ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް

ގއ. ދެއްވަދޫއިން އުފެދުނު ކޮވިޑް-19 ކްލަސްޓާގައި ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް އަރައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ނިމިދިޔަ ހަފްތާގައި ދެއްވަދޫ އިންނާއި އެއަތޮޅު ދާންދޫން އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިއްޔެ ވެސް ދެއްވަދޫން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންކަމުން މި ކްލަސްޓާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް އަރާފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ދެއްވަދޫގައި ކޮވިޑް ފެތުރެން ފެށިކަން އެނގުނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެރަށުން 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.
މިހާތަނަށް އައިއިރު ދެއްވަދޫ ކްލަސްޓާގެ 400 ކޮންޓެކްޓުން ވަނީ ހޯދިފަ އެވެ. މިއާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެކްލަސްޓާއާއި ގުޅުންހުރި ރަށްތަކުން 14،000 އަށްވުރެއް ގިނަ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކޮށްފަ އެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅުންހުރި ކޮންޓެކްޓުން އެއަތޮޅުގެ އެހެން ބައެއް ރަށްތަކުގެ އިތުރުން ލ. އަތޮޅާއި ހުޅުމާލެއިން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ