ޕީއެންސީގެ މަޖިލިސް މެންބަރުން ކުރިމަތީގައި އަސްމާއްތަގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގެންނެވި: ސަލީމް

ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުން ކުރިމަތީގައި މާފަންނު މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ކިބައިން ރައީސް މުހައްމަދު މުއިއްޒު މައާފަށް އެދިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ސަލީމް މިރޭ ވިދާޅުވެއްޖެ އެވެ. 
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އަސްމާއާ މެދު ރައީސް މުއިއްޒު ހިތްހަމަޖެހިވަޑައިނުގެން ޕާޓީ ތެރޭގައި ކަންތައްތަކެއް ހިނގި ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީ ތެރޭގައި ހިނގި ކަންތައްތަކާ ގުޅިގެން ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުން ކުރިމަތީގައި އަސްމާއްތަގެ ކިބައިން މުއިއްޒު މައާފަށް އެދިވަޑައިގެންނެވި ކަމަށެވެ. 
"އަސްމާއްތައާ ދޭތެރޭގައި ކޮންމެވެސް ވަރަކަށް ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހިގެން ކަންތައްތަކެއް ހިނގި. ނަމަވެސް ނިކަން ވިސްނާ ބައްލަވާ އެމަނިކުފާނު އެދުވަހުގައި އަޅުގަނޑުމެންގެ ޕާލަމަންޓްރީ ގްރޫޕްގެ އެންމެންގެ ކުރިމަތީގައި އަސްމާގެ ކިބައިން އެމަނިކުފާނު މއާފަށް އެދިވަޑައިގަތޭ. ނިކަން ވިސްނާ ބައްލަވާ. މިހިރީ މީހުންގެ ހުލްގު ރަނގަޅުކަން،" ސަލީމް ވިދާޅުވި އެވެ.  
ސަލީމް ވިދާޅުވީ ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުންނާ މުއިއްޒު ވަކިވަކިން ބައްދަލުކުރައްވާ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރަންވީ ގޮތާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާ ކަމަށެވެ. 
"ޑރ. މުއިއްޒު އަޅުގަނޑުމެން ޕާލަމަންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާ ކަހަލަ ގޮތަކަށް ވަކިވަކިން އެމަނިކުފާނު ބައްދަލުކުރައްވާފައި، ބައްދަލުކުރައްވާފައި ކަންކަން ދިމާވި ގޮތުގެ ވާހަކަފުޅު ދައްކަވައި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރަންވީ ގޮތާއި ގޯހެއް ހެދިފައި އޮތިއްޔާ މައާފް ވެސް ކުރައްވާ އެހުރިހާ ކަމެއް ވެސް ކުރައްވާ،"  އޭނާ ވިދާޅުވި އެވެ. 
އަސްމާ އާއި މުއިއްޒުއާ ދެމެދު ގުޅުން ގޯސްވީ މާފަންނު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރައްވަން އޮތް ބައްދަލުވުމުގައި ސުވާލުކުރަން ބޭނުންވާ މީހުންގެ ނަންތައް ފޮނުވުމަށް އެދި އަސްމާ ކުރެއްވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖާ ގުޅިގެން މުއިއްޒު ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުގައި އަސްމާއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.
މިގޮތުން އަސްމާ ތަމްސީލުކުރަމުންދިޔަ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާގެ މަގާމުން ވަކިކޮށް، ޕީއެންސީގެ ދަތުރުތަކުގައި ބައިވެރި ނުކުރެވޭގޮތް ވެސް ހެދި އެވެ. ނަމަވެސް ފަހުން އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަން އަސްމާއަށް އަލުންދީ އޭނާއަށް ދަތުރުތަކުގައި ބައިވެރިކުރެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ. 
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ވޯޓުނުދޭން އަސްމާ ބާރުއަޅައި ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ލީކްވެފައި ވަނިކޮށް، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރަކަށް ހުންނެވި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު އަސްމާގެ ކޮއްކޮ، ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރި އެވެ.
ނަމަވެސް ފަހުން މުންދުއަށް ސަރުކާރުގެ ތަރުޖަމާނުކަން ދީފައިވާއިރު، ސަލްމާ ރަޝީދަށް ވެސް އަލުން މަގާމު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ