ކޭވް ޑައިވިން ހާދިސާގެ މޯހިރުގައި ސަރުކާރުގެ ވިސްނުން ހުރީ ޓެކްނިކަލް ޑައިވިން ރެގިއުލޭޓުކުރަން

ފީނަން ހުއްދަ ދީފައި އޮންނަ ފީނުމުގެ ގަވާއިދުގައި އޮންނަ 30 މީޓަރަށް ވުރެ ފުނުގައި ހުރި ކަނޑުއަޑީގެ ހޮހޮޅައަކަަށް ދިޔަ އިޓަލީގެ ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން، ސަރުކާރުގެ ވިސްނުން ހުރީ ޓެކް ރެކް ޑައިވިން ގާނޫނެއް ވުޖޫދުކޮށްގެން އެ ބާވަތުގެ ޑައިވްތައް ރެގިއުލޭޓުކުރަން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓެކްނިކަލް ޑައިވިނަށް ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ފެށިއިރު، ރާއްޖެއަކީ ފީނާ މަންޒިލުތަކުގެ ތެރެއިން މި ކަން މަނާކޮށްފަ އޮންނަ ހަމައެކަނި ގައުމެވެ. 
މިކަމާ ގުޅިގެން "ޕްރެސާ ވިތު ސްޕޮކްސް" ގައި މުންދު ވަނީ ހޮހޮޅައަށް ފީނަން ދިޔަ ހާދިސާއަށް އިޝާރާތްކުރައްވަމުން، ގާނޫނު ވުޖޫދު ވުމަށް ފަހު ދިރާސާތައް ހަދަން އަންނަ މީހުންނަށާއި ހުއްދަތައް އޮންނަ ޓެކްނިކަލް ޑައިވަރުންނަށް ހުއްދަތައް ދެވިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. 
"މި ކަހަލަ ދިރާސާތައް ހަދަން އަންނަ ފަރާތްތަކާއި ޓެކް ރެކް ޑައިވާސްގެ ގޮތުގަ އެއީ ހަމަ ސްޕެޝަލިސްޓު ގިއާއާ އެއްކޮށް ވަރަށް ހާއްސަ، ވަކި ފެންވަރެއްގައި ޑައިވިންގެ ތަޖުރިބާތަކެއް ހުރި ބަޔަކަށް ނޫނިއްޔާމުން ނުުކުރެވޭނެ ކަމަކަށް ވާތީވޭ، ވަރަށް ހަރުދަނާ ގަވާއިދުތަކަށް ވެސް އޭގެ ތެރެއިން ހެދިގެން ރެގިއުލޭޓު ކުރެވިގެން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ. 
މުންދު ވިދާޅުވި ގޮތުގައި ގާނޫނު ޑްރާފްޓު ކުރުމުގެ ފުރަތަމަ މަޝްވަރާތައް ފެށި ކަމުގައި ވިޔަސް، އެ ގާނޫނު ވުޖޫދުކުރެވި ގަވާއިދުތައް ހެދެން މާ ގިނަ ދުވަހެއް ނުވާނެ އެވެ. އަދި މި ގާނޫނު އެކުލަވާލާނީ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ނިންމުމަކީ، މި ބާވަތުގެ ޑައިވިނަށް ހުއްދަ ދޭން ގޮވާލަމުން އަންނަ މީހުން މަރުހަބާ ކިޔާނެ ނިންމުކެވެ. ނަމަވެސް މި ފަހުން ހިނގި ހާދިސާއާ ގުޅިގެން ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ ރައްކާތެރި ޑައިވް މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮންނަނީ، ރެކްރިއޭޝަނަލް ލިމިޓުތަކުގެ ތެރޭގައި ޑައިވުތައް ބަހައްޓާތީ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ