ފުލުހުންގެ މުއައްސަސާއަށް އޮތީ އުންމީދީ ކުރިމަގެއް: ރައީސް ނަޝީދު

ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނާ އެކު އެ މުއައްސަސާއަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ފުލުހުންގެ ޚިދުމަތުގެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވައި، ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ އިސްލާހުތަކަކީ ފުލުހުންގެ މުއައްސަސާގެ އެތައް ބަޔަކާއި ދިވެހި ރައްޔިތުންގެ އެތައް ބަޔަކު އެދި ތިބި އިސްލާހުތަކެއް ކަމަށެވެ."ދިވެހި ފުލުހުންގެ މި ބިލުގެ އިސްލާހުތަކަކީ ފުލުހުންގެ އެތައް ބަޔަކާއި އެ މުއައްސަސާ އާއި އަދި އެތައް ދިވެހި ރައްޔިތުންނެއް ނުހަނު އެދި ތިބި އިސްލާހުތަކެއް. މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް،" ނަޝީދު ވިދާޅުވިއެވެ.ފުލުހުންގެ އާ ޤާނޫނުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ.އެ ގާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނުއަސާސީއާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުން ހިމެނެއެވެ.އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޛުކުރުމާއި، އަމަންޢާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ޚިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ޚިދުމަތުގެ އަމާޒާއި، މަޤްޞަދާއި، މަސްއޫލިއްޔަތާއި، ޚިދުމަތާއި، ބާރާއި އިޚްތިޔާރުތައް ޤާނޫނުއަސާސީއާއި އިންސާނީ ޙައްޤުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުން މިބިލުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ