ތަރައްގީ ހުއްޓި ފުންމިން ނޭގެ އަދަވަޅަކަށް ހޯރަފުށި ވެއްޓިއްޖެ: ރައޫފް

ތަރައްގީ ހުއްޓި ފުންމިން ނޭގެ އަދަވަޅަކަށް ހޯރަފުށި ވެއްޓިއްޖެ ކަމަށް ހއ. ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް ވިދާޅުވެއްޖެ އެވެ. ރައޫފް ޝޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީ 2.6 ބިލިއަން ރުފިޔާގެ 206 ޕޮރޮޖެޓް ބަހާލިއިރު ހޯރަފުށީގެ ރައްޔިތުންނަށް ލިބުނީ 0.30 ޕަސެންޓު ކަމަށެވެ."މިއީ ތޯ އަޅުގަނޑުމެންނަށް ހައްޤު މިންވަރަކީ. މިއީ ތޯ އަޅުގަނޑުމެން ބޭނުންވި އުންމީދީ ބަދަލަކީ. ގާތްގަނޑަކަށް 2 އަހަރު މި ސަރުކާރަށް ވެގެން ދިޔައިރު ރައްޔިތުން ހުށަހެޅި އިޖްތިމާޢީ އަދި އިޤްތިޞާދީ އެއްވެސް ކަމަކަށް ހައްލު ގެނެސްދެވިފައި ނެތުމުންވެސް މިސަރުކާރަށް ހޯރަފުށީ ރައްޔިތުން ރުހޭކަން ދައްކާ އަތްޖަހަން ދާންވީ ތޯ.. ކޮބާތޯ ރަށުވަންތަ ލޯބި.. ކޮބައިތޯ ރަށުގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ ނަތީއްޖާ.. ކޮންކަމެއް ތޯ ރަށަށް ވީ" ރައޫފް ލިޔުއްވާފައި ވެއެވެ.ރައޫފް ވިދާޅުވީ ހަތަރު އުދެރެހުން ފިޔަޖަހާ ބަބުޅަމުން ކުރިއަރަމުން އައި ރަށެއް، ފުންމިން ނޭގެ އަދަވަޅަކަށް ވައްޓާލައިފާ ބާއްވާ ސަރުކާރަކަށް ތާއިދުކުރާކަން ދެއްކުމަށް ޖަލްސާއަށް ދިއުމަށްވުރެ ރަށުވަންތަ ލޯބީގައި ނުދިއުން މާ ބުއްދިވެރި ކަމަށެވެ. ރައޫފް އެ އިޝާރާތް ކުރި ޖަލްސާއަކީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވަން ތައްޔާރުވާ ޖަލްސާ ކަމަށް ބެލެވެ އެވެ. މި ޖަލްސާއަށް އެކި ރަށްރަށުން ގިނަ އަދަދެއްގެ ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުން ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.ރައޫފް މިފަދައިން ވިދާޅުވިއިރު، ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..! އޮތުމުން ނެވެ. އަދި އެއް ވާހަކަ އެވެ.މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ