ނިމިދިޔަ ހަފްތާގައި ދިވެހި ޚާރިޖިއްޔާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފި: ފޮރިން މިނިސްޓްރީ

ނިމިދިޔަ ހަފްތާގައި ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން މިދިޔަ ހަފްތާގައި ދިވެހި ޚާރިޖިއްޔާއިން ހޯދު އެންމެ ބޮޑު ކާމިޔާބީއަކީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން އިއުލާންކުރެއްވުމެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުގައި ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން މިދިޔަ އަހަރު ޕޮމްޕެއޯގެ ދައުވަތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާއަށް ވަޑައިގެންފައިވެއެވެ. މިއީ 1992 ވަނަ އަހަރު އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ވަޑައިގެންނެވިފަހުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ޒިޔާރަތްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ޔޫ.އެން ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިންތިޚާބުވުމަކީވެސް މިދިޔަ ހަފްތާގައި ދިވެހި ޚާރިޖިއްޔާއިން ހޯދި ބޮޑު ކާމިޔާބީއެކެވެ. އެގޮތުން 3 ވަނަ ފަހަރަށް އެކޮމިޓީއަށް ޝުޖޫން އިންތިޚާބުކުރުމަށް ފޮރިން މިނިސްޓްރީއާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މުވައްޒަފުން މިދިޔަ 3 މަސް ދުވަހު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެކަމަނާއަށް ޤައުމުތަކުގެ ވޯޓު ހޯދުމަށް ލޮބީކުރުމާއި، ބައްދަލުވުންތައް ހަމަޖެއްސުމުގެ އިތުރުން ކެމްޕޭން ކުރުމަށް ރާއްޖޭގެ ފަރާތުން ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.
މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތުގައި ރާއްޖެއިން އިތުރަށް ބައިވެރިވުމަށް ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް، އެގައުމުގެ ސޭފް ލިސްޓަށް ރާއްޖެ ވަނީ އިތުރުވެފައެވެ. މި ލިސްޓަށް ރާއްޖެ އިތުރުކުރުމަށް ފޮރިން މިނިސްޓްރީއާއި ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ޓޫރިޒަމް މިނިސްޓްރީ އަދި އެމް.އެމް.ޕީ.އާރް.ސީ އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ފޮރިން މިނިސްޓްރީއާއި، މިނިސްޓަރ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ޓޫރިޒަމް މިނިސްޓަރ ޑރ، އަބްދުﷲ މައުސޫމް ވަނީ މިދިޔަ ހަފްތާގައި ފާހަގަކުރައްވައި، ޓްވީޓްކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެހެން އެމްބަސީތަކުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖަރުމަންވިލާތުގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ލަތީފު ވަނީ ރާއްޖެއާއި ބެހޭ ޑޮކިއުމެންޓްރީއެއް ހެދުމާ ގުޅޭ ގޮތުން ޖަރުމަންވިލާތުގެ ފިލްމް އުފައްދާ ބޮޑު ކުންފުންޏަކާއެކު މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުންވެސް، ކަސްޓަމްސްގެ އިޖުރާއާތުތައް ފަސޭހަކޮށް އެއްގޮތްކުރުމާއިގުޅޭ މުއާހަދާ، އާރު.ކޭ.ސީ (އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖަރޒް / ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ވަނީ މިދިޔަ ހަފްތާގައި ބައިވެރިވެފައެވެ. ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނަށް އިންސްޓްރޫމަންޓް އޮފް އެކްސެޝަން ނިމިދިޔަ ހަފްތާގައި ހުށަހެޅުއްވީ ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރެވެ.
މި ކާމިޔާބީތައް ހާސިލްކުރުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިސްނެންގެވުމުގެ ދަށުން އެ މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ކާމިޔާބީތަކުގެ އަލީގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެ ކުރިއަރައި، އެހެން ގައުމުތަކާއި އިތުރަށް ގުޅުން ބަދަހިކުރެވޭނެކަމަށް ޚާރިޖިއްޔާއިން އުންމީދުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ