ހޮހޮޅައިގެ ތެރޭ އޮޕަރޭޝަން ހިންގުމުގެ ގާބިލުކަން ނެތް ވާހަކައެއް ސިފައިން ނުބުނޭ: ސަރުކާރު
ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގުމުގެ ގާބިލުކަން ނެތް ވާހަކަ ސިފައިން ނުބުނާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ފަސް ފަތުރުވެރިން މަރުވެފައެވެ. އެ މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ އިޓަލީއަށް ގެންގޮސްފައެވެ. އެ މީހުން ގެއްލުނު ދުވަހު، ސިފައިން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެށިއެވެ. އޭގެ އެއް ދުވަސް ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. https://sun.mv/222423 ޖެހިގެން އައި ދުވަހު، ދިވެހި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. އެ ހިތާމަވެރި ހާދިސާގެ ކުރިން މިދިޔަ ހަފުތާގެ ހުކުރު ދުވަހު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބްރިގޭޑިއާ ޖެނެރަލް، ކޯސްޓްގާޑުގެ ކޮމާންޑަރު މުހައްމަދު ސަލީމް ވިދާޅުވީ، އެ އޮޕަރޭޝަން ފެށިއިރު އެކަށީގެންވާ ވަސީލަތްތައް ސިފައިން އަތުގައި ނެތް ކަމަށާއި މަސައްކަތްކުރަނީ ސިފައިން ރިސްކަކަށް ލައިގެން ކަމަށެވެ. އެ ވާހަކައާ ގުޅިގެން ސިފައިންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ ގޮތުން، ސިފައިންގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު މަހުދީގެ ފުރާނަ ގެއްލުމުގައި އިހުމާލެއް ވޭތޯ ތަހުގީގުކުރަން ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. އޭގެ ފަހުން، ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ވެސް ވަނީ ފަށާފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސިފައިންގެ ގާބިލުކަން ނެތްކަން އެނގި ތިބެ، އެ ފަދަ އޮޕަރޭޝަނެއް ފެށީ ކީއްވެތޯ މުންދުއާ ސުވާލުކޮށްފައެވެ. އަދި، އެ އޮޕަރޭޝަން ހުއްޓާލަން ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުއިއްޒު އިރުޝާދު ނުދެއްވީ ކީއްވެތޯ ސުވާލުކުރިއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ---- ފޮޓޯ/ ރައީސް އޮފީސް މުންދު ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދަށް އެ މަނިކުފާނަށް ވަޑައިގެންނެވުނުއިރު، އެއް ޑައިވްކޮށްފައިވާ ކަމަށެވެ. ރައީސަށް އެ ދުވަހު ސިފައިން ހިއްސާކުރެއްވީ، އެ ދުވަހު ކުރި ޑައިވްގެ މައުލޫމާތު ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި، އިޓަލީގެ ޓެކްނިކަލް އެހީތެރިކަން ހޯދަން ހަމަޖެއްސީ ވެސް އެ ސަރަހައްދުގައި ހުރެގެންކަން އޭނާ ފާހަގަކުރެއްވިއެވެ. "ކެޕޭސިޓީގެ ވާހަކައެއް އެޑިޝަނަލް ރިސްކެއް ނަގައޭ، ތިމަންނާމެންނަށް ކަމެއް ބޭނުންވެޔޭ ވިދާޅެއް ނުވޭ. ވިދާޅުވި ނަމަ، ހަމަ އެ ކަން އުފަލާ އެކު ސަރުކާރުން ކޮށްދޭނަން،" ތަރުޖަމާނު ވިދާޅުވިއެވެ. ސާފުކޮށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ އެފަދަ ޓެކްނިކަލް ޑައިވެއް ކުރަން ބޭނުންވާ ސާމާނާއި ވަސީލަތް އަދި ތަމްރީން ވެސް ސިފައިންގެ ކިބައިގައި ނެތްކަން ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި، ސިފައިންގެ ފަރާތުން ވެސް އެ ފަދަ ވާހަކައެއް ހިއްސާ ނުކުރާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. މަހުދީއަކީ ސިފައިންގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރެވެ. އޭނާ މަރުވީ ވ. އަލިމަތާ ކައިރީ އޮންނަ ކަނޑު އަޑީގެ ހޮހޮޅައިގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދަން ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ. އެހެންވެ، އޭނާ މަރުވި މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. https://sun.mv/222371 ސަރުކާރާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަހުދީ މަރުވީ ޑިކޮމްޕްރެޝަން ސިކްނެސް ނުވަތަ ޑީކޯ ވެގެންނެވެ. އޭނާއަށް ފަރުވާދޭން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެ މަރުވިކަން ސިފައިން ހާމަކުރިއެވެ. މުންދު އެފަދައިން ވިދާޅުވިއިރު، މި ހާދިސާއާ ގުޅިގެން އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އެ ގައުމުގެ ފަސް ޑައިވަރުން މަރުވާން މެދުވެރިވި ސަބަބު ހޯދަން ޖިނާއީ ތަހުގީގެއް ފަށާފައެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި ޑައިވަރުންގެ މޯބައިލް ފޯނުތަކާއި، އެ ނޫން ވެސް އިލެކްޓްރޯނިކް ސާމާނުތައް އިޓަލީގެ ޖެނޯއާ ފްލައިން ސްކޮޑުން ވަނީ ތަހުގީގަށް ނަގާފައެވެ. ރޯމްގެ ޕްރޮސެކިއުޓަރުން އިސްވެ ތިބެ ކުރިއަށްގެންދާ މި ތަހުގީގަށް މި ތަކެތި އިޓަލީއަށް ގެންގޮސްދިނީ، މަރުވި ޑައިވަރުންނާ އެކު އެއް ސަފާރީއެއްގައި ދަތުރުކުރި ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ސްޓެފާނޯ ވެނިން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި މަރުވި ޑައިވަރުންގެ ހަށިގަނޑުތައް އޮޓޮޕްސީ ހަދަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ޑައިވް ކޮމްޕިއުޓަރުތަކާއި ކެމެރާތަކުން ލިބޭ މައުލޫމާތުގެ އަލީގައި މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމުގެ މަސައްކަތް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ