މުލަކު އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމް މެންބަރު ޙަސަން ޢަބްދުއްރަޙުމާން

ހުސްވެފައިވާ މުލަކު އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލަށް އިންތިޚާބުވި ޙަސަން ޢަބުދުއްރަޙުމާން އިންތިޚާބުކޮށްފިއެވެ.
މި މަޤާމު ހުސްވެފައިވަނީ ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމެރީގައި ވާދަކުރެއްވި މޫސާ ނަސީރު ކައުންސިލްގެ ރައީސްކަމުންނާއި ކައުންސިލް މެންބަރުކަމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
ޙަސަން ރައީސް ކަމަށް އިންތިޚާބުކޮށްފައިވަނީ ކައުންސިލް ތިން މެންބަރުންނާއެކު ބޭއްވި އާންމު ޖަލްސާއެއްގައި، މެންބަރުންގެ ފުރިހަމަ އަޤުލަބިއްޔަތު ލިބިގެންނެވެ. މިހާރު އެ ކައުންސުލްގައި ތިބެނީ ފަސް މެންބަރުންނެވެ. އެލްޖީއޭގެ ޤާނޫނު ބުނާގޮތުން ފަސް މެންބަރުން ހިމެނޭ ކައުންސިލެއްގައި މެޖޯރިޓީއަކީ ތިން މެންބަރުންނެވެ. އަދި ތިން މެންބަރުންނަށް އާންމު ޖަލްސާ ބޭއްވޭނެ ކަމަށެވެ.
ޙަސަން "ވަގުތަށް" މަޢުލޫމާތުދެއްވަމުން ވިދާޅުވީ ރައީސް ކަމަށް އެހެން މެންބަރަކު ކުރިމަތިނުލާ ކަމަށާއި ރައީސް ކަމަށް އިންތިހާބުވީ ފުރިހަމަ އަގްލަބިއްޔަތު ލިބިގެން ކަމަށެވެ.
"މި ސަރުކާރާއެކީ އަޅުގަނޑު މިހުރީ ރައްޔިތުންނަށް ވައުދުތައް ފުއްދައިދޭ ސަރުކާރެއްކަން ރައްޔިތުންނަށް ވަރަށް ސާފު. ހާއްސަކޮށް މ އަތޮޅަކީ ރައީސްއަށް ވަރަށް ހާއްސަ އަތޮޅެއް. އެހެންނަމަވެސް ރައީސް ބައްލަވަނީ ހަމައެކަނި މ އަތޮޅުގެ ތަރައްގީއަކަށް ނޫން ރާއްޖޭގެ އެކިކަންކޮޅުތަކަށް ރައީސް ޔާމީން ވައުދު ފުއްދަވައިދެއްވާ ކަމަށް އަޅުގަނޑު ޤަބޫލުކުރަން" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މ އަތޮޅަކީ ރިޔާސީ އިންތިޚާބުގައި ދެބުރުގައިވެސް ރައީސް ޔާމީންނަށް މެޖޯރިޓީ ނަގައިދިން ހަމައެކަނި އަތޮޅު ކަމަށާއި އެއީ ފަޚުރެއް ކަމަށެވެ.
"އަޅުގަނޑު މި މަސައްކަތްކުރަނީ ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ކާމިޔާބުކޮށްދިނުމަށް މުލިން އަޅުގަނޑަށް ކޮށްދެވެން ހުރި ކަމެއް ވިއްޔާ ކޮށްދިނުމަށް. ފާރިސް މައުމޫންއަށް ގޮނޑި ކާމިޔާބުކޮށްދިނުމުން ކުރެވެން ހުރި ކަމެއް ވިއްޔާ ކުރާނަން" ޙަސަން ވިދާޅުވިއެވެ.
މ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުސާ ނަސީރުގެ އިތުރުން އެ ކައުންސިލްގެ މެންބަރު އަދި އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރުވެސް ވަނީ ދިއްގަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.
މޫސާ ނަސީރު މިހާރު އެ ގޮނޑިއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވައިރު އޭނާ ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާތީ އެ ޕާޓީން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ