ގްރީން ކޮމެޓު ޓެލެސްކޯޕުން ބަލާލުމުގެ ފުރުޞަތު އާއްމުންނަށް

ދުނިޔެ ކައިރިން ދަތުރުކުރާ ގްރީން ކޮމެޓު ޓެލެސްކޯޕު މެދުވެރިކޮށް ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ފަހިކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. މި ގްރީން ކޮމެޓަކީ ކޮންމެ ފަންސާސް ހާސް އަހަރުން އެއްފަހަރު ދުނިޔެ ކައިރިން ދަތުރުކުރާ ކޮމެޓެކެވެ.
މި ކޮމެޓް ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ފަހިކޮށްދީފައިވަނީ ސްޕޭސް ކެޓުގެ ފަރާތުންނެވެ. ސްޕޭސް ކެޓުން ވަނީ މި ގްރީން ކޮމެޓް ބަލާލަން ޝަޢުގުވެރިވާ ފަރާތްތަކަށް މާލޭގެ މަސްވެރިންގެ ޕާކު ސަރަޙައްދުގައި ޓެލެސްކޯޕެއް ބަހައްޓާ، އެ ފުރުޞަތު ހިލޭ ދީފައެވެ. މިއީ ޖައްވީ ކަންކަމަށް ޝަޢުގުވެރިވާ ޒުވާނުންނާއި ކުޑަކުދިންނަށްވެސް ފަހިކޮށްދެވޭ މުހިއްމު ފުރުޞަތެއްގެ ގޮތުގައި ސްޕޭސް ކެޓުން ބުނެއެވެ.
މި ގްރީން ކޮމެޓް ބަލާލުމަށް ހުޅުވާލި ފުރުޞަތުގައި، ގިނަ ޢަދަދެއްގެ ޒުވާނުންނާއި ތުއްތު ކުދިންވެސް ވަނީ ކޮމެޓް ބަލާލުމަށް މަސްވެރިންގެ ސަރަހައްދަށް ގޮސްފައެވެ. މި ހަރަކާތް ކުރިއަށްދިޔަ ވަގުތު މިކަމާގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީ، އާއްމުން ކުރާ ސުވާލުތަކަށް ސްޕޭސް ކެޓުގެ މެންބަރުން ވަނީ ޖަވާބު ދީފައެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ކޮމެޓް ބަލާލުމަށްޓަކާ މާދަމާ ރޭ ޓެލެސްކޯޕު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ރޭ 20:00 އިން ފެށިގެން ދެވަނަ ފޭސްގައި ވޯލްޑް ކަޕްގެ މެޗުތައް އެޅުވި ހުސްބިން ސަރަހައްދުގައި ކޮމެޓް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ގްރީން ކޮމެޓަކީ ޒްވިކީ ޓްރާންސިއަންޓް ފެސިލިޓީން މިދިޔަ އަހަރުގެ މާރިޗު ދެވަނަ ދުވަހު ދެނެގަތް ކޮމެޓެކެވެ. މި ކޮމެޓުގެ ނިއުކްލިއަސް ވަށައި ފެހިކުލަ ދިއްލެނީ އިރުގެ އަލީގެ ސަބަބުންނާއި ޑައިއެޓޮމިކް ކާބަންއާއި ސައިނޮޖެންގެ ސަބަބުންނެވެ.
ގްރީން ކޮމެޓު ބަލާލުމައްޓަކައި މާލެއާއި ހުޅުމާލެއިން އެތަކެއް ބަޔަކު އެ ސަރަހައްދަށް ޖަމާވެފައެވެ. އެ ގޮތުން ގިނަ ބަޔަކު ވަނީ ކޮމެޓު ބަލާލުމުގެ ސައުގުވެރިކަން ފާޅުކޮއްފައެވެ.
ސްޕޭސް ކެޓުން މަޢުލޫމާތުދޭ ގޮތުގައި އަންނަމަހުގެ 8 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ކޮމެޓް ފެންނާނެ ކަމަށެވެ. އަދި އުޑުމަތި އަނދިރިކޮށް އޮންނަ ސަރަހައްދުތަކުން ޓެލެސްކޯޕެއްގެ އެހީއާނުލާ ހަމަ ލޮލަށްވެސް ފެންނާނެކަމަށް ސްޕޭސް ކެޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ