އެމްޕީއެލްގެ ފްލެޓަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ހަދަމުންދާ ފުލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފި އެވެ.
މިކަން ސަރުކާރުގެ ފަރާތުން ހާމަކުރެއްވީ އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ރައީސް ވިދާޅުވީ އެމްޕީއެލްގެ މުވައްޒަފުންނަށް ހަދައިދޭ ފްލެޓްތަކުގެ އަގާ މެދު މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެމްޕީއެލްގެ ވެރިންނާ ބޯޑާ ވާހަކަދައްކަވައިގެން ލުއި ގޮތްތަކެއް ހޯދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދު ކުރާ ގޮތުގައި ކުންފުނީގެ ބޯޑުން މިހާރު ނިންމާފައިވާ ނިންމުމުން، އެމްޕީއެލްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ރައީސް ސޯލިހް އިޝާރާތް ކުރެއްވި ލުއިތަކުގެ ތަފްސީލް ހިއްސާކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.
އެމްޕީއެލްގެ އަހަރީ ޖަލްސާގައި ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މުވައްޒަފުންނަށް ހަދަމުންދާ ފްލެޓްތަކަށް ކުރިން ހަމަޖެހިފައި އޮތީ އެއްފަހަރާ ފައިސާ ދައްކާ އުސޫލެއް ކަމަށެވެ. ނަމަވެސް 20 އަހަރަށް ބަހާލައިގެން ފްލެޓަށް ފައިސާ ދެއްކޭނެ ގޮތް މިހާރު ހަމަޖައްސައިދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
"މުވައްޒަފުންގެ ޝަކުވާތައް އަޑުއެހުމަށްފަހު ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ފަހުން ތައާރަފްކުރިން. އެހެންވެ ލުއި ގޮތްތަކެއް މިހާރު ހަމަޖައްސާފައިވާނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފްލެޓްތަކުގެ މެއިންޓެނަންސް ފީ ކުޑަކޮށްދީ އަދި ބުކިން ފީއަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައިވެސް މިހާރު ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
އެމްޕީއެލްގެ ފްލެޓްތައް އަންނަ އަހަރުގެ އެންމެ ކުރީކޮޅު ނިންމާލުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޕީއެލް އިމާރާތް ކުރާ ތިން ޓަވަރުގައި 535 ޕްލެޓް ހިމެނޭއިރު އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ