އެއްގަމު ދަތުރުފަތުރުގެ ބިލަށް ޝަމީމް: ކުށުގެ އަދަބު ވަޒަންކުރެވޭނެ ގޮތެއް ނެތްއިރު އަދަބުގެ ދަރަޖަތައް 'އޮޅުންބޮޅުން' ވާނެ

ސަރުކާރު ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ބިލުގެ ސަބަބުން ކުށްތަކުގެ އަދަބުތައް ވަޒަންކުރެވޭނެ ގޮތެއް ނެތް ކަމާއި، ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުގެ ދަރަޖަތައް އޮޅުންބޮޅުންވާނެ ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނިމިދިޔަ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހު ޝާމިން ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ބަލައިގަނެ، މިވަގުތު އޮތީ ކޮމިޓީ މަރުހަލާގައެވެ. އޭނާ ހުށަހެޅުއްވި އެ ބިލުގެ 88ވަނަ މާއްދާގައިވާ ގޮތުން، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވައިގެން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރުދުވަހަށް ޖަލަށްލުމެވެ. އެ ކުށުގެ ސަބަބުން މީހަކަށް ލިބޭ އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި، އަންނާނީ ފަސް އަހަރުދުވަހާއި 15 އަހަރުދުވަހާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި ކުށުގެ ބޮޑުމިނަށް ބަލައި 25 ހާހާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ލާޒިމްވާނެ ކަމަށް އެ މާއްދާގައިވެއެވެ. ހަމަ އެ ބިލުގެ 89ވަނަ މާއްދާގައިވާ ގޮތުން، އެއްގަމު އުޅަނދުގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކަށް، ނުވަތަ ސައިކަލުގެ ފަހަތުގައި އިންނަ މީހާއަށް ހަވާލުކުރުމަކީ މަނާ ކަމެކެވެ. އެ ކަމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރުދުވަހަށް ޖަލަށް ލުމެވެ. އެ ކުށުގެ ސަބަބުން މީހަކަށް ލިބޭ އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި، ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ޝަމީމް، އޭނާގެ އަމިއްލަ ބްލޮގުގައި ކުރެއްވި ޕޯސްޓްގައި ވަނީ، ޝާމިން ހުށަހެޅުއްވި ބިލުގެ ސަބަބުން ވާނީ ފައިދާއަށް ވުރެ ގެއްލުން ކަމަށާއި، އެ ބިލު އެތައް ގޮތަކުން ގޯސް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަދު އުނދަގޫ ގާނޫނުތަކެއް ފިޔަވައި ރާއްޖޭގައި އޮންނަ 100އަށް ވުރެ ގިނަ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށަކާއި ކުށުގެ އަދަބުތައް ޤާނޫނުލްޢުޤޫބާތުގައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝާމިން ހުށަހެޅުއްވި ބިލުގެ 88ވަނަ މާއްދާގައި 89ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބުތައް ޤާނޫނުލްޢުޤޫބާތުގައި ފުރިހަމައަށް ކަވަރު ކުރާ ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ. "އެކަން އެހެން ނުވާކަމަށް ޢިއްޒަތްތެރި މެންބަރަށް ފެނިވަޑައިގަންނަވާނަމަ، އެ ތަފްޞީލުތައް، ޤާނޫނުލްޢުޤޫބާތަށް ގެންނަ އިޞްލާޙަކުން ޙައްލުކުރެވިދާނެ. މި ޤާނޫނަށް އެ ވާހަކަތައް ގެނައުމުން، އާންމު މީހާ އެއްގަމު އުޅަނދު ދުއްވުމާބެހޭ ގޮތުން އޮތް ކުށްތަކަކީ ކޮބައިތޯ ބެލުމަށް 151 ސަފުހާގެ މި ބިލުން ދެ ސަފުހާ ހާވަން ޖެހޭގޮތް މެދުވެރިވޭ،" ޝަމީމް ލިޔުއްވާފައިވެއެވެ. ދެވަނަ ކަމަކަށް ޝަމީމް ފާހަގަކުރެއްވީ އެ ބިލުގައި އުޅަނދުފަހަރުގެ ކުރީގައި އިންނަ މީހާއަށް އަދަބު ލިބޭ ކަމަށް އޮތް ނަމަވެސް، ފަހަތުގައި އިނދެ ބިރު ދައްކައިގެން ކުށްކުރަން މަޖުބޫރުކުރުވާ މީހާއަށް ދޭނެ އަދަބެއް ސީދާ އެ ބިލުގައި ކަނޑައަޅާފައި ނެތުމެވެ. އަދި ފަރުވާކުޑަކޮށް އުޅަނދެއް ދުއްވުމާއި ލައިސަންސް ނެތް މީހަކު އުޅަނދެއް ދުއްވައިގެން އެ ކުރާ ކުށްތަކުގެ އަދަބުތައް ޤާނޫނުލްޢުޤޫބާތާ އަޅާ ބަލާއިރު ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޤާނޫނުލްޢުޤޫބާތުގައި އޮންނަނީ އަދަބުގެ ދަރަޖައާއި، އެއްވައްތަރެއްގެ ނުވަތަ އެއް މިންވަރެއްގެ ނުރައްކާތެރި ކުށްތަކަށް އެއްހަމައެއްގެ އަދަބު ދެވޭ ގޮތަށް ކަމަށާއި، އަދަބު ދިނުމުގައި ފަނޑިޔާރުގެ ބާރުވެސް ވަކި ގޮތަކަށް ތަރުތީބުކުރެވި، ތަފްސީލުކުރެވިފައިކަން އޭނާ ފާހަގަކުރެއްވިއެވެ. "ބިލުގައި އޮތީ އެކްސިޑެންޓަކުން މީހަކު މަރުވުމުގެ އަދަބު، ގަސްދުގައި މީހަކު މެރުމަށްވުރެ ބޮޑުކޮށްފަ. ކުރި އަމަލާއި އެ ޢަމަލަށް އެހެން ގާނޫނުތަކުގައި ހުރި އަދަބުތަކާ އެއްހަމަނުވާނަމަ، އަދަބުތަކުގެ ހަމަހަމަކަމާމެދު ސުވާލު އުފެދޭނެ. ޤާނޫނުލްޢުޤޫބާތުގެ އަދަބުތައް ކުޑަނަމަ، އެކަން އިސްލާޙުކުރެވިދާނެ. ނަމަވެސް، އެ ޤާނޫނުގެ ބޭރުން، އެހެން ގާނޫނުތަކުގައި ތަފާތު ބޮޑެތި އަދަބުތައް ލިޔާނަމަ، މުޅި ނިޒާމުގެ ހަމަހަމަކަމާމެދު ސުވާލު އުފެދޭނެ،" ޝަމީމް ލިޔުއްވާފައިވެއެވެ. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށްކުށަށް ދެވޭ އަދަބުތައް ކުޑަކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެގޮތަށް ޤާނޫނުލްޢުޤޫބާތު އެކުލަވާލާފައިވަނީ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅޭ މީހުން އަދަބު ތަންފީޒުކުރާނެކަމަށް ބަލައިގެންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޢާފާއި، ޕެރޯލާއި އެނޫންވެސް، ނިޒާމުން ބޭރުން ހިންގާ އަދަބު މަޢާފުކުރުމުގެ ސްކީމްތައް ނުހިންގާނެކަމަށް ބަލައިގެން ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ލިޔުއްވިގޮތުގައި، މިހާރު ބިލު އޮތް ގޮތުން ޖިނާއީ ދައުވާކުރެވޭ ގޮތަށް އޮތް ދެ ހާލަތުގައި، އެ އަމަލު ފުރިހަމަކުރަން އިތުރަށް ކުރި ކުދިކުދި ކަންކަމަށް އަދަބު ކަނޑައެޅުމުގައި ރިއާޔަތްކުރެވޭކަށް ނެތެވެ. "މިސާލަކަށް، މީހަކު މަރުވި އެކްސިޑެންޓެއްގައި ބޭނުންކުރި ސައިކަލުގެ ޗެސިސް ނަންބަރު ބަދަލުކޮށްފައި ނުވަތަ ލައިސަންސް ޕްލޭޓް ބަދަލުކޮށްފައި އޮވެފައި، ހަމަ އެކަހަލަ އެހެން ހާދިސާއެއްގައި، ޗެސިސް ނަންބަރު ބަދަލުނުކޮށް، ލައިސަންސް ޕްލޭޓް ބަދަލުނުކުރިޔަސް ވެސް، އަދަބު ދެވެނީ އެއްވަރަކަށް. އަދަބަކުންނެއް މީހާ ކުށްކުރިއިރު ވިސްނުން ގެންގުޅުނު ގޮތުގެ ނުރައްކާތެރިކަމަކަށް ރިޢާޔަތެއް ނުކުރެވޭ،" އޭނާ ލިޔުއްވާފައިވެއެވެ. އެކްސިޑެންޓުގެ އަމަލުތައް ކުށްވެރިކޮށް އަދަބު ބޮޑުކުރުމަކީ ރަނގަޅު ކަމަކަށްވީ ނަމަވެސް، ޝަމީމް ފާހަގަކުރެއްވި ގޮތުގައި ގާނޫނު ތަންފީޒުކުރެވޭނީ އެ ގާނޫނަކީ ފެންވަރު ރަނގަޅު ގާނޫނަކަށް ހެދިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ