އަޅުވެތިކަމަށް ދިޔައީމަ، އެ އުނދަގުލާ ސިފައިން ކުރިމަތިލާން ޖެހޭނެ: ރައީސް ޔާމީން

އަޅުވެތިކަމަށް ދިޔައީމަ، އެ އުނދަގޫލާ އާއްމު ރައްޔިތުންގެ އިތުރުން ސިފައިން ވެސް ކުރިމަތިލާން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި، ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި ޔާމީން މިހާރު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނ. މަގޫދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތައް ވަރަށް ގިނަ ކަމަށެވެ. "ކުރީ ފަހަރު ނަޝީދުގެ ވެރިކަމަށްވުރެ މާގޮންޖެހުންތައް ގިނަ. މާހިތްދަތިކަމާއި މާނުރައްކާތެރިކަމާއި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި މިސަރުކާރުގެ ވެރިކަމުގައި ދިވެހިރާއްޖެ މިއޮތީ." ޔާމީން ވިދާޅުވިއެވެ.ޔާމީން ވިދާޅުވީ މިއަދު ހުރިހާ ދިމާއަކުން ވެސް ފެންނަން އޮތީ ގޮންޖެހުންތަކާއި ހުރަސްތަކެވެ. "ފަރުދީގޮތުން އަދި ކިއެއްތަ ހަމައެކަނި ގައުމީ ބޮޑެތި މައްސަލަތައް އެކަންޏެއްނޫން. އާއިލާތަކަށް ދިމާވާ ކަންތައް. އާމްދަނީ ހޯދަން މީހުން ކުރާ މަސައްކަތްތަކަށް ދިމާވާ ކަންތައް. ބަލިހާލަތާއި ފަރުވާ ހޯދުމަށް ހުރި ގޮންޖެހުންތައް އެބަހުރި،" ޔާމީން ވިދާޅުވިއެވެ.މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައްޖޭގެ މަސްރަހް މިހާރު ހުރި ގޮތުން މިވަގުތު ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.އެ މަނިކުފާނު ދެން އެންމެ ކަންބޮޑުވުން ފާޅުކުރެއްވީ، ރާއްޖޭގެ މިނިވަންކަމާ ގުޅުން ހުރި މި ފަދަ ބޮޑެތި ކަންތައްތަކެއް ހިނގާއިރު، އެކަމުގައި ސިފައިންގެ އިސްވެރިން ހަނު ތިއްބެވުމެވެ.ޔާމީން ވިދާޅުވި ގޮތުގައި ސިފައިންގެ ޖެނެރަލުންނަށް އެ ވާހަކަތައް ދައްކަން ދަތިވާނެކަން ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު އެކަމުގައި ހަނު ތިއްބަވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ ސިފައިންނަކީ ގައުމިއްޔަތާއި ސިޔާދަތު އަދި މިނިވަންކަން ހިމާޔަތް ކުރުމަށް ހުވާކުރައްވައިގެން ތިއްބެވި ބަޔަކަށް ވާއިރު، ރާއްޖޭގެ މިނިވަންކަމާ ގުޅޭ ކަންކަން މިހާ ހަމައަށް އައުމުން، ހައްގު ބަހުން ވާހަކަ ދައްކަވަން ޖެހޭނެ ކަމަށެވެ."ބައެއްގެ އަޅުވެތިކަމަށް ދިޔައީމަ، އެ އުނދަގޫ ސިފައިންގެ އިތުރުން އާއްމު ރައްޔިތުން ވެސް ކުރިމަތިލާން ޖެހޭނެ.." ރައީސް ޔާމީން ވިދާޅުވި އެވެ.ޔާމީން ވަނީ، މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުންނަކީ އިދިކޮޅުގައި ތިއްބެވި އިރު، ސިފައިންނާ ދިމާއަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ، އެ މީހުންގެ ކަރާމާތް ގެއްލޭގޮތަށް ވާހަކަ ދެއްކެވި ބައެއްކަން ހަނދާން ކޮށްދެއްވާފަ އެވެ."އެކަމަކު މިއަދު ކީކޭތޯ އެ ކިޔަނީ. މިއުޅޭ އެކި ފެންވަރުގެ ރިޔާތަކަށް ގެއިން ބޭރަށް ވެސް ނުނިކުމެވޭ އެ ބޭފުޅުންގެ އެހީއާ ނުލައި. އެ ފެންވަރުގައި މިއޮތީ މި މީހުންގެ ހާލު،" ޔާމީން ވިދާޅުވި އެވެ.އެމަނިކުފާނު ވަނީ، ރާއްޖޭގައި މިނިވަންކަން އޮތްތޯ އަމިއްލައަށް ސުވާލުކުރައްވައި، އެ ކަމުގައި ހައްގު ބަސް ވިދާޅުވެދެއްވުމަށް ސިފައިންގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޔާމީން ވިދާޅުވީ ރާއްޖޭގައި އަމިއްލަ ބާރު ނުހިނގާތީ އާއި ދިވެހި ނޫސްވެރިންނަށް، ކަންހިނގާ ގޮތް ތެދުބަހުން ގެނެސްނުދޭތީ އެކަމާ އުނދަގޫވެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް އުނދަގޫވެވަޑައިގަންނަވަނީ، ރައީސް ސޯލިހު، 'ކަހާތަން ހިރުވައިނުލާތީ' ކަމަށް ވިދާޅުވި އެވެ."އެހެންވެ، އަޅުގަނޑު މި ދަންނަވަނީ ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހޭ." ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ