އަރބަން ގާޑެނިންގް ޕްރޮގްރާމް ބިލަބޮންގް ހައި ސްކޫލުގައި އިފްތިތާޙް ކޮށްފި

ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ހިއްސާ ކުރާ މިންވަރު އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި އާރބަން ގާޑެނިންގް ޕްރޮގްރާމެއް އިފްތިތާޙް ކޮށްފިއެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި މިޕްރޮގްރާމު އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ. މިޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ސްކޫލް ކުދިން އުނގެނިގެން އަންނަ އިރު، ދަނޑުވެރިކަމަށް އަހުލުވެރިވުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ސްކޫލް ނިންމާ ދަރިވަރުން މިފަދަ ކަންކަމަށް އަހުލުވެރިވުންވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގާއި ގުޅިފައިކަން ފާހަގަ ކުރައްވާ އެކަމަށް މިނިސްޓަރގެ ވާހަކަފުޅުގައިވަނީ އަލިއަޅުއްވާލައްވާފައެވެ.
އާރބަން ގާޑެނިންގް ޕްރޮގްރާމްގެ އެންމެ ބޮޑު މަޤްޞަދަކީ ކުދި ޖާގަތަކުގައި ވެސް ދަނޑުވެރިކަން ކުރެވިދާނެ ކަން ދައްކައި ދިނުމާއި، ކާނާގެ ޔަޤީން ކަން ކަށަވަރު ކޮށްދިނުމާ އެކު ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.
މި ޕްރޮގްރާމްގެ ދަށުން އާރބަން ގާޑެނިންގް މޮޑެލް ބިލަބޮންގް ހައި ސްކޫލުގެ ދެ ފްލޯއެއްގައި ދައްކާލެވޭނެއެވެ. އެގޮތުން ތަފާތު އެކި ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން މިމަސައްކަތް ކުރެވިދާނެ ގޮތް ދަސްކޮށް ދެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ހައްދާނީ ފަސޭހައިން ހެއްދޭ ބާވަތްތައް ކަމަށާއި، ހައްދާ ބާވަތްތައް 4 މަސް ދުވަހުން ބަދަލު ކުރަމުން ދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އެއްއަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމް، ބިލަބޮނގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށް ގެންދަނީ އެކަމަށް ހުޅުވާލި ފުރުސަތުގައި، އެސްކޫލް ހިންގާ އައިލެންޑަރސް ޕްރައިވެޓް ލިމިޓެޑުން ކުރިމަތިލައި އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅައިގެން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިވަގުތު މިމަސައްކަތް ކުރަމުން ދަނީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ހިމަނައިގެން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރަށް ޕްރޮގްރާމް ފުޅާ ކުރުމުގެ މަސައްކަތް އެފަރާތުން ކުރައްވާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
އާރބަން ގާޑެނިންގް ޕްރޮގްރާމުގެ ދަށުން ކުދި ޖާގަތަކުގައި ގަސް ހެއްދުމުގައި ބާރުގަދަ ވިހަ ކެމިކަލް ބޭނުން ނުކޮށް ގަސް ހައްދަން ދަސްކޮށްދެވޭނެއެވެ. މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ފޯރުކޮށްދޭނީ ދަނޑުވެރިކަމާބެހޭ ވުޒާރާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ