ރައީސްއާ ގުޅޭގޮތުން ޝަމްއާން ހެދީ ކަނޑައެޅިގެން ދޮގު: ސަރުކާރު

‏ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ދޫކުރާ ކޯޓާ އާއި ވޯކް ޕާމިޓް ހުއްދައިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ނާޖާއިޒް ފައިދާ ހޯއްދަވާ ކަމަށާއި އެކަން ރައީސް މުހައްމަދު މުއިއްޒުއަށް އެންގެވުމުން ފިޔަވަޅެއް ނޭޅުއްވި ވިދާޅުވެ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފޭރުމުގައި ބައިވެރިވުމުގެ ކުށާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުގައި މިއަދު ޝަމްއާންގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި، އޭނާ ވިދާޅުވީ ހިންގަމުން ދިޔަ ކޮރަޕްޝަނުގެ އަމަލުތަކެއްގެ ވާހަކަ ރައީސްއާ ހަމައަށް ގެންގޮސް ދިނުމުން ވެސް، އެކަމަށް ފިޔަވަޅު ނޭޅުއްވުމަކީ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ. އަދި ހިނގަމުންދާ ކުށެއް އެނގި ހުރެ ނުހުއްޓުވުމުން، އެކަމުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް - އެކަމަކު އެކަމަށް އިންކާރު ކުރައްވައި، ސަރުކާރު ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ ރައީސްއަށް ނިސްބަތް ކުރައްވައި ޝަމްއާން މިއަދު ދެއްކެވީ، "ކަނޑައެޅިގެން ދޮގު ވާހަކައެއް" ކަމަށެވެ.
ޝަމްއާންގެ މައްޗަށް ކުރި ތިން ދައުވާ ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.
އޭގެ ކުރިން ކްރިމިނަލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝަމްއާން ވިދާޅުވި ގޮތުގައި:
‏ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ދޫކުރާ ކޯޓާ އާއި ވޯކް ޕާމިޓް އެޕްރޫވްކުރުމުގައި އިހުސާން ނާޖާއިޒް ފައިދާ ހޯއްދަވަމުން ގެންދަވާކަން، މިދިޔަ އަހަރުގެ ޖެނުއަރީގެ ތެރޭގައި އޭނާ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެންނެވި
އެގޮތުން ކޮންމެ ކޯޓާއަކަށް 8،000 ރުފިޔާ އާއި އެޕްރޫވްކުރާ ބަންގްލަދޭޝްގެ ކޮންމެ މީހަކަށް 1،800 ޑޮލަރު ނަގާ ކަމަށް އަންގަވައި، އެކަމުގެ ހެކި ހުށަހެޅުއްވި ކަމަށް ވިދާޅުވި
"އޭރު ރައީސް ހުންނެވީ އެސްޓޯނިޔާގައި. އެތަނުގައި ހުންނަވައި ވިދާޅުވީ މިނިސްޓަރު އިހުސާންއާ ދެކޮޅަށް ޝަމްއާން ޒާތީގޮތުން ކަންކަން ކުރާކަމުގެ ތުހުމަތު ލިބިއްޖެ ކަމަށާއި ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް [އިހުސާން] ނުކުރައްވާ ކަމަށް،" ޝަމްއާން ވިދާޅުވި އެވެ.
"އަދި ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް."
ޝަމްއާން ވިދާޅުވީ "ލޯޔަލް ވުމަކީ ތިއެއް ނޫން" ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.
ޝަމްއާން ތުހުމަތުރެއްވި ގޮތުގައި އޭނާ "ފްރޭމްކުރީ" މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކޮރަޕްޝަނާ ދެކޮޅަށް އޭނާ މަސައްކަތްކުރެއްވުމެވެ.
އިހުސާން އާއި ރައީސް އަދި އުޝާމްގެ މައްޗަށް ކުރައްވާ ތުހުމަތުތައް ޝަމްއާން އެކްސްގައި މިއަދު ޕޯސްޓް ކުރެއްވި އެވެ. އޭނާ ތުހުމަތުކުރެއްވިގޮތުގައި ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް "އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވަނީ ވިއްކާލާފަ" އެވެ. އަދި އޭނާ ވިދާޅުވީ އެއީ އިހުސާން އާއި އުޝާމް "އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް" ކަމަށާއި އޭގެ "ހެކި، ފުލުހުން އަތުގައި އަދިވެސް އޮތް އަޅުގަނޑުގެ ފޯންގައި ހުންނާނެ" ކަމަށެވެ.
"މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އަޅުގަނޑަށް ސީދާ ރައީސް މުއިއްޒު ގުޅި. އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅިދުވަހު 'މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ' ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި،" އެކްސް ޕޯސްޓެއްގައި ޝަމްއާން ލިޔުއްވާފައިވެ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލައިގައި މިދިޔަ އަހަރުގެ މާޗު މަހު ޝަމްއާން ހައްޔަރުކުރި އެވެ. އޭގެ ނުވަ މަސް ފަހުން އޭނާ ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޝަމްއާން ވިދާޅުވީ އެއީ ސިޔާސީ އަދި ޒާތީގޮތުން އޭނާގެ މައްޗަށް ހިންގި ތަހުގީގެއް ކަމަށެވެ. އަދި އޭނާ މިއަދު ތުހުމަތުކުރެއްވިގޮތުގައި ފައިސާ ފޭރުނު ކަމަށް ތުހުމަތުކުރާ ބިދޭސީ މީހާ ދޫކޮށްލަން އެންގެވީ ވެސް އިހުސާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ