އައިޖީއެމްއެޗްގެ ލެބުން ދެ ލައްކަ ޕީސީއާރް ޓެސްޓު ހަދައިފި

މިހާތަނަށް 200،000 ވުރެ ގިނަ ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނީ މިހާތަނަށް އެހޮސްޕިޓަލްގެ ލެބޯޓަރީން 203450 ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާކަމަށެވެ.އައިޖީއެމްއެޗުން ކޮވިޑުގެ ޕީސީއާރު ޓެސްޓުކުރަން ފަށާފައިވަނީ މިދިޔަ ފެބުރުއަރީ 29 ވަނަ ދުވަހުއެވެ. އަދި މިދިޔަ އަހަރުގެ މާޗު ހަތްވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އެ ހޮސްޕިޓަލުގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.މި މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 3 މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ. އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ ޢަދަދު އިތުރުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.އައި.ޖީ.އެމް.އެޗުގައި ކޮވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު، ޓެސްޓިންގ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓެވެ. ނަމަވެސް މިހާރު އެޢަދަދު ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓަށް ވަނީ އިތުރުކޮށްފައެވެ. ރާއްޖެއިން ކޮވިޑް-19ފެނުނުތަކާ މިއަދަށް 316 ދުވަސް ވެފައިވާއިރު މިހާތަނަށް ބައްޔަށް ޓެސްޓްކުރުމަށްޓަކައި ވަނީ 3 ލައްކައަށް ވުރެ ގިނަ ސާމްޕަލް ނަގާފައެވެ. ރާއްޖެއިން މިހާތަނަށް 14 ހާހަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.ސަރުކާރުން މިހާރު އަންނަނީ ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ނެވެ. އެގޮތުން ވެކްސިން ޖެހުމަށް ރަޖިސްޓަރީވާން މިއަދު ހުޅުވާލާފައި ވަނީ ހުޅުވާލާފައި އެވެ. އެޗްއޯއީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ހުޅުވާލަނީ ސިއްހީ ޚިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށާއި އެގޮތަށް ކަނޑައެޅީ ކުރިން ވެސް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކަމަށެވެ. އެކަމަކު ވެކްސިން ޖަހަން ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށާއި ވެކްސިން ޖަހަން ފެށުމުގެ ކުރިން މީހުން ތަމްރީނު ކުރުމާއި އާންމުން ހޭލުންތެރި ކުރުވުމާއި ބަލަން ޖެހޭނެ އިތުރު ކަންތައްތަކަށް ފަހު ކަމަށާއިި އެ މަސައްކަތް ކުރިއަށް ދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ."އަޅުގަނޑުމެން ބޭނުން ވީހާ ވެސް އަވަހަށް ވެކްސިން ޖަހަން. އެހެން ނަމަވެސް ހަމައެކަނި އަވަސްކޮށް ޖެހުމަށް ވުރެ ރަނގަޅަށް ކުރަން. ރަނގަޅަށް ތައްޔާރުވެގެން ވެކްސިން ޖެހުމަށް މި ތައްޔާރު ވަނީ. އަޅުގަނޑުމެންނަށް ދުވަހެއް ކަނޑައެޅުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނަން." ނަޒްލާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ