ކޭބަލް ކާރު އަޅަން ހުއްދަ ނުދިނީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ: އަސްލަމް

ކާށިދޫގައި ކޭބަލް ކާރެއް އެޅުމަށް ސަރުކާރުން ހުއްދަ ނުދިނީ އެކަމަކީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާތީ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރެއްވި ވައުދެކެވެ. އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކާށިދޫ އިން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ ފީސިބަލް ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ކައިރީ މިބާވަތުގެ ވާހަކަ ދެއްކި ނަމަވެސް އެއީ ވާނެ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމުގައެއް އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ކަމުގައި ވެސް. އެހެންވީމަ އެކަން އަޅުގަނޑު ހަމަ ބުއްދީގަ ހުރެގެން ވަޒީރަކަށް ހުންނަނީ އަޅުގަނޑުގެ ޒިންމާ އަދާ ކުރަން،" އަސްލަމް ވިދާޅުވި އެވެ.
ކޭބަލް ކާރު އެޅުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށްޓަކައި އެ މަސައްކަތް ކުރާ ކުންފުންޏެއްގެ އިސް ފަރާތްތަކެއް ވެސް ޖާބިރު ކާށިދޫއަށް ގެންދިޔަ އެވެ. ނަމަވެސް ފަހުން ސަރުކާރުން ހުއްދަ ނުދިނުމުން އެއްވެސް ކަމެއް ކުރިޔަށް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ