މިހާރު ރައްޔިތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިތުބާރުކުރޭ: ރިފްޢަތު

ޖުޑީޝަލް ސާވިސް ކޮމިޝަނަށް މިހާރު ރައްޔިތުން އިތުބާރުކުރާ ކަމުގައި ބަންޑާނައިބު އިބްރާހީމް ރިފްޢަތު މިއަދު އޮތް ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދިވެހިރާއްޖޭގެ ރިވިއު ސެޝަނުގައި ވާހަކަދައްކަވަމުން ވިދާޅުވެއްޖެއެވެ. މިއަދު އޮތް ސެޝަނުގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާއާއި ޤާނޫނީ ނިޒާމު އިސްލާހުކުރުމުގެ ދާއިރާއާ ގުޅޭ ގޮތުން އިންޓަރވެންޝަން ހުށަހަޅައިދެއްވަމުން ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ޖުޑީޝަރީ ޖަވާބުދާރީކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ކަމުގައެވެ. އަދި އެ ކޮމިޝަނަކީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރަންޖެހޭ ކޮމިޝަނެއް ކަމުގައިވީ ނަމަވެސް، އެކި ފަރާތްތަކުން އެ ކޮމިޝަނަށް ކުރިމަތިވި ނުފޫޒުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި އެ ކޮމިޝަން މަސައްކަތްކޮށްފައިނުވާ ކަމުގައިވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކޮމިޝަނުގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރަށް އެ ކޮމިޝަނަށް މިހާރު ހުށަހެޅޭ މައްސަލަތަކުގެ ޢަދަދަށް ބަލާއިރު ޢާންމުން އެ ކޮމިޝަނަށް ކުރާ އިތުބާރު އިތުރުވެފައިވާކަން އެނގޭކަމުގައިވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ތަޞައްވުރުކުރާ ޖުޑީޝަރީއަކީ ދައުލަތުގެ އެހެން ބާރުތަކުން މިނިވަންވެފައިވާ ޖުޑީޝަރީއެއް ކަމުގައިވީ ނަމަވެސް މިހާތަނަށް އެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން މިނިވަން މުސްތަޤިއްލުކަމާއެކު ޖުޑީޝަރީއަށް މަސައްކަތްކުރެވިފައިނުވާ ކަމުގައި ބަންޑާރަނައިބު ވިދާޅުވިއެވެ. މި ސަރުކާރު އިންތިޚާބުކޮށްފައިވަނީ ޖުޑީޝަރީ އިސްލާހުކުރުމުގެ ވަޢުދުގެ މައްޗަށް ބިނާކޮށްކަން ފާހަގަކުރައްވައި ބަންޑާރަނައިބު ރިފްޢަތު ވިދާޅުވީ 2019 ވަނަ އަހަރު ޖުޑީޝަރީ އިސްލާހުކުރުމުގެ ޕްރޮޕޯޒަލް އެކުލަވައިލި ކަމުގައެވެ. ޖުޑީޝަލް ރިފޯމް ޕްލޭން ބިނާކޮށްފައިވަނީ ކޯޓުތަކުގެ އޮނިގަނޑާއި އިޚުތިޞާޞު އިސްލާހުކުރުމާއި، ކޯޓުތަކުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމާއި، ފަނޑިޔާރުން ޒިންމާދާކުރުވައި އެ ފަރާތްތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މައްޗައްކަން އެޓާނީ ޖެނެރަލް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ކުރިއަށްވުރެ ހަރުދަނާކުރުމަށް، ސަރުކާރުން 200 އަށްވުރެ ގިނަ ބިލު ޤާނޫނު ހަދާ މަޖިލިހަށް ހުށަހަޅަން ނިންމާފައިވާ ކަމުގައާއި، އޭގެ ތެރެިއން 76 ބިލެއް މިހާތަނަށް މަޖިލިހަށް ހުށަހަޅާފައިވާ ކަމުގައި ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި މި ބިލުތަކުގެ ބޭނުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމު އިހުނަށްވުރެ ހަރުދަނާކޮށް ދިވެހިރާއްޖެއިން އުފުލަން އެއްބަސްވެފައިވާ ބައިނަލްއަޤުވާމީ އިލްތިޒާމުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކުރުން ކަމުގައި އެޓާނީ ޖެނެރަލް ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ