ފިނީގައި ހަށިގަނޑު ހޫނުކޮށްދެނީ މުށި ސަރުބީ ފިނީގައި ހަށިގަނޑު ހޫނުކޮށްދެނީ މުށި ސަރުބީ

ޖައްވު ފިނި ދުވަސްވަރު އިރު އޮއްސި އަނދިރިވުމުން ހަށިގަނޑަށް އިހްސާސް ކުރެވޭ ފިނިކަން ވަކިން ބޮޑުވެއެވެ. ހަށިގަނޑު ހޫނުކުރުމަށްޓަކައި ގޭތެރެއަށް ނުވަތަ ބަންދު ތަނަކަށް ވަދެއެވެ. އެވަރުން ނުފުދުމުން ގައިގައި ރަޖާ ލައިގެން ފިނިން ސަލާމަތްވެއެވެ. ހީޓަރެއް ޖައްސައިގެން ނުވަތަ އަލިފާން އަންދައިގެން ވެސް ފިނިން ސަލާމަތްވޭތޯ ބަލައެވެ.
ފިނިވުމުން އޭގެ ޒާތުގައި ހަށިގަނޑަށް އުނދަގޫކަމާއި ކަންނެތްކަން އިހްސާސް ކުރެވުނަސް، ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް ބަރުދަން ލުއިކުރުމަށްޓަކައި، އެ އިހްސާސް ތަހައްމަލު ކުރުމަކީ މުހިންމު ކަމެކެވެ. އެ މުހިންމުކަން ގުޅިފައިވަނީ އިންސާނާގެ ހަށިގަނޑުގައިވާ ސަރުބީގެ ބާވަތެއް ކަމަށްވާ މުށި ސަރުބި (ބްރައުން ފެޓް)އާ އެވެ.
އިންސާނާގެ ހަށިގަނޑަށް ހުރިހާ ގެއްލުމެއް ދެނީ، މާކަޅުވާ މަސްގަނޑާއި އުނަގަނޑު އަދި ކޮލީގަޔާއި ދޯނގިދޮށަށް ޖަމާވެ ތޮއްޖެހިފައި ހުންނަ ހުދު ސަރުބި އެވެ. މިއާ ހިލާފަށް މުށި ސަރުބީގެ މަސައްކަތަކީ، އަހަރެމެންގެ ހަށިގަނޑު ފިނިވާ ހިނދުގައި، ހަށިގަނޑުގައި ހުންނަ ކެލޮރީތައް އަންދައިގެން އެ ކެލޮރީތައް ހޫނަށް ބަދަލުކޮށްދިނުމެވެ.
ބައެއް މީހުން ދެކޭ ގޮތުގައި، މި މުށި ސަރުބީގެ ބޭނުން ހެޔޮ ގޮތުގައި ހިފިއްޖެއްޔާ، އަހަރެމެންގެ ހަށިގަނޑު ލުއިކޮށްލައި ހިއްކާލެވިދާނެއެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު، މި މުށި ސަރުބީތައް ހަރަކާތްކުރުވަން ބޭނުން ނަމަ، ކުރަންވީ ކަމަކީ، ސައެންސްވެރިން ބުނާ ގޮތުގައި، ފިނި ފެނުން ފެންވެރުމެވެ. ނުވަތަ ހަވާދު ގިނަ ކާއެއްޗެހި ކެއުން ނުވަތަ ގިނައިން ކެފޭން ބޭނުންކުރުމެވެ.
ސައެންސްވެރިން މިހެން ބުނާއިރަށް، ފިނި ފެން ބިލިގާއަކަށް އެރި އޮންނާނީކީ ނޫނެވެ. ނުވަތަ ހަތަރު ޖޯޑު ކޮފީ ބޮއެލާނީކީ ނޫނެވެ. އޭގެ ކުރިން، މުށި ސަރުބިއާ ބެހޭ ގޮތުން ހުރި ދިރާސީ ލިޔުންތައް ކިޔައި ކަމުގެ ހަގީގަތް ހޯދައިލުން ރަނގަޅުވާނެއެވެ.
އަހަރެމެން ކޮންމެ މީހަކު އުފަންވާއިރު، އެކަށީގެންވާ މިންވަރަކަށް ހަށިގަނޑުގައި މުށި ސަރުބި ގުދަންކޮށްފައި ހުރެއެވެ. މި ބާވަތުގެ ސަރުބި ހަށިގަނޑުގައި މަސައްކަތް ކުރަނީ، އެތެރޭގައި ހަރުކޮށްފައި ހުންނަ ހީޓަރެއްގެ މިސާލުގައެވެ. އަލަށް އުފަންވާ ތުއްތު ކުދިންގެ ހަށިގަނޑުގައި އެކަށީގެންވާ ވަރަކަށް މަސް ޖަހައިފައެއް ނުހުރެއެވެ. އެހެންކަމުން، އެކުދިންގެ ހަށިގަނޑު ފިނިވާ ހާލަތުގައި، ހަށިގަނޑުގައި ހުންނަ ހަކުރާއި ސަރުބި ހޫނަށް ބަދަލުކުރުމަށް ބަރޯސާވަނީ، އެކުދިންގެ ހަށިގަނޑުގައި ހުންނަ މުށި ސަރުބީއަށެވެ.
މުށި ސަރުބީގެ ސެލްތަކުގައި ވަރަށް ގިނަ އަދަދަކަށް މީޓޯކޮންޑްރިއާ އެކުލެވެއެވެ. މިއީ ސެލްތަކުގެ އެތެރޭގައި ހިންގާފައި ހުންނަ، ހަކަތަ އުފައްދައިދޭ ކާރުހާނާތަކެއް ފަދަ އެއްޗެކެވެ. އާންމު ސެލްތަކުގައި ހުންނަ މީޓޯކޮންޑްރިއާއާ ހިލާފަށް މުށި ސަރުބީގެ ސެލްތަކުގައި ހުންނަ މީޓޯކޮންޑްރިއާގައި ތާމޮގެނީން ކިޔާ ޕްރޮޓީންއެއް އެކުލެވެއެވެ. މިއީ ކާނާގައި އެކުލެވޭ ކެލޮރީތައް ސީދާ ހޫނަށް ބަދަލުކޮށްލައިދޭ ޕްރޮޓީނެކެވެ.
އިންސާނުންގެ ތެރެއިން ބޮޑެތި މީހުންނަކީ، އެމީހުންގެ ހަށިގަނޑުގައި ހުންނަ މުށި ސަރުބީތައް ނުވިރުނަސް، އެހެން އެތައް ވަސީލަތްތަކެއްގެ އެހީގައި ހޫނުކަން ހޯދާ ބައެކެވެ. ހީޓަރެއް ޖައްސައިގެން ނުވަތަ ބޯ ރަޖައެއް އަޅައިގެން ވިޔަސް ހީ ފިލުވާނެއެވެ. އެހެންކަމުން، ޅަފަތުގެ އުމުރުފުރާ ފަހަނައަޅައި، ބާލިގުވާ އުމުރަށް އެޅުމުން މުށި ސަރުބީތައް ހުސްވެގެންދާ ކަމަށް އޮންނަނީ ގަބޫލުކުރެވިފައެވެ.
ސަބަބަކީ، އިންސާނާގެ އުމުރުގެ ވަކި ހިސާބަކުން، ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ބައްދަމުންދާތަން ފެންނަނީ ހުދު ސަރުބިއެވެ. އެހެންކަމުން، ޅަފަތުގެ އުމުރުފުރާ ފަހަނައަޅައި ދިޔުމުން، މުށި ސަރުބީގެ މާ މުހިންމު ދައުރެއް ނޯންނާނެ ކަމަށް އޮތީ ގަބޫލުކުރެވިފައެވެ.
ނަމަވެސް މި ބޯދާ ވިސްނުން ބަދަލުކުރަން މަޖުބޫރުވީ، 2009 ވަނަ އަހަރު ފިންލޭންޑާއި ސްވިޑްންގެ ސައެންސްވެރިން ކުރި ދިރާސާއަކުންނެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި އިންސާނާ ބޮޑު މީހަކަށްވީމައި، އޭނާގެ ހަށިގަނޑުގައި މުށި ސަރުބި ހަމައެކަނި ގުދަންކޮށްފައި ހުންނަކީ ނޫނެވެ. އޭގެ ބަދަލުގައި 16 ޑިގްރީ ސެލްސިއަސް (69.8 ފެރަންހައިޓް) އަށް ވުރެ ދަށަށް ހަށިގަނޑުގެ ހޫނުމިން ދިޔުމުން، މުށި ސަރުބީތައް އޭގެ ހަގީގީ ވާޖިބު އަދާކުރަން ފަށައެވެ. އެ ގޮތުން ލޭގައި ހުންނަ ހަކުރާއި ސަރުބީތައް ދަމައި ގެނެސް، ހޫނަށް ބަދަލުކުރަން ފަށައެވެ.'
މި ދިރާސާގައި އެނގުނު އަނެއް ހަގީގަތަކީ މުށި ސަރުބި އާއި މީހާގެ ބަރުދަނާ ދެމެދުގައިވާ ގުޅުމެވެ. މީހާ ފަލަވެ ސަރުބި ޖަހާފައި ހުންނަ މިންވަރު މަތިވި ވަރަކަށް، އޭނާގެ ހަށިގަނޑުގައި އެކުލެވޭ މުށި ސަރުބީގެ މިންވަރު މަދެވެ. ހަށިގަނޑު ހިކިވެފައި ސަރުބީ މަދުވި ވަރަކަށް، އޭނާގެ ހަށިގަނޑުގައި އެކުލެވޭ މުށި ސަރުބީގެ މިންވަރު މަތިވެއެވެ. އަދި ގިނައިން މުށި ސަރުބީ ހުންނަ މީހުންނަކީ، ހަށިގަނޑު ފިނިވުމުން އެމީހުންގެ މެޓަބޮލިކް ރޭޓް މަތިވާ ބައެކެވެ.
އެހެންކަމުން، ހަށިގަނޑު އާދަޔާ ހިލާފަށް ފަލަވުމުގެ މައްސަލައަށް ފަރުވާއެއް ހޯދުމަށް ކުރާ މަސައްކަތުގައި ދެން އަމާޒު ކުރާނީ މުށި ސަރުބީއަށް ކަމަށް ސައެންސްވެރިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ