އެމެރިކާއިން ހަމަލާދިން ތެޔޮ ބޯޓުން އިންޑިއާގެ 24 ފަޅުވެރިން ސަލާމަތްކޮށްފި

އޮމާން ކައިރިން ދަތުރު ކުރަނިކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އަލިފާން ރޯވި ތެޔޮ އުފުލާ ބޯޓުގައި ތިބި އިންޑިއާގެ 24 ފަޅުވެރިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އެ ސަރަހައްދުން ގެންގޮސްފި އެވެ. 
އަލިފާން ރޯވެ، ބޯޓު އަޑިއަށްދާ ކަމަށް ބުނެ ފަޅުވެރިން ވަނީ އެހީއަށް އެދި ކުއްލި މެސެޖުތަކެއް ފޮނުވާފަ އެވެ.
ހޯމަ ދުވަހު ހިނގި މި ހާދިސާއަކީ ގަލްފުގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް އަމާޒުކޮށް ދިން އެންމެ ފަހުގެ ހަމަލާ އެވެ. އީރާނުގެ ހަނގުރާމަ އާއި އެމެރިކާ އިސްވެ އޮވެ އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް އޮތް ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން އޮމާން ކަނޑާއި ހޮރްމޫޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ދަތުރުފަތުރަށް ބުރޫއަރައި، އަސްކަރީ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސްގެ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ "އެމްޓީ މަރިވެކްސް" ނަމަކަށް ކިޔާ އެ ތެޔޮ ބޯޓުގައި އަލިފާން ރޯވީ އެ ގައުމުގެ ގަޑިން މެންދުރުފަހު 1:30 ހާއިރު ކަމަށާއި، އެ ވަގުތު ބޯޓުގައި އިންޑިއާގެ 24 ފަޅުވެރިން ތިބި ކަމަށެވެ.
އޭނާ ބުނީ މިހާތަނަށް ލިބިފައިވާ ރިޕޯޓުތަކުން އެނގޭ ގޮތުގައި ހުރިހާ ފަޅުވެރިންގެ ހާލު ވެސް ރަނގަޅެވެ. އަދި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. ނަމަވެސް، ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބާ ގުޅޭ ގޮތުން ސަރުކާރުން އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮމާންގެ ކަމާބެހޭ ފަރާތްތަކުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ފަޅުވެރިން ވަނީ ބޯޓުން ބާލައި، މަސީރާ އައިލެންޑަށް ގެންގޮސްފަ އެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، "މަރިވެކްސް" ބޯޓަކީ އީރާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް މީގެ ކުރިން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޯޓެކެވެ.
އިންޑިއާގެ ފަޅުވެރިންގެ ހައްގުގައި މަސައްކަތް ކުރާ "ފޯވާޑް ސީމެންސް ޔޫނިއަން އޮފް އިންޑިއާ" އިން ވަނީ މިއީ "ވަރަށް ސީރިއަސް ކަންބޮޑުވުމެއް" އޮތް ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ފަޅުވެރިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި، އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުގެ އަށްވަނަ ދުވަހު އޮމާން ކަނޑުން ދަތުރުކުރި ބޯޓެއް އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވާފައިވާ ކަމަށެވެ. އެ ބޯޓަށް ހަމަލާދިނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އީރާނުގެ ބަނދަރަކަށް ވަންނަން މަސައްކަތް ކުރުމުން ކަމަށް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ