އާ ސީޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމަންޖެހޭ: ނަޝީދު

ދިވެހި ސަރުކާރާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ، ދެފަރާތް އެއްބަސްވެވޭ ގޮތަކަށް އާ ސީޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެ އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓާމިނަލުން ޖާގަ ދޭނެ އުސޫލެއް ކަނޑައަޅައިފައެވެ.
އެއީ ޓީއެމްއޭއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. އެއީ ގާތްގަނޑަކަށް 5000 އަކަމީޓަރުގެ ޖާގައެކެވެ.
ނަމަވެސް އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލުން އެއްބަސްވެފައިވާ ކަމަށާއި އެހެންކަމުން އެގޮތަށް އަމަލުކޮށް ދިނުމަށް އެދޭ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިންގަން ފެށުމަށް ދިވެހި ސަރުކާރާއި ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިންމު ކަމަށެވެ. އަދި ޓީއެމްއޭއަށް ޓާމިނަލް ދިނުމުގައި ގޯހެއްވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ ކުރުން އެއީ އަދި އެހެން ކަމެއް ކަމަށް ވިދާޅުވިއެވެ.
ޓީއެމްއޭއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ޑިސެމްބަރު 10، 2017 ގައި އެމްއޭސީއެލުން ނިންމި ގޮތުގެ އެއްބަސްވުމުގެ ދެލިކޮޕީއެއް ތައްޔާރުކޮށް އެކުންފުނީގެ ހިޔާލު ހޯދަން ވެސް ފޮނުވި ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނިކޮށް އޭގެ ހަފްތާއެއް ފަހުން، ޑިސެމްބަރު 17، 2017ގައި ޓީއެމްއޭ އިން ކުންފުނީގެ މެޖޯރިޓީ ހިއްސާ 500 މިލިއަން އެމެރިކާ ޑޮލަރަށް ބެއިން ކެޕިޓަލަށް ވިއްކާލި ކަމަށެވެ.
ޓީއެމްއޭ އިން ބުނީ އެމްއޭސީއެލްއާއެކު ވެފައިވާ އެ އެއްބަސްވުމަކީ ބެއިން ކެޕިޓަލުން އެކުންފުނީގެ މެޖޯރިޓީ ހިއްސާ ގަތުމުގައި އެންމެ ބޮޑު ބުރަދަނެއް ވެވުނު ކަމެއް ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތްކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަންގެ ހަރަދުތައް ސާފުކޮށް ބެއިން ކެޕިޓަލަށް އެނގިގެން ދިޔަ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެމްއޭސީއެލްއާއެކު ލިޔުމުން ވެފައިވާ އެއްބަސްވުން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފިނަމަ ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ތިބި ބޭރުގެ އިންވެސްޓަރުން ކަންބޮޑު ވާނެ ކަމަށް ޓީއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ