ދަތުރުތަކަށް 109 މިލިއަން ރުފިޔާ ހަރަދުވެއްޖެ

ސަރުކާރުން މި އަހަރު ދަތުރުތަކަށް 109.7 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން 1 ޖެނުއަރީ އިން 19 ނޮވެމްބަރުގެ ނިޔަލަށް ސަރުކާރުން ވަނީ ދަތުރުތަކަށް 109.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 185 މިލިއަން ރުފިޔާއެވެ. މިއަހަރު ދަތުރުތަކަށް 237.8 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައިވެސް ދަތުރުތަކަށް 170.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ދަތުރުތަކަށް ހަރަދު ކުރި މިންވަރު މަދުވެފައިވަނީ ކޮވިޑު-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުންނާއި، މާލެއިން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތުމުން ކަމަށް ބެލެވެއެވެ. މާލެއިން ކޮވިޑު-19 ފުރަތަމަ ކޭސް ފެނުމާއި އެކު މާލެއަށް އަރާ ފޭބުން މަނާކޮށްފައިވާއިރު މާޗު މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރުތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި ބޯޑަރުތައް މިހާރު އަލުން ހުޅުވާލި ނަމަވެސް އެހެން ޤައުމުތަކަށްވެސް ދަތުރު ކުރުމުގައި ހުރަސްތައް ހުރުމުން ސަރުކާރުން އެފަދަ ދަތުރުތައް އަދި ނުކުރެއެވެ.އެހެން ނަމަވެސް ބައެއް ވަޒީރުން ރާއްޖެއިން ބޭރަށް މިހާރު ދަތުރުކުރަން ފައްޓަވާފައިވާކަން ފާހަގަކުރެވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ގިނަ ދަތުރުތައް ރާއްޖެއިން ބޭރަށް ކުރައްވާފައެވެ. މިގޮތުން ވެރިކަމުގެ ފުރަތަމަ އަހަރު، ރާއްޖެއިން ބޭރުގައި ޖުމްލަ 57 ދުވަސް އެމަނިކުފާނު ހޭދަކުރެއްވިއެވެ.2018 ވަނަ އަހަރު ބޭއްވީ ރިޔާސީ އިންތިހާބުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވި ގޮތުގައި ގިނަގިނައިން ދަތުރުލުރެއްވުމަކީ އެމަނިކުފާނު ވަރަށް ކުރާހިތްވާ ކަމެކެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ