ލަންކާގެ ކޮޅުނބާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި: ރިޕޯޓު ލަންކާގެ ކޮޅުނބާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި: ރިޕޯޓު

ސްރީ ލަންކާގެ ވެރި ރަށް ކޮޅުނބާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.
ސްރީ ލަންކާ ގާޑިއަންގައި ގެނެސްދިން ހަބަރެއްގައި ބުނެފައި ވަނީ ދެ ގައުމުގެ މެދުގައި ފެރީގެ ހިދުމަތް ފެށުމަށް މަޝްވަރާ ކުރެވުނީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ޖުލައި މަހުގެ ތެރޭގައި މާލެއަށް ކުރެއްވި ދަތުރުގެ ތެރެއިން ކަމަށެވެ.
ފެރީގެ ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ލަންކާއިން ރާއްޖެއަށް މުދާ އެތެރެ ކުރުން ކަމަށް ލަންކާ ހައި ކޮމިޝަނުގެ މުވައްޒަފަކާ ހަވާލާދީ ގާޑިއަންގައި ބުނެފައިވެ އެވެ. އެކަމަކު، ފެރީ ދަތުރު ކުރަން ގާތްގަނޑަކަށް 30 ގަޑިއިރު ހޭދަވާނެތީ، އެ ހިދުމަތް ފެށުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
ރާއްޖެއަށް އެތެރެ ކުރާ ވަރަށް ގިނަ މުދާ މިހާރު ވެސް އެތެރެ ކުރަނީ ލަންކާ މަގުންނެވެ. ރާއްޖެއާ ލަންކާ ދެމެދު ދަތުރު ކުރާ ޝިޕިން ބޯޓުތައް މިހާރު ވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި ގައުމީ ޝިޕިން ލައިނުގެ ބޯޓުތައް ވެސް ހިމެނެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ލަންކާއަށް ފުރަމާނެ ދަތުރެއް ކުރެއްވުމަށް އެ ގައުމުން ދައުވަތު ދީފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު ލަންކާއަށް ވަޑައިގަންނަވާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ދަތުރުގައި ވެސް ފެރީގެ ހިދުމަތާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުގައި ދެއްވި ރަސްމީ ހިތާބުގައި އެދިވަޑައިގަތީ ދިވެހި ވިޔަފާރިވެރިން އެ ގައުމުގައި އިންވެސްޓު ކުރުމަށެވެ. އިންވެސްޓަރުންނަށް ފަހި މަންޒަލިކަށް ލަންކާ ބަދަލު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސްރީ ލަންކާއަކީ ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް އިތުބާރު ކުރެވޭނެ މަންޒިލެއް. އައިޓީ، އޭއައި، ފިޝަރީޒް، އެގްރޯ ޕްރޮސެސިން، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް އަދި އާބަން އިންފްރާސްޓްރަކްޗާގެ ދާއިރާތަކުގައި ދިވެހި ވިޔަފާރިވެރިން އިންވެސްޓު ކުރަން އަޅުގަނޑު ދައުވަތު އަރުވަން،" ޑިސަނަޔަކެ ވިދާޅުވި އެވެ.
އޭޕްރީލް، 2019، ގައި ލަންކާގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެ ގައުމުން ވަނީ "ކަންޓްރީ އޮފް ސެކިއުރިޓީ ކޮންސާން" ގެ ދަރަޖަ ރާއްޖެއަށް ދީފަ އެވެ. އޭގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
މީގެ ކުރިން ލަންކާއަކީ އެންމެ ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅެމުން އައި އެއް ގައުމެވެ. އީސްޓާ ބޮމުގެ ހަމަލާގެ ކުރިން ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅުނު ކަމަށް ބެލެވެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން އެ ނަންބަރު މިހާރު ވަނީ 1500 އަށް ވެއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ