ރައީސް ވަހީދުގެ ފަރާތްޕުޅުން މުލަކު ސުކޫލަށް އެއްލައްކަ ރުފިޔާ ހަދިޔާ ކުރައްވައިފި

ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ކެންޑިޑޭޓު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމު ހުސައިން މ.މުލަކު ސުކޫލަށް އެއްލައްކަ ރުފިޔާ ހަދިޔާ ކުރައްވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން މުލަކު ސުކޫލުގެ ޕްރިންސިޕަލު އުދައެރާޖް ވިދާޅުވީ ރޭ އެސުކޫލުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެފައިސާއާއި ހަވާލުވެލެއްވީ ސުކޫލު ބޯޑުގެ ޗެއާރމަން ކަމަށެވެ. އޭނާ ވިދާޅުވީ އެފައިސާއަކީ މީގެ ތިން މަސް ކުރިން ރައީސް ޑރ.ވަހީދު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ފައިސާތަކެއް ކަމަށެވެ.
"އަޅުގަނޑުމެން ދެއްކިން މިތަނުގެ ކޮމްޕިއުޓަރ ލެބް، 10 ވަރަކަށް އަހަރުވީ ތަކެތި ހުރީ، އެހެންވެ ވިދާޅުވީ އެހީ ދެއްވާނަމޭ. އެފައިސާ މިހާރު މިއޮތީ ލިބިފައި. ހަފްތާއެއްހާ ދުވަސް ތެރޭގައި ސްމާޓްބޯޑާއި ކޮމްޕިއުޓަރު ގަތުމުގެ މަސައްކަތް ފަށާނަން،" މުލަކު ސުކޫލުގެ ޕްރިންސިޕަލު ވިދާޅުވިއެވެ.
މުލަކު ސުކޫލު ކޮމްޕިއުޓަ ލެބް ތަރައްގީ ކުރުމަށް ރައީސް ވަހީދުގެ ފަރާތްޕުޅުން އެއްލައްކަ ރުފިޔާގެ އެހީއެއްދީފައިވާ އިރު، ރައީސް ވަހީދު ގެންދަވަނީ ޖުމްހޫރީ ގޫލުމުގެ ކެންޑިޑޭޓު ގާސިމު އިބްރާހީމުގެ ވިލާ ފައުންޑޭޝަނުން އެހީދޭ މައްސަލާގައި ފާޑު ވިދާޅުވެފައެވެ.
ވިލާ ފައުންޑޭޝަނުންވަނީ ދެކުނުގެ ބައެއް ސުކޫލުތަކާއި އެހެނިހެން ތަންތަނަށް ކޮމްޕިއުޓަރާއި ޓީވީ ފަދަ ތަކެތި ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ