީން ފަހަތުގައި ތިބޭނަން) ޝަހީމް ވިދާޅެފައިވާ ބަސްތަކުގެ މާނަ
ޝަހީމު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ހަޒާނާގައި ހުރީ 270 މިލިއަން ޑޮލަރު ކަމަށެވެ. މިހާރު 790 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެމަނިކުފާނު ވެރިކަމަސް ވަޑައިގެންނެވި އިރު ބޮލަކަށް ޖެހެނީ 4000 ޑޮލަރު ކަމަށާއި މިހާރު 10000 ގާތް ކުރާ އަދަދަކަށް އެ އަދަދު އިތުރު ވެފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރާއްޖެ ބޭނުންވަނީ އެފަދަ ވެރިން ކަމަށާއި ރައީސް ޔާމީން ހޮވަން އެންމެން އަތު ކުރި އޮޅާލުމަށް ޝަހީމް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ