ހުރިހާ ކަންބޮޑުވުންތަކެއް ﷲ ތަޢާލާއާގެ ޙަޟްރަތުން ޖަވާބުހޯދައިގެން ފިލުވައިލާ މީހެއްގެ ވާހަކަ-

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އަދި އެމީހާ ފަދައިން ޢަމަލުކުރާ މީހަކަށްވާން މަސައްކަތްކުރާށެވެ! ތިބާއަށް ދުނިޔޭގަޢާއި އާޚިރަތުގައިވެސް އޮތީ އެންމެ ބޮޑު އުފާވެރިކަމެވެ. އިން ޝާ ﷲ  
ކޮންމެ ކަމެއް ކުރުމުގައިވެސް އަހަރެން އަބަދުވެސް ބަލަނީ ﷲ އާ މުޢާމަލާތުކުރުމަށެވެ. އެކަމަކަށް ﷲ ތަޢާލާގެ ނިންމެވުމަކީ ކޮބައިކަން ދެނެގަތުމަށެވެ. ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީވެސް އަދި ހިތްހަމަޖެހުމަކީވެސް އަހަރެން ބޭނުންވި ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ އާއި މުޢާމަލާތު ކުރުމެވެ.  
އަހަރެންގެ ކަންބޮޑުވުންތައް ފިލުވައިލަނީ ﷲ ތަޢާލާ އާ މުޢާމަލާތުކޮށްގެންނެވެ. މިހެން ބުނުމުން ބައެއް މީހުން ވަރަށް ރުޅިގަދަވެ ޒުވާބުވެސް ކުރެއެވެ. އެއީ ނުކުރެވޭނެ ކަމެއް ކަމަށްވެސް ބުނެއެވެ. އެހެން އެވަނީ މާ ހަނިކޮށް ކަންކަން ވިސްނާތީއެވެ.  
އަހަރެން އެކަން ކުރާ ގޮތް މިކިޔައިދެނީއެވެ.  
ވަރަށް ބަލި ހޭލުގައި ވަރަށް ގަދަ ވޭނުގައި އަހަރެން އުޅުނީމެވެ. ބައެއް މީހުން އަހަރެން ގަދަ ނުވާނެ ކަމަށް ވެސް ބުންޏެވެ. އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "ތިއަބައިމީހުން ﷲ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ." އޮތް ބަސްފުޅުންނެވެ. ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް ނިކަން ބަލައިބަލާށެވެ. ފެންނާނެއެވެ.  
އެއްފަހަރަކު ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއްގައި އުޅެން ޖެހުނެވެ. ނޭވާލާންވެސް އުނދަގޫވިއެވެ. ޑޮކްޓަރަށް ދެއްކުމުން ނަފްސާނީ ބަލި މީހަކަށް ހަދައި ވަރަށް ގިނަ ބޭސްތައްވެސް ދިނެވެ. ނަމަވެސް ބޭސްކާކަށް ބޭނުމެއް ނުވިއެވެ. ބޭސްތައް ކައިގެން ބޯ ގޮއްވައިލެވިދާނެއެވެ. އަބަދު ނިދާފައި އޮވެވިދާނެއެވެ. އަވާ މެންދުރެއްގައި އުޅެވިދާނެއެވެ. އެކަމުން ލިބޭނީ ކޮން ހިތް ހަމަ ޖެހުމެއް ހެއްޔެވެ؟ 
އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "އެއުރެންނީ، ﷲ އަށް އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟" ރައްދް ސޫރަތުގެ 28 ވަނަ އާޔަތް ނިކަން ބަލައިބަލާށެވެ. އެ އާޔަތުގައިވާ ފަދައިން އަމަލުކުރަން ފެށުމުން އެންމެ ބޭސް ގުޅައެއްވެސް ނުކައި ހުރިހާ މައްސަލަތަކެއް ހައްލުވެއްޖެއެވެ. ހިތް ހަމަޖެހުން ލިބެން ފަށައިފިއެވެ.  
އެއްފަހަރަކު އަހަރެންގެ އެންމެ ގާތް މީހުން ހަމަ އަހަރެންނަށް އަނިޔާކުރަނީއެވެ. އެކަން ވަރަށް ބޮޑު ކަމަކަށްވިއެވެ. އެމީހުންނަށް ހަދާނެ ގޮތަކާއިމެދު ވަރަށް ބޮޑަށް ކަން ބޮޑުވިއެވެ.  
އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "---- ފަހެ އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާއި މަޝްވަރާ ކުރައްވަވާށެވެ. ފަހެ، (ކަމަކާއިމެދު) ކަލޭގެފާނު ޢަޒުމް ކަނޑއަޅުއްވަވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލް ކުރައްވަވާށެވެ! ހަމަކަށަވަރުން ވަކީލްކުރާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންވެތެވެ." އާލްއިމްރާން ސޫރަތުގެ 159 ވަނަ ޢާޔަތް ނިކަން ބަލައިބަލާށެވެ.  
އަހަރެން އެ ހުރިހާ މީހުންނަށް މާފުކުރީއެވެ. ﷲ އަނަގވާފައިވާ ގޮތަށް އަމަލުކުރީއެވެ. އެ ހިސާބުން އެމީހުން ކުރާ އެއްވެސް އަނިޔާއަކުން އެއްވެސް އުނދަގުލެއް ނުފޯރައެވެ.
އެއް ދުވަސްވަރެއްގައި އަހަރެންނަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިޙްޞާޞް ކުރެވުނެވެ. އަހަރެންނާއި އަޅައިލާނެ ހަމަ އެކަކުވެސް ނެތް ކަމަށް އިޙްޞާޞް ކުރެވި ވަރަށް ބޮޑަށް ކަން ބޮޑުވިއެވެ.  
އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "އަދި ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސަށް ވަސްވާސްދޭ ކަންތައް ތިމަން ﷲ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަން ރަސްކަލާނގެ އޭނާ އާ ކުއްތަންވެ ވޮޑިގަތުން ބޮޑެވެ." ޤާފް ސޫރަތުގެ 16 ވަނަ އާޔަތް ނިކަން ބަލައިބަލާށެވެ.  
އަހަރެން އުފެއްދެވީ ﷲ ތަޢާލާއެވެ. އަހަރެންގެ އެކަނިވެރިކަމާއި ކަންބޮޑުވުންތައް ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ. އަދި އަހަރެންގެ ކަނދުރާގައިވާ މައިނާރަށްވުރެ އަހަރެންނާއި ގާތުގައި ﷲ ތަޢާލާ ވޮޑިގެންވާއިރު ބައަކު އަޅައި ނުލައިގެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ މިމޭރުމުން ވިސްނަން ފެށިއިރަށް ހަމަ ހުރިހާ އެކަނިވެރިކަމެއް ފިލައިގެން ދިއަ ފަދައެވެ.  
އެއް ދުވަސްވަރެއްގައި އަހަރެންނަށް ކުރެވިފައިވާ ފާފަތައް ވަރަށް ގިނަވެއްޖެ ކަމަށް ޤަބޫލުކުރެވުނެވެ. ސަލާމަތް ވެވޭނެ ގޮތަކާއި އަދި އަމަލުކުރަންވީ ގޮތަކާއިމެދު ކަންބޮޑުވިއެވެ. މީސް މީހުންގެ ކައިރިން ދެން ކަންކުރަންވީ ގޮތެއް އޮޅުން ފިލުވަން އުޅުނުވަރަކަށް ލިބެމުން އައީ ކަންބޮޑުވުން އިތުރުވާފަދަ ޖަވާބުތަކެވެ.  
އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފްސްތަކަށް އަނިޔާވެރި ވެއްޖެނަމަ. (އެބަހީ، ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، ފާފަފުއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަ ފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.
އަހަރެންނަކީ ކުށްކުރުން މަތީގައި ދެމިހުރި މީހެއް ނޫނެވެ. ކުށެއް ކުރެވުމުން ތައުބާވަމުން އައި މީހެކެވެ. މިއާޔަތުން އަހަރެންނަށް އެނގުނީ އަހަރެންނަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމުން ފުއްސަވައި ދެއްވަވާނެ ކަމެވެ. އެހިސާބުން އަހަރެންގެ ހުރި ހުރިހާ ކަންބޮޑުވުމެއް ފިލައިފިއެވެ.
އެއް ދުވަސްވަރެއްގައި އަހަރެން އެންމެ ކަންބޮޑުވީ އަހަރެންނަށް ކުރެވޭ ފާފައެއްގެ ސަބަބުން ﷲ ތަޢާލާގެ ރަޙްމަތުން އަހަރެން ބޭރުވެގެން ހިނގައިދާނެ ކަމަށްޓަކައެވެ. އަހަރެންނަކީ އިންސާނަކަށްވީތީ ފަހަރެއްގައި ކުށެއް ކުރެވުނު ނަމަވެސް ﷲ ތަޢާލާ އާއި ދުރަށް ޒައްރެއްގެ މިންވަރުވެސް ޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ.  
އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "ތިއަބައިމީހުން ތިމަން ﷲ ހަނދުމަކުރާށެވެ! އެއިރުން ތިމަން ﷲ ތިއަބައި މީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަން ﷲ އަށް ތިއަބައި މީހުން ޝުކުރުކުރާށެވެ! އަދި ތިމަން ﷲ އަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" ބަޤަރާސޫރަތުގެ 152 ވަނަ އާޔަތް ނިކަން ބަލައިބަލާށެވެ!  
މިއާޔަތުން އަހަރެންނަށް ޔަޤީންކަން ލިބުނީ ﷲ ތަޢާލާ މަތިން ހަނދުމަކުރުންމަތީގައި ދެމިހުރިހައި ހިނދަކު ﷲ ތަޢާލާ އަހަރެންގެ މަތިން ހަނދުމަފުޅު ކުރައްވަވާނެ ކަމެވެ. ވީއިރު ﷲ ތަޢާލާ އަހަރެން ދޫކޮށްލައްވަވައިފާނެ ކަމަށް އެއްވެސް ވަރަކަށް ކަންބޮޑުވާކަށް ނުޖެހޭ ނޫން ހެއްޔެވެ؟ އޮތީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުން ނޫން ހެއްޔެވެ؟  
އެއް ދުވަސްވަރެއްގައި ދިރިއުޅުމުގެ ކަންކަން ވަރަށް އުނދަގޫވިއެވެ. ވަރަށް ދަތިހާލުގައި އުޅެން ޖެހުނެވެ. ދިރިއުޅުމަކީ ބޮޑު މުޞީބާތެއް ކަމުގައި ވެސް ސިފަ ކުރެވުނެވެ.  
އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "---އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!)އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." ޠަލާޤް ސޫރަތުގެ 2 ވަނަ އާޔަތް ނިކަން ބަލައިބަލާށެވެ!  
މިއާޔަތަށް އިތުބާރުކޮށް އަހަރެން ކެތްތެރިވީއެވެ. ނަތީޖާ ވެސް ފެނުނެވެ. ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މުޞީބާތްތަކުން އަރައިގަނެވޭނެ މަގު ﷲ ތަޢަލާ ދެއްކެވިއެވެ.  
އަހަރެންނަކީ ދިރިއުޅުމުގައި ވަރަށް ގިނަ ހުވަފެންތައް ދެކެމުން އަންނަ މީހެކެވެ. ގިނަ ކަންތައްތަކެއް ޙާޞިލުކުރަން ބޭނުންވާ މީހެކެވެ. އެކަންކަން ޙާޞިލުކުރެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އަބަދުހެން އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖައްސާނެ ގޮތަކާއިމެދު މިގެންދަނީ ވިސްނަމުންނެވެ. 
އެހިސާބުން އަހަރެން މަސައްކަތް ކުރީ އެކަމުގައި ﷲ ތަޢާލާގެ ޙުކުމްފުޅަކީ ނުވަތަ ބަސްފުޅަކީ ކޮބައިތޯ ބެލުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ޖަވާބު ލިބިއްޖެއެވެ. "އަދި ތިއަ ބައިމީހުންގެ ވެރި ރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަން ރަސްކަލާނގެ ތިއަބައި މީހުންގެ ދުޢާ އިޖާބަކުރައްވަވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަން ހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." ނިކަން ޣާފިރް ސޫރަތުގެ 60 ވަނަ ޢާޔަތް ބަލައިލަބަލާށެވެ.  
އަހަރެން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށްޓަކައި އަހަރެން މިގެންދަނީ ދުޢާކުރަމުންނެވެ. ނަތީޖާވެސް ވަރަށް ފޮންޏެވެ. އަހަރެންގެ ހުވަފެންތަކުގައި ދަނީ ކުލަޖެހެމުންނެވެ. ބޭނުންވާ ކަންކަން ވެސް ދަނީ ޙާޞިލުވަމުންނެވެ.  
މިކަންކަމުން އަހަރެންނަށް އެނގުނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެން ނުވާ މައްސަލައެއް ނެތް ކަމެވެ. ޙައްލު ހޯދަން އަހަރެން އަދި މިހައި ތަނަށް ބޭނުންވި ހުރިހާ މައްސަލަތަކެއްގެ ޙައްލު މިވަނީ ފެނިފައެވެ.  
މިޒަމާނުގައި މުޢާމަލާތު ކުރަނީ ހަމައެކަނި ބައްދަލުވެގެނެއް ނޫނެއް ނޫން ހެއްޔެވެ؟ މެސެޖު ފޮނުވައިގެން ވެސް މުޢާމަލާތު ކުރަނީ ނޫން ހެއްޔެވެ؟ ވީއިރު ކީރިތި ޤްރްއާނުގައި އެވަނީ ﷲ ތަޢާލާގެ މެސެޖުތަކެވެ. މުޞަޙަފް އެއިގެ ޒާތުގައި އަހަރެމެންނަކަށް ޖަވާބެއް ނުދޭނެއެވެ. ނަމަވެސް އެމުޞަޙަފް ރަނގަޅަށް ބަލައި ހޯދުމުން ހަމަ ކޮންމެ ކަމަކަށްވެސް ޖަވާބު ލިބޭނެއެވެ. ވީމާ އަހަރެން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤްރްއާނަކީ ﷲ ތަޢާލާ އާއި މުޢާމަލާތުކުރަން އަހަރެމެންނަށް އޮތް ވަރަށް ސާފު، ޔަޤީން ކަށަވަރު މަގެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ