ޖަލްސާގައި މީހުން މަދުވިޔަސް މާލޭގެ 19 ގޮނޑި އެމްޑީޕީން ނަގާނެ: ނަޝީދު

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ލޯންޗުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވާން ނުކުތް މީހުންގެ އަދަދު މަދުކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނަގާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ރޭގެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވުމާ ގުޅިގެން ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް ޖަވާބު ދެއްވައިފައެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މާލޭ ރައްޔިތުންގެ އަދަދު 15،000 އަށް ވުރެ އިތުރުވާއިރު، އެ ޕާޓީއަށް ސަޕޯޓުކުރާ 35،000 އަށް ވުރެ ގިނަ މީހުން އުޅޭކަމަށެވެ. އެހެންކަމުން ރޭގެ ޖަލްސާގައި ބައިވެރިވި ސަޕޯޓަރުންގެ އަދަދު މަދުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަޝީދު ވިދާޅުވީ މި ސަރުކާރާ އަދި އެމްޑީޕީއާ މާލޭ ރައްޔިތުންގެ އެތައް އުންމީދުތަކެއް ގުޅިފައިވާ ކަމަށާއި، އެ އުންމީދުތައް ރައްޔިތުން ގަބޫލުކުރާ މިންވަރަށް އަދި ފުރިހަމަކޮށްދެވިފައި ނުވާކަން ޚުދު އެމަނިކުފާނުވެސް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައާ، މަގުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ހުރި އިރު އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަވެސް އަދި ކޮޅެއްގައި ޖެއްސިފައި ނުވުމަކީ ޖަލްސާގައި މީހުން މަދުވި ސަބަބުތަކުގެ ތެރޭގައި ހިމެނިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ފެބްރުއަރީ 22، 2020: އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު "އަޅުގަނޑު ދެކޭގޮތުގައި މާލޭގައި މިއަދު ޝަކުވާތައް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މާލޭ ރައްޔިތުންނަށް ވަރަށް ސާފުވާނެ އެ ޝަކުވާ ބަންނަން ހަމަ އަންނާން ވީވެސް އަޅުގަނޑުމެން ކައިރިއަށް ކަން. އަޅުގަނޑުމެންކަން އެ ޝަކުވާއަށް ހައްލެއް ހޯދައިދޭނީ ވެސް،" ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި އަބަދުވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުންނާނެ ކަމަށާއި އެއީ ޕާޓީގެ އެތެރޭގެ އިންތިޒާމުގެ ތެރެއިން ޕާޓީން ހަމަޖައްސަމުން ރަނގަޅު ކުރަމުން ގެންދާ ކަންތައްތައް ކަމަށެވެ. ރޭގެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ދިވެހިންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ބައެއް ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް، އެއީ ސަޕޯޓަރުން އެ ޕާޓީ ދޫކޮށް ދާނެ ސަބަބެއް ނޫން ކަމަށެވެ. "އާދެ މައްސަލަތައް އެބަހުރި. ހިތްހަމަނުޖެހުން އެބަހުރި. އެހެން ނަމަވެސް އެއީ ރައްޔިތުން އެމްޑީޕީ ދޫކޮށް ދާނެ ސަބަބެއް ނޫން. އަޅުގަނޑުމެންވެސް މި ތިބީ ނޫންތޯ،" ނަޝީދު ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބުތަކަކީ އާންމުކޮށް ވެސް ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ދަށް އިންތިހާބަކަށް ވާއިރު، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ، ރައްޔިތުން މަޝްވަރާކޮށް، ސަރުކާރާ އެމްޑީޕީ ގުޅިގެން އެ މައްސަލަތައް ހައްލުކޮށް ވޯޓުގެ ނަތީޖާއިން އެކަން ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދު ދެއްވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ގޮނޑިއެއް. މާލޭގެ 18 ގޮނޑި، އަދި މާލޭގެ މޭޔަރުކަން ވެސް އަޅުގަނޑުމެން މާ ރަނގަޅަށް ކާމިޔާބު ކުރާނަން. އެއްވެސް ޝައްކެއް ނެތް،" ނަޝީދު ވިދާޅުވިއެވެ. ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީ ފިޔަވައި ޕްރައިމަރީއަކުން ކެންޑިޑޭޓުން ކަނޑައަޅާ ޕާޓީއެއް މުޅި ދުނިޔޭގައި ވެސް ނޯންނާނެ ކަމަށާއި އެ ޕާޓީގެ އިންތިޒާމްތަކާއި އެތެރޭގެ ޑިމޮކްރަސީ އަކީ 21 ވަނަ ގަރުނުގެ ސިޔާސީ ޕާޓީތަކުން މިސާލެއްގެ ގޮތުގައި ބަލާނެ ކަންތައްތައް ކަމަށެވެ. "އާދެ އަޅުގަނޑު އެއްބަސް، އިސްލާހު ކުރަން ހުރި ކަންތައްތައް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ މިސާލެއް،" ނަޝީދު ވިދާޅުވިއެވެ. އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާއިރު، އެމްޑީޕީން 877 ގޮނޑިއަށް ވާދަކުރަން ވަނީ ނިންމައިފައެވެ. އެމްޑީޕީން ބުނީ މި އިންތިހާބު ބޮޑު ތަނުން އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ