މިއީ ރައީސް ޔާމީންގެ ވެރިކަމެއްނަމަ މިހާރު ރައްޔިތުން ތިބޭނީ ވެކްސިން ޖަހައިގެން: ސުޖާއު

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރު ނަމަ މިހާރު ރައްޔިތުން ތިއްބަވާނީ ކޮވިޑް ވެކްސިން ޖައްސަވައިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާޙިމް ސުޖާޢު ވިދާޅުވެއްޖެއެވެ.
ސުޖާޢު މިފަދައިން ވިދާޅުވެފައިވަނީ، މިސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް މާސްކު ބަހާނުލެވުނު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވަމުންނެވެ.
ސުޖާއު ވިދާޅުވީ، ހަތަރު ލައްކަ ރައްޔިތުން އުޅޭ މިކުޑަކުޑަ އާބާދީއަށް މިސަރުކާރުން ހިލޭ މާސްކެއް ބަހާނުލެވުނު ކަމަށެވެ.އަދި ޕެނަޑޯލް ގުޅައަކާއި ގަލަމަކީ ތަރައްޤީއޭ ބުނީމަ ޤަބޫލުކުރަން ދަތިކަމަށްވެސް ސުޖާޢު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް އުނދަގޫވަނީ ޕެންޑޯލް ގުޅައަކާއި ގަލަމަކީ ތަރައްޤީއޭ ބުނީމަ ޤަބޫލުކުރަން!ހަތަރުލައްކަ ރައްޔިތުންގެ މިކުޑަ އާބާދީއަށް މާސްކެއް ހިލޭ ބަހާނުލެވުނު". ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ މިހާރު ރައްޔިތުން ތިއްބަވާނީ ކޮވިޑް ވެކްސިން ޖައްސަވައިގެން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިސަރުކާރުން ވަނީ އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.އަދި ވެކްސިން ގެނައުމަށް މެލެޝިއާގެ ކުންފުންޏަކާ އެކު އެއްބަސްވެފައެވެ. ނަމަވެސް ވެކްސިން ލިބޭނެ ވަކި ތާރީޚެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް މިމަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ