ހަނގުރާމާގައި ބައިވެރިވުމަށްފަހު އަންނަ މީހުން ބައިތިއްބާނެ ސެންޓަރެއް ޤާއިމްކޮށްފި

ބޭރުގެ ޤައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުންނާއި، ގެނެވޭ މީހުން ބައިތިއްބާނެ ޚާއްސަ ސެންޓަރެއް ޤާއިމްކޮށްފިއެވެ.
ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ޤާއިމްކުރި މިސެންޓަރު ހަދާފައިވަނީ ކ.ހިންމަފުށީގައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ހަނގުރާމަވެރި ސަރަޙައްދެއް ކަމަށް ކަނޑައަޅުއްވާ އިއުލާންކޮށްފައިވާ ސަރަޙައްދެއްގައި އުޅުމަށްފަހު، މިމަހުގެ 15 ވަނަ ދުވަހު އެނބުރި ދިވެހިރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްރުކޮށްފައިވާކަމަށެވެ.
އަދި މިމީހާގެ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މިއަމުރާއިއެކު މިމީހާ ބެހެއްޓިފައިވަނީ މިފަދަ މީހުން ބޭތިއްބުމަށް ޤާނޫނުގެ ދަށުން ހިންމަފުށީފައި ޤާއިމްކޮށްފައިވާ ސެންޓަރުގައި ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއީ މި މަރުކަޒުގައި މީހަކު ބަންދުކުރެވުނު ފުރަތަމަ ފަހަރުކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ޤާއިމުކޮށް، އެންޓި ޓޯޗަރ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އެކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.
މިއީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް ޤާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށާއި، ޓެރަރިޒަމްގެ ބިރުވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ