އަޅުގަނޑަށްޓަކާ އެމްޑީޕީ އާއި ކޯލިޝަން ސަރުކާރު ބަލިކޮށްދީ: ރައީސް ޔާމީން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ކޯލިޝަން ބަލިކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެއީ މިއަދު ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރިތާ މިއަދަށް އެއް އަހަރު ވެފައިވާއިރު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވަނީ މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރައްވައިފަ އެވެ.
ޕީޕީއެމުން ބުނީ، އެ ބައްދަލު ކުރެއްވުމުގައި ދިވެހި ރައްޔިތުންގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުންނެވި ކަމަށާއި ކޮންމެ ފަދަ ހާލަތެއްގައި ވެސް ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ބަލި ކުރުމަށްޓަކައި ސާބިތުކަމާއެކު، ހިތްވަރާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް ބުންޏެވެ.
"ރައީސް ޔާމީނަށްޓަކައި ވެސް އަދި މި ގައުމަށްޓަކައި ވެސް މިއަދު ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އާއި ކޯލިޝަން ސަރުކާރު ބަލިކުރުން ކަމަށާއި ވޯޓް ފޮށިން އެ ނަތީޖާ ދައްކަވައި ދެއްވުމަށް ރައީސް ޔާމީން ގެ ސަޕޯޓަރުންނަށާއި ހުރިހާ ރައްޔިތުންނަށް ގޮވާލެއްވި،" ރައީސް ޔާމީން ވިދާޅުވި ކަމަށް ޕީޕީއެމުން ބުންޏެވެ.
ރައީސް ޔާމީން ޖަލަށްލިތާ އެއް އަހަރުވުމުން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ކަނޑުމަތީގައި މުޒާހަރާކޮށްފަ އެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވެސް އެކަމަށް ގޮވާލައި އެއްވުންތައް ބާއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ